އެސްޓީއޯގެ ފަސް ތަރީގެ ހޮޓާ ނިންމަން އެޗްޑީސީއާއެކު އެއްބަސްވެއްޖެ

އެސްޓީއޯއިން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ފަސްތަރީގެ ލަގްޒަރީ ހޮޓެލް-- ސަން ފައިލް ފޮޓޯ

އެސްޓީއޯއިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރަން ފެށި ފަސް ތަރީގެ "ރެޑިސަން ބްލޫ ހޮޓެލް" ނިންމަން އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ ހޮޓެލް ތަރައްގީކޮށް، ނިންމުމާ ގުޅޭގޮތުން އިއްޔެ އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، އެ އެއްބަސްވުމާ ގުޅޭ އިތުރު މައުލޫމާތު އެސްޓީއޯއިން ވެސް އެޗްޑީސީން ވެސް އަދި މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ.

ޖުމްލަ 250 ކޮޓަރިއާއެކު ފަސް ތަރީގެ ފެންވަރަށް ހޮޓަލެއް އެޅުމުގެ މަސައްކަތް އެސްޓީއޯއިން ފެށީ 2011 ވަނަ އަހަރު އެވެ. އެ ހޮޓެލް އިމާރާތުގެ އޮނިގަނޑުގެ ބޮޑުބައި ނިމިފައިވީ ނަމަވެސް އިތުރު މަސައްކަތްތަކެއް ނުކޮށް ހޮޓަލުގެ މަސައްކަތް މަޑުޖެހިފައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ.

އޭގެ ފަހުން 2016ވަނަ އަހަރު އެ ހޮޓެލް ވިއްކާލަން ނިންމާފައިވާ ކަމަށް އޭރު އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި އަހްމަދު ޝަހީރު ވަނީ ވިދާޅުވެފަ އެވެ.

އެއާއެކު އެ ހޮޓެލް ވިއްކާލުމަށްޓަކައި ބޭރުގެ ކުންފުނިތަކާ މަޝްވަރާ ކުރަން ފެށި ނަމަވެސް މަޝްވަރާތައް ވެސް ވަކި ކޮޅަކު ނުޖެހި ދިގުލައިގެން ދިޔަ އެވެ. ޖެހިގެން އައި 2017ވަނަ އަހަރު އެސްޓީއޯގެ ނިންމުން ބަދަލުކޮށް، ވިއްކާލުމުގެ ބަދަލުގައި ބޭރު ބަޔަކާ ގުޅިގެން ހަދާ ޖޮއިންޓް ވެންޗާއެއްގެ ދަށުން އެ ހޮޓެލް ހިންގަން އެކުންފުނިން ނިންމި އެވެ.

ނަމަވެސް 2018ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ހޮޓެލް ގަންނާނެ ނުވަތަ އެ ހޮޓަލަށް އިންވެސްޓް ކުރާނެ ބަޔަކު ހޯދުމަށް އެސްޓީއޯއިން އިއުލާނެއް ކުރި އެވެ. އޭރު އެކުންފުނިން ބުނީ ހޮޓަލުގެ މަސައްކަތުގެ ބޮޑު ބައެއް ނޮވެމްބަރު 2018 އާ ހިސާބަށް އޮތީ ނިމިފައި ކަމަށާއި، ދެން ކުރަންޖެހޭނީ އިންޓީރިއާއާއި ފާނިޝިންގް މަސައްކަތް ކަމަށެވެ.

https://sun.mv/113375

އަށް ބުރީގެ މި ހޮޓެލުގައި ހުންނާނީ 195 ސްޓޭންޑަޑް ކިންގް ގެސްޓްރޫމާއި، 24 ސްޓޭންޑަޑް ޓްވިން ރޫމާއި 27 ޑިލަކްސް ރޫމުގެ އިތުރުން ފަސް ސްޓީޑުއޯ ރޫމެވެ. އަދި އޭގެ އިތުރުން އޯލް ޑޭ ޑައިނިންގް ރެސްޓޯރަންޓަކާއި، މަދުވެގެން އެއް ސްޕެޝަލްޓީ ރެސްޓޯރަންޓާއި، ހަފްލާތައް ބާއްވާ މާލަމަކާއި ޝޮޕިންގް ސަރަހައްދެއް ހިމެނޭނެކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ.

މީގެ އިތުރުން 40 މީޓަރުގެ ޕޫލަކާއި، މޫދުކުޅިވަރު ކުޅެވޭނެ އިންތިޒާމަކާއި ޕާކިންގް އޭރިއާއާއި ސްޕާއެއް އަދި ޖިމްއެއް ހުންނާނެ ކަމަށް ބުންޏެވެ.

comment ކޮމެންޓް