ބޮޑު ހިޔާނާތުން 3.4 ބިލިއަން ރުފިޔާ ގެއްލިފައިވޭ: އެސެޓް ރިކަވަރީ ކޮމިޝަން

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަސްއަދު --

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު 3.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ތަހުގީގުން ހާމަވެއްޖެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވީ، ރަށްތަކާއި ފަޅުތައް ދީފައި ހުރީ މުޅިން ވެސް ނުއަގުގައި ކަމަށެވެ. އެހެންކަމުން، ނުއަގުގައި ވިއްކާފައިވާ އެއްޗެއްގެ ހަމަ އަގުން ބަލައިގެން ހިޔާނާތުން، ގެއްލިފައިވާ ފައިސާގެ އަދަދު އޮޑިޓަރެއް ލައްވާ ހިސާބުކުރި އިރު، 3.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބެން ޖެހިފައިވާ ކަމަށް ވެސް އަސްއަދު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެއީ އަދި ހަމަ އެކަނި ރަށްތަކުން ލިބެންޖެހޭ އަދަދު ކަމަށާއި، ފަޅުތައް ހިމަނައިފި ނަމަ އެ އަދަދު ބޮޑުތަން އިތުރުވާނެ ކަމަށް އަސްއަދު ވިދާޅުވިއެވެ.

އަސްއަދު ވިދާޅުވީ ފަޅުތަކުގެ އަގުތައް ހިމަނަން އުނދަގޫވީ، ފަޅުތައް އަގުކުރާނެ އުސޫލެއް ނެތުމުން ކަމަށެވެ.

"ނަމަވެސް ރަށްތައް އަގުމަގު ކުރާނެ އުސޫލެއް އޮތް. އެ އުސޫލުގެ މައްޗަށް ބިނާކޮށް ބެލީމަ އަޅުގަނޑުމެން މި އުޅެނީ 77 މިލިއަން ޑޮލަރެއް ނޫން ނުލިބިގެން، 220 މިލިއަން ނުވަތަ 3.4 ބިލިއަން ރުފިޔާ ނުލިބިގެން މި އުޅެނީ،" އަސްއަދު ވިދާޅުވި އެވެ.

އަދި ފަޅުތައް ހިމަނައިފި ނަމަ އެ އަދަދު ހަތަރު ބިލިއަން ރުފިޔާއިން މައްޗަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ތިނެއް ޕޮއިންޓް ހަތަރެއް ބިލިއަނާ ހަތަރު ބިލިއަނާ ދޭތެރެއިން ލިބެންޖެހޭ އެއްޗަކުން އަޅުގަނޑުމެންނަށް ލިބިގެން މިއުޅެނީ 1.2 ބިލިއަން. ހަތަރުބައިކުޅަ އެއް ބައި ވަރުގެ އަދަދެއް ލިބިގެން މި އުޅެނީ،" އަސްއަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ހިޔާނާތަކީ ރާއްޖޭގެ މުއްސަނދިކަމުގެ ގޮތުގައި ހުރި އެންމެ ބޮޑު ވަސީލަތް ފަޅުރަށްތައް ބަޔަކަށް ދީގެން ހިންގި ހިޔާނާތެއް ކަމަށެވެ. މި ހިޔާނާތް ހިނގީ ދައުލަތުގެ ހުރިހާ އިދާރާތަކެއް ފެއިލްވުމުގެ ސަބަބުން ކަމަށް ވެސް އަސްއަދު ވިދާޅުވި އެވެ. އަދި އެ ފައިސާ ނުދާ އެއްވެސް ސެކްޓާއެއް ނެތް ކަމަށް ވެސް އަސްއަދު ވިދާޅުވި އެވެ.

އެ ފައިސާ ލިބުނު މީހުންގެ އަދަދު މިހާރު 300 އަށް އަރާފައިވާ ކަމަށް ވެސް ކޮމިޝަނުން ހާމަކުރި އެވެ. އަދި އޭގެ ތެރެއިން ކުރިއަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭގައި ފަސް މީހެއްގެ މައްސަލަ ކޯޓަށް ފޮނުވޭނެ ކަމުގެ ޔަގީންކަން ވެސް އަސްއަދު މިއަދު ވަނީ ދެއްވައިފައެވެ.

އަސްއަދު ވިދާޅުވީ މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނަށް އެއްވެސް ނުފޫޒެއް ނެތް ކަމަށާއި އަދި ފަސް މީހުންގެ މައްސަލަ ކޯޓަށް ފޮނުވުމުން، ތަހުގީގު ކުރިއަށް ގެންދަނީ ވަކި ފަރާތަކަށް ބުރަނުވެ އަދި ވަކި މީހަކަށް ބެލުމެއް ނެތިކަން ވެސް ޔަގީންވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް