ޗައިނާއިން މާސްއަށް ފޮނުވާ ޖައްވީ އުޅަނދެއް ލޯންޗުކޮށްފި

ޗައިނާއިން ވަނީ މާސްއަށް ފޮނުވާ އުޅަނދެއް ލޯންޗުކޮށްފަ -- ފޮޓޯ: ޒިންހުއާ

ބެއިޖިން (ޖުލައި 23): ޗައިނާއިން އިންސާނަކާ ނުލައި މާސްއަށް ފޮނުވާ އުޅަނދެއް މިއަދު އެގައުމުގެ ވެންޗަންގް ލޯންޗު ސައިޓުން އުދުއްސާލައިފި އެވެ.

ޓިއަންވެން-1ގެ ނަން ދީފައިވާ އެ މިޝަން ލޯންޗުކޮށްފައި ވަނީ ޗައިނާގެ ލޯންގް މާޗް-5 ރޮކެޓުގެ އެހީގަ އެވެ. މާސްގެ ވަށައިގެން ދައުރު ވަމުންދާނެ އޯބިޓާ އަކާއި އެ ގުރަހައިގެ ބިމަށް ތިރި ކުރާނެ ރޯވާއަކާ އެކު ދަތުރު ކުރާ އެ އުޅަނދަށް މާސްއަށް ވާސިލުވެވޭނީ އަންނަ ފެބްރުއަރީ ހިސާބުގަ އެވެ.

ޗައިނާގެ އެ މިޝަންގެ މަގުސަދަކީ މާސްގެ ޖައްވު ދިރާސާ ކުރުމާއި ބިމުއަޑީގައި ފެން ހުރިތޯ ބެލުމެވެ. އަދި މިހާރު ނުވަތަ މީގެ ކުރިންވެސް މާސްގައި އެއްވެސް ދިރުމެއްވާ ކަމުގެ ހެކި ހޯދުމެވެ.

ޗައިނާއިން ވަނީ މީގެ ކުރިން ރަޝިއާގެ އުޅަނދެއްގެ އެހީގައި މާސްއަށް އޯބިޓާއެއް ފޮނުވަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް 2011 ވަނަ އަހަރު ލޯންޗު ކުރި އެ އުޅަނދަށް ދުނިޔޭގެ އޯބިޓުން ނުނިކުމެވި، ފަހުން ވަނީ ޕެސިފިކް ކަނޑަށް ވެއްޓިފަ އެވެ.

މީގެ ކުރިން މާސްގައި މަސައްކަތް ކުރާނެ ރޯވާއެއް ކާމިޔާބު ކަމާއެކު ތިރިކޮށްފައި ވަނީ އެމެރިކާއިން އެކަންޏެވެ. ނަމަވެސް މާސްގެ ވަށައިގެން ހަ އުޅަނދެއް މިހާރުވެސް ދައުރުވަމުންދެ އެވެ. އެއީ އެމެރިކާގެ ތިން އުޅަނދަކާއި ޔޫރަޕްގެ ދެ އުޅަނދަކާއި އިންޑިއާގެ އުޅަނދެކެވެ.

ޗައިނާގެ އިތުރުން، މިދިޔަ ހޯމަ ދުވަހު ޔުނައިޓެޑް އެެރެބް އެމިރޭޓްސް (ޔޫއޭއީ)އިން ވަނީ އެގައުމުން މާސްއަށް ފޮނުވާ ފުރަތަމަ އުޅަނދު ލޯންޗުކޮށްފަ އެވެ. 'ހޯޕް'ގެ ނަން ދީފައިވާ އެ އުޅަނދު ލޯންޗު ކުރީ ޖަޕާނުގެ ޖައްވީ އިދާރާއިން އެގައުމުގެ ރޮކެޓެއް ބޭނުންކޮށްގެންނެވެ. އެ މިޝަންގެ އަމާޒަކީ މާސްގެ ވަށައިގެން ދައުރު ކުރަމުން، މާސްގެ މޫސުމާ ބެހޭ މައުލޫމާތު އެއް ކުރުމެވެ.

މީގެ އިތުރުން އެމެރިކާއިން ވެސް ދަނީ މާސްގެ ބިމަށް ތިރިކުރާނެ އުޅަނދެއް ލޯންޗު ކުރުމަށް ތައްޔާރު ވަމުންނެވެ.

އެ ތިން ގައުމުންވެސް އެއް ދުވަސްވަރެއްގައި މާސްއަށް މިޝަންތައް ފޮނުވަނީ މިއީ މާސްއާ ދުނިޔެއާ އެންމެ ކައިރިވާ ދުވަސްވަރަށް ވާތީ އެވެ. މި ހާލަތު ދިމާވަނީ ކޮންމެ 26 މަހަކުން އެއް ފަހަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް