ރާއްޖެއިން ކުޅިވަރުތައް ފެށުމަށް ކުރާ މަސައްކަތް ކޮމަންވެލްތާ ހިއްސާކޮށްފި

މިއަދު ކުރިޔަށް ގެންދިޔަ ކޮމަންވެލްތު މިނިސްޓީރިއަލް ފޯރަމް އޮން ސްޕޯޓް އެންޑް ކޮވިޑް19 ގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ// ޔޫތް މިނިސްޓްރީ

ރައްކާތެރިކަމާ އެކު އަލުން ކުޅިވަރުތައް ފެށުމަށް ވާންޖެހޭ ތައްޔާރީތަކާ ބެހޭ ގޮތުން ކޮމޮންވެލްތުގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް މަޝްވަރާ ކުރައްވައިފި އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮަށް މިއަދު ކުރިޔަށް ގެންދިޔަ ކޮމަންވެލްތު މިނިސްޓީރިއަލް ފޯރަމް އޮން ސްޕޯޓް އެންޑް ކޮވިޑް19 ގައި ކޮމަންވެލްތުގެ 54 މެމްބަރު ގައުމުގެ ކުޅިވަރާއި ބެހޭ އިސްވެރިން ވަނީ ބައިވެރިވެފައެވެ. ހަމައެހެންމެ އެ ޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލަންޑް ވެސް ވަނީ މި ފޯރަމްގައި ބައިވެރިވަޑައިގެންފައެވެ.

ފޯރަމްގެ ބައިވެރިންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ ކޮމަންވެލްތު ގޭމްސްއަކީ ދިވެހި އެތުލީޓުންގެ ހުނަރު ދައްކާލުމަށް ލިބޭ ވަރަށް ރަނގަޅު ޕްލެޓްފޯމެއް ކަމަށާއި 2022 ވަނަ އަހަރު އޮންނަ ކޮމަންވެލްތު ގޭމްސްއަށް ދިވެހި އެތުލީޓުން ތައްޔާރު ވާނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކުޅިވަރަށް ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި މިނިސްޓަރ މަޙްލޫފް ވިދާޅުވީ ކުޅިވަރު ކުޅުމަށް ރަނގަޅު ފެންވަރުގެ ފެސިލިޓީސް ގާއިމްކުރުމާއި އެތުލީޓުންނަށް ފެންވަރު ރަނގަޅު ޓްރެއިނިންގ ދިނުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންދާ ކަމަށެވެ.

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް ވެސް ގިނަ އަސަރުތަކެއް ކޮށްފައިވާ ކަމަށާއި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ކުރަމުންދާ މަސައްކަތަށް މީގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް މި ދަތިތަކުން އަރިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި ކުޅިވަރު ކުޅޭ ތަންތަން ހުޅުވާލެވުނީ ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރާއްޖޭގެ އެތުލީޓުންނަށް ޓްރެއިނިންގެ ފުރުސަތުތައް ހޯދައިދިނުމަށާއި ކުޅިވަރުން ބޭނުންވާ ފަންނީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިނުމަށް ކޮމަންވެލްތުގެ ގައުމުތަކަށް ގޮވާލައްވާފައެވެ. މިއީ ދިވެހިރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުނު ފަހުން ސްޕޯޓްސް މިނިސްޓަރސް ފޯރަމެއްގައި ރާއްޖޭގެ ކުޅިވަރު ވަޒީރަކު ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް