ދީބާޖާ ޑީލް: ދައުލަތަށް 23.1 މިލިއަން ގެއްލުނު، ދީބާޖާއަށް ބޮޑުތަނުން ފައިދާ

އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހަވާލުކުރި ދީބާޖާ ކުންފުނީގެ އެއްބަސްވުުމުން ދައުލަތަށް އަހަރަކު 1.5 މިލިއަން ޑޮލަރު ލިބުމުގެ ފުރުސަތު ގެއްލިިފައިވާ ކަމަށާއި ނަމަވެސް އެ ކުންފުންޏަށް ތިން އަހަރު ތެރޭ ދިން ލުއިތަކުގެ އަގު 115 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޮޑިޓާ ޖެނެރަލް މިއަދު ވިދާޅުވެއްޖެ އެވެ.

ފެބްރުއަރީ 1، 2010ގައި ދަތުރުފަތުރު ހިދުމަތް ދިނުމަށް ދީބާޖާއާ ހަވާލު ކުރީ، ރ. ކުޑަކުރަތު ދޫކުރުމަށްފަހު އެވެ. އެއްބަސްވުމާ އެއްގޮތަށް ހިދުމަތް ނުދޭތީވެ، ރައީސް ވަހީދުގެ ސަރުކާރުގައި މެއި 30، 2013ގައި ވަނީ އެއްބަސްވުން ބާތިލުކޮށްފަ އެވެ.

ސިވިލް ކޯޓުން ވަނީ ބަދަލަކަށް ދައުލަތުން އެ ކުންފުންޏަށް 374 މިލިއަން ރުފިޔާ ދިނުމަށް ހުކުމްކޮށްފަ އެވެ. އެ ހުކުމަށް ސްޕްރީމް ކޯޓުން ތާއީދު ކުރި ކުރުމާ ގުޅިގެން، ސަރުކާރުން ވަނ ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، 174 މިލިއަން ރުފިޔާގެ ބައްދަލެއް އެ ކުންފުންޏަށް ދިނުމަށް ނިންމާފަ އެވެ. ނަމަވެސް ޕްރެޝަރުތަކާ ހުރެ އެންމެ ފަހުން ބަންޑާރަ ނައިބު ވަނީ، ސްޕްރީމް ކޯޓުގެ ނިންމުން ރިވިއު ކުރުމަށް ހުށަހަޅައި އެ ކުންފުންޏަށް ފައިސާ ދިނުން މަޑުޖައްސާލައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުން މާލިއްޔަތު ކޮމިޓީން ވަނީ މިކަމާ ގުޅިގެން އޮޑިޓް އޮފީހުން އޮޑިޓެއް އެކުލަވާލުމަށް މިދިޔަ އަހަރު ފަހުކޮޅު އެދިފަ އެވެ. މިއަދު މާލިއްޔަތު ކޮމިޓީންގެ ބައްދަލުވުމުގައި އޮޑިޓް އޮފީހުން ވަނީ، މިކަމާ ގުޅޭ ގޮތުން އެ އޮފީހުން ތައްޔާރުކުރި، އޮޑިޓް ރިިޕޯޓްގެ ތަފްސީލްތައް ދެއްވައިފަ އެވެ.

އިއްޔެ ނެރުނު އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވަނީ، ދީބާޖާއަށް އެއްބަސްވުމުން ބާތިލުކުރުމުން ދައުލަތުން އެއްވެސް ބަދަލެއް ނުދިނުމަށް އެދިވަޑައިގެންފަ އެވެ.

ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން، އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ، ދީބާޖާއަށް ބަދަލު ދޭން ޖެހޭ އެއްވެސް ސަބަބެއް އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތް ކަމަށެވެ. ބައްދަލު ދޭން ޖެހޭނީ ކޮށްފައިވާ އިންވެސްޓަކަށް ކަމަށާއި، އުފަން ނުވާ ވިޔަފާރިއަކަށް ބަދަލު ދޭން ޖެހޭ ގޮތަށް އަމަލު ކުރުމަކީ ދުނިޔޭގެ އެއްވެސް ގައުމަކުން ކުރާ ކަމެއް ނޫން ކަމަށް ޒިޔަތު ވިދާޅުވި އެވެ.

"މި ހިދުމަތަށް [ފެރީގެ ހިދުމަތަށް] އެތައް ރައްޔިތުން ބަރޯސާވެގެން ތިބި. އެހެންވެ އެއްބަސްވުމުގައި ސާފުކޮށް ބުނަނީ ހިދުމަތް ފަސް ދުވަހަށް މެދުކެނޑިއްޖެ ނަމަ، އެއްބަސްވުން ބާތިލްކުރެވިދާނެއޭ. އެހާ ސްޓްރިކްޓްކޮށް ބަޔާންކޮސްފައިވޭ އެގޮތަށް. މި ކޮންޓްރެކްޓް ވަރަށް ސާފު، އަޅުގަނޑުމެން ބެލިބެލުމުން އެއްބަސްވުން ބާތިލްކޮށްގެން ދައުލަތަކުން ބަދަލެއް ދޭން ޖެހޭނެ ކަމަަކަށް ނުފެނޭ،" ހަސަން ޒިޔަތު ވިދާޅުވި އެވެ.

އެއްބަސްވުން ބާތިލު ކުރީ، މަހަކަށްވުރެ ގިނަ ދުވަހު ހިދުމަތް ނުދީގެން!

މިއަދު ބޭައްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --

ކޮމިޓީގައި ވާހަކަ ދައްކަވަމުން އޮޑިޓް ރިޕޯޓުގެ ޕްރްޒެންޓޭޝަން ކޮމިޓީއަށް ހުށަހަޅައިދެއްވި އެ އޮފީހުގެ ކޮމްޕެލެއިންސް ސްޕެޝަލް އޮޑިޓްގެ މެނޭޖަރު އަބްދުﷲ ޒުހުރީ ވިދާޅުވީ، ދީބާޖާ އެއްބަސްވުން ބާތިލު ކުރީ، ޖެހިޖެހިގެން ފަސް ދުވަސް ހިދުމަތް ނުދޭނަމަ، އެއްބަސްވުން ބާތިލު ކުރެވެން އޮންނާތީ، ތަކުރާރުކޮށް ހިދުމަތް ފެށުމަށް އެ ކުންފުންޏަށް ފުރުސަތި ދިނުމަށް ފަހު ކަމަށެވެ. އެގޮތުން މަހަކަށްވުރެ ގިނަ ދުވަހު ފެރީގެ ހިދުމަތް މެދުކެނޑިފައިވާ ކަން ރިކޯޑުތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްބަސްވުން އުވާލީ ދަތުރުފަތުރުތަށް ހަމައެކަނި ފަސް ދުވަހު މެދުކެނޑުމުން ނޫން. މުހުލަތުން ދިން ތާރީހުން ފެށިގެން 32 ދުވަސް ފާއިތުވެފައި އެބަ އޮތް ހިދުމަށް އެކަށީގެންވާ މިންވަރަށް ނުދެވި،" އަބްދުﷲ ޒުހުރީ ވިދާޅުވި އެވެ.

ހިދުމަތް މެދުކެނޑިގެން، ކަންސިލްތަކުގެ ކަންބޮޑުވުމާއެކު ޓްރާންސްޕޯޓު މިނިސްޓްރީން އެތަށް ފަހަރެއްގެ މަތިން ހިދުމަތް ރަނގަޅު ކުރުމަށް އެންގި ކަމަށާއި، އެކި ފަހަރުމަތިން ބައްދަލުކޮށްވެސް އެވާހަކަ ދެއްކިކަން ލިޔެކިޔުންތަކުން ފެންނަން އެބަ އޮތް ކަމަށް ޒުހުރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެބަސްވުން މެއި، 30، 2013 ގައި ބާތިލު ކުރުންމުން ހަމަ އެދުވަހު 156 މިލިއަން ޑޮލަރުގެ ބަދަލު ހޯދުމަށް މިނިސްޓްރީއަށް ދީބާޖާއިން ސިޓީއަކުން އެދުނު ކަމަށެވެ.

"އެއްބަސްވުން އުވާލި ދުވަހު ދެ ގަނޑުގެ ލިޔުމެއް ހުށަހަޅި ބަދަލު ހޯދުމަށް. މިނިސްޓްރީއިން އަންގާފައިވޭ އެ ލިޔުން ބަލައި ނުގަންނަން،" ޒުހުރީ ވިދާޅުވި އެވެ.

އޮޑީޓާ ޖެނެރަލް ޒިޔަތު ވިދާޅުވީ، ލިބުނު ގެއްލުމުގެ ތަފްސީލު ހޯދުމަށް ދީބާޖާ ކުންފުނީގައި އެެދުނު ކަމަށާއި ނަމަވެސް އެ ތަފްސީލެއް އެ ކުންފުންޏަށް ނުދެއްކޭ ކަމަށެވެެ. އަދި ބަދަލު ހޯދުމަށް އެދި ދީބާޖާއިން ޓްރާންސްޕޯޓަށް ހުށަހެޅި ދެގަނޑުގެ ސިޓީގައިވެސް ތަފްސީލެއް ނެތް ކަމަށް ޒިޔަތު ވިދާޅުވި އެވެ.

"ދެ ގަނޑުގެ އެ ލިޔުން އަޅުގަނޑުމެން ވެސް ބަލާލިން. އެއަކު ނެތް ފެރީ ހިދުމަތުގެ އެއްވެސް ރެވެނިއުއެއް ވެސް އެކްސްޕެންސެސް އެއްވެސް. އޭގައި ހުރީ އެ ބޭފުޅުންގެ ރިސޯޓް ހިންގައިގެން ފެރީ ޓާމިނަލް، ގެސްޓް ހައުސް ހިންގައިގެން ލިބޭނެ އާމްދަނީ 47 އަހަރު ދުވަހަށް އަންދާޒާކޮށްފައި،" ޒިޔަތު ވިދާޅުވި އެވެ.

"އެ ބޭފުޅުން ދިން ޖަވާބަކީ މިހާ ދުވަސްވެގެން ދިޔައީމާ އެ ތަކެތި ނުބަލަހައްޓާ ކަމަށް. އެއްވެސް ލިޔެކިޔުމެއް މިހާރަކު ނެތް ކަަމަށް. އަޅުގަނޑުމެން ބެލިން، ބިންތަކުގައި އެއްވެސް ހަރަދެއް ކޮށްފައެއް ނެތް،"

ދީބާޖާއަށް ދިން ސަބްސިޑީތަކުގެ އަގު 115 މިލިއަން ރުފިޔާއަށް އަރާ!

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގެ ތެރެއިން ---

އޮޑިޓްގައި ހުރި ތަފްސީލްތަކަށް ބަލާއިރު، ތިން ފަހަރު މަތިން ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ދީބާޖާ ކުންފުންޏަށް ލިބޭނެ ކަމަށް އަންދާޒާ ކުރި 49 މިލިއަން ރުފިޔާ އެވެ. އަދި ކައުންސިލްތަކުން އަންދާޒާ ކުރި އަދަދަކީ، 30 މިލިއަން ރުފިޔާ އެވެ. އޮޑިޓް އޮފީހުން އެމްޓީސީގެ ލަފައާއެކު ހެދި އަންދާޒާ އިން ދައްކާ ގޮތުން ތިން އަހަރަށް ހަތަރު އަތޮޅުގެ ފެރީ ހިދުމަތަށް ހިނގާނެ ކަމަށް ބެލެވެނީ 29 މިލިއަން ރުފިޔާ ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ.

ޒުހުރީ ވިދާޅުވީ، އެގޮތަށް ލަފާ ކުރެވުނު ނަމަވެސް، ސަރުކާރުން އެކި އެކި ސަބްސިޑީގެ ގޮތުގައި ދިން ޖުމްލަ އަދަދު 115 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

"ތިން އަހަރަށް ލަފާކޮށް ހިނގާނެ ހަރަދަށް ބަލައި، ދިން ސަބްސިޑީއިން އެ ކުންފުންޏަށް ގެއްލުމެއް ލިބިގެން ގޮސްފައެއް ނުވޭ. ޖުމްލަ ސަބްސިޑީގެ ގޮތުގައި ގާތްގަނޑަށް 115 މިލިއަން ރުފިޔާ ދީފައިވޭ. އެއީ ދީބާޖާއަށް ދިން ރަށުގެ ލީސް އެކިއުޒޭޝަން ކޮސްޓް އަކީ 68 މިލިއަން. އަދި ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރުމަށް ދިން ރަށުގެ އަހަރީ ކުއްޔަށް ބަލާއި އިރު، 46 މިލިއަން ރުފިޔާ. އަދި އިމްޕޯޓު ކޮސްޓަށް ބަލާއިރު، ފަސް ލައްކަ ރުފިޔާ މާފުކޮށްފައިވޭ،" ޒުހުރީ ވިދާޅުވި އެވެ.

އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުން، އެއްބަސްވުމުގައި ބުނަނީ، ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރުމަށް މީހުން ދިރިނޫޅޭ ރަށަކުން 15 ހެކްޓަރުގެ ބިން ދީބާޖާ އަށް ދިނުމަށެވެ. އެހެން ނަމަވެސް ލީސް އެގްރިމެންޓްގެ ދަށުން ދީބާޖާ އަށް ކުޑަކުރަތު ދޫކޮށްފައިވަނީ އެ ރަށުގެ މުޅި ބިމާއި ފަޅު ހިމެނޭ ގޮތަށް 37.6 ހެކްޓަރުގެ ބިން ކަމަށް އޮޑިޓްގައިވެ އެވެ. އަދި އެއީ ކޮރަޕްޝަނަށް މަގުފަހިވާ ކަމަކަށް ވާތީ އެކަން ތަހުގީގު ކުރުމަށް ވަނީ އޭސީސީއަށް ހުށަހަޅައިފަ އެވެ.

ޒުހުރީ ވިދާޅުވި ގޮތުގައި، އެއްބަސްވުމާ ހިލާފަށް ސަރުކާރުން ދީބާޖާއަށް މުޅި ރަށް ދީފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށެވެ.

"މުޅި ރަށް ދީފައިވާތީވެ، އެރަށުގެ ބާކީ ބައި ކުއްޔަށްދީގެން، ސަރުކާރަށް އަހަރަކު 1.5 މިލިއަން ޑޮލަރު [23.1 މިލިއަން ރުފިޔާ] އާމްދަނީގެ ގޮތުގައި ލިބުމުގެ ފުރުސަތު ގެއްލިގެން ގޮސްފައިވޭ،" ޒުހުރީ ވިދާޅުވި އެވެ.

ޒުހުރީ ވިދާޅުވީ، ފުރަތަމަ އެ ރަށް ކުއްޔަށް ދިނީ 25 އަހަރަށް ކަމަށާއި ނަމަވެސް ފަހުން، ސަރުކާރާއެކު ޖޮއިންޓް ވެންޗާއެއް ހަދައި، 50 އަހަރަށް އެ ރަށް ކުއްޔަށް ދިން ކަމަށެވެ.

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެރަށް ކުއްޔަށް ދީފައިވާތީވެ، އެކަން ތަހުގީގު ކުރުމަށް އޮޑިޓް ރިޕޯޓުގައިވަނީ އެދިފަ އެވެ. އަދި މުސްތަގުބަލުގައި ރައްޔިތުންނަށް ދޭ މިފަދަ ހިދުމަތްތަކާ ގުޅުވައި، ފަޅުރަށް ދޫނުކުރުމަށްވެސް ވަނީ އެދިފަ އެވެ.

comment ކޮމެންޓް