ތިން މަސް ދުވަހުގެ މެދުކެނޑުމަށް ފަހު ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް އަލުން މި މަހު ފެށި އިރު ހީކުރި ވަރެއް ވުރެން ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ކަމަށް ގައުމީ ޓީމުގެ ހެޑް ކޯޗު މާޓިން ކޫޕްމަން ބުނެފި އެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން ފަސްކުރި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 އަހަރުގެ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ މެޗުތައް އަންނަ އޮކްޓޫބަރު މަހު ފަށަން އޭއެފްސީން މިހާރު ވަނީ ނިންމާފަ އެވެ. އެހެން ކަމުން މިދިޔަ ފެބްރުއަރީ މަހަށް ފަހު ގައުމީ ޓީމުގެ ޕްރެކްޓިސްތައް ހުއްޓިފައި އޮތުމަށްފަހު އަލުން އަނބުރާ ޕްރެކްޓިސް ފެށީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ކުޅުންތެރިން ތިބެންޖެހުމުން ފިޓްނަސްއަށް ބޮޑެތި އަސަރުތަކެއްކޮށް، އަލުން ކުރިން ހުރި ފޯމަށް ރުޖޫއަވާން ދުވަސްތަކެއް ނަގާނެކަމަށް ކުރިން އޮތީ ބެލެވިފަ އެވެ. އަދި އެކަން ގައުމީ ޓީމުގެ ކޯޗު ކޫޕްމަން ވެސް ވަނީ މީގެ ކުރިން އެތައް ފަހަރަކު ފާހަގަ ކޮށްފަ އެވެ.
ނަމަވެސް ލޮކްޑައުންއާ އެކު ވެސް ކުޅުންތެރިން ތިބީ ރަނގަޅު ހާލަތެއްގައި ކަމަށާއި، ހީކުރިވަރެއް ވުރެން ހުރިހާ ކުޅުންތެރިންގެ ފިޓްނަސް ވެސް ރަނގަޅު ކަން މިހާރު ކުރިއަށްދާ ޕްރެކްޓިސްތަކަށް ބަލާފައި ކޫޕްމަން ވަނީ ފާހަގަ ކޮށްފަ އެވެ.
"އަހަރެން ހުރީ އަސްލު ކުޅުންތެރިންގެ ފިޓްނަސްއާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެފައި. ގިނަ ދުވަސްތަކެއް ވަންދެން ނުކުޅެ ތިބެންޖެހުމުން. އެކަމަކު ހީކުރި ގޮތާ ޙިލާފަށް ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް ފިޓްކޮށް،" ކޫޕްމަން ބުންޏެވެ.
އޭނާ ބުނީ، އޮކްޓޫބަރު ނޮވެމްބަރުގައި ހުރި މެޗުތަކަށް ތައްޔާރުވާން ހިތްހަމަ ޖެހޭ ވަރަށް ވަގުތު އެބައޮތް ކަމަށާއި، ކުޅުންތެރިންގެ ފަރާތުން އެ މެޗުތަކުގައި ކާމިޔާބީ ހޯދުމަށް މޯޓިވޭޓް ވެފައިވާ މަންޒަރު ފެންނަ ކަމަށެވެ.
"ހުރިހާ ކުޅުންތެރިން ވެސް ވަރަށް ބުރަކޮށް އެބަ މަސައްކަތް ކުރޭ. މިއީ ރަނގަޅު ފެށުމެއް. އެންމެ ރަނގަޅަށް މަސައްކަތް ކުރާ ކުޅުންތެރިންނަށް ފުރުސަތު ދޭނީ. އެވާހަކަ ކުޅުންތެރިން ގާތުވެސް ބުނެފައި އޮންނާނީ. ހަމައެކަނި ޓްރެއިނިންގް ހަދާފަ ނިންމާލުމެއް ނޫން މުހިއްމީ. އެކަމުން ކުރިއެރުންތަކެއް ހޯދުން ބޭނުމަކީ."
ގައުމީ ޓީމު ދެން އެންމެ އަވަހަށް ކުޅޭ މެޗަކީ ކޮލިފައިންގައި އޮކްޓޫބަރު މަހު އަށް ވަނަ ދުވަހު ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ.
ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ގްރޫޕުގެ ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސް ވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.
ރާއްޖޭގެ ޓާގެޓަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. މި ގްރޫޕްގައި ރަނގަޅު ހިސާބެއްގައި އޮވެ ނިންމާލައިފިނަމަ އޭގެ ސަބަބުން އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށް ދިއުމަށް ރާއްޖެ އަށް ފަސޭހަތަކެއް ވެގެންދާނެ އެވެ.