ކުރިން ދެނެނުގަނެވޭ ހަތަރު ބާވަތެއްގެ ކެންސަރު ލޭގެ ޓެސްޓުން މިހާރު ދެނެގަނެވޭނެ: ޑޮކްޓަރުން

ކުރިން ދެނެނުގަނެވޭ ހަތަރު ބާވަތެއްގެ ކެންސަރު ލޭގެ ޓެސްޓް ތަކުން ދެނެގަތުމުގެ ޓެކްލޮކޮޖީ މިހާރު ލިބިފައިވާ ކަމަށް ސައެންސާބެހޭ މަޖައްލާ އެއްކަމަށްވާ "ނޭޗާ ކޮމިއުނިކޭޝަންސް" އިން ބުނެފި އެވެ.

ކެންސަރާބެހޭ ދިރާސާތައްކުރާ ޗައިނާއާއި އެމެރިކާގެ ބައެއް ޑޮކްޓަރުންނާ ހަވާލާދީ "ނޭޗާ ކޮމިއުނިކޭޝަންސް" ބުނާ ގޮތުން މައިދާ، އެސޮފަގަސް ފުއްޕާމޭ، ފުރަމޭ (ލިވާ) އަދި ކޮލޮރެކްޓަލް (ފުރަގަސްފަރާތް) މި ތަންތަނަށް ޖެހޭ ކެންސަރު ހަތަރު އަހަރުކުރިން ދެނެގަތުމުގެ ޓެކްނޮލޮޖީ މިހާރުވަނީ އިޖާދުކޮށްފަ އެވެ.

މި ޓެކްނޮލޮޖީ ބޭނުންކޮށްގެން މިބާވަތުގެ ކެންސަރުތައް ދެނެގަތުމުގެ ޓެސްޓްތައް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ހެދެންހުރި އިރު ކުރިއަރަމުން އަންނަ ގައުމުތަކުގެ ތެރެއިން ވެސް އެތައް ގައުމެއްގައި މިބާވަތުގެ ޓެސްޓް ހެދެން އެބަހުރިކަމަށް އެމަޖައްލާ ބުނެއެވެ. މައިދާ، އެސޮފަގަސް ފުއްޕާމޭ، ފުރަމޭ އަދި ފުރަގަސްފަރާތް (ކޮލޮރެކްޓަލް) އަށް ޖެހޭ ކެންސަރު މިހާކުރިން ދެނެގަތުމުގެ ގާބިލްކަން ކުރިން ލިބިފައެއް ނުވެ އެވެ.

އެބާވަތުގެ ކެންސަރު ޖެހިފައިވާކަން ކުރިން އެނގެނީ ކެންސަރުގެ ފަހުގެ މަރުހަލާއަކަށް ދިޔުމުން ކަމަށްވާތީ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ގިނަފަހަރު ލިބެނީ ވަރަށް ކުޑަކޮށެވެ.

"ނޭޗާ ކޮމިއުނިކޭޝަންސް" ބުނާ ގޮތުން އާންމުކޮށް ހަދާ އަހަރީ މެޑިކަލް ޗެކްއަޕްތަކުގެ ތެރެއިން މި ހަތަރު ބާވަތުގެ ކެންސަރަށް މިހާރު ޓެސްޓް ކުރެވޭނެ އެވެ. މި ޓެސްޓް ތަކުން އެބާވަތުގެ ކެންސަރުތައް ޖެހެމުންދާކަން އޭގެ އެންމެ ފުރަތަމަ މަރުހަލާގައި (ހަތަރު އަހަރު ކުރިން) ދެނެގަނެވޭނެ އެވެ. ކެންސަރުގެ ކުރީކޮޅު އެބަލި ދެނެގަނެވިއްޖެނަމަ ފަރުވާ ހޯދައި އެއިން ސަލާމަތްވުމުގެ ފުރުސަތު ގާތްގަނޑަކަށް 90 އިންސައްތައަށް އޮންނާނެކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

"ނޭޗާ ކޮމިއުނިކޭޝަންސް" މަޖައްލާގައި، ކެންސަރުގެ ދިރާސާތައް ކުރައްވާ ޗައިނާއާއި އެމެރިކާގެ ޑޮކްޓަރުން އިރުޝާދު ދެއްވާފައި ވަނީ އުމުރުން 45 އިން މައްޗަށް ދިޔުމުން އަހަރު އެއްފަހަރު މެޑިކަލް ޗެކްއަޕް ހެދުމަށާ ލޭގެ ޓެސްޓްތަކުން ދެނެގަނެވޭ ކެންސަރު ގެ ޓެސްޓްތައް އެ ޗެކްއަޕްގައި ހިމެނުމަށެވެ.

އާންމު ގޮތެއްގައި ކެންސަރު ޖެހޭ ސަބަބުތަކުގެ ތެރޭގައި ވިރާސީ ސަބަބުތަކާއި ޖީންތައް ދައުރެއް އަދާކުރިނަމަވެސް އިންސާނުންނަށް ކެންސަރު ޖެހުމުގައި ބޭނުންކުރާ ކާބޯތަކެއްޗާ އުޅޭ ގޮތްތައް ނުވަތަ ލައިފް ސްޓައިމް ބޮޑު ދައުރެއް އަދާކުރާ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

ގިނަ ގައުމުތަކުގައި ކެންސަރަކީ އާންމު ބަައްޔަކަށް މިހާރު ވެފައިވާއިރު ކެންސަރުން ސަލާމަތް ވުމަށް ގަވައިދުން ކަސްރަތު ކުރުމާއި ހަކުރުގެ ބާވަތްތައް މަދުކުރުމާއި ހެލިފެލިވެ އުޅުން ގިނަކުރުމާއި ރަތްކުލައިގެ އެއްގައު މަހާއި ފެޓް އެކުލެވޭ ކާނާ ކެއުން މަދުކުރުމުގެ އިތުރުން އާޓިފިޝަލް ގޮތަށް އުފައްދާ މަހާއި ދަޅުގެ ބާވަތްތައް ބޭނުން ނުކުރުމަށް ޑޮކްޓަރުންވަނީ ލަފާ ދެއްވާފަ އެވެ. އަދި ނަފްސާނީ މައްސަލަތައް ބޮޑުވުމާއި ހިތްދަތިކަމުގައި އުޅެންޖެހުމާއި ކަންބޮޑުވުން ފަދަ ކަންކަންކަން ދިގުދެމިގެން ދިޔުމަކީ ވެސް ކެންސަރަށް މަގުފަހިވާ ކަމެއްކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

މިއާއެކު ކެންސަރުން ސަލާމަތް ވުމަށްޓަކައި ނުސާފު ވައިން ދުރުވުމާއި ކެމިކަލް އާއި އެކިބާވަތުގެ ކުނޑިތަކުން ސަލާމަތްވުމާއި ނަފްސާނީ ދުޅަހެޔޮކަމުގައި އުޅުމުގެ މުހިއްމުކަން ޑޮކްޓަރުންވަނީ ފާހަގަ ކުރައްވާފައެވެ. (ނޭޗާ ކޮމިއުނިކޭޝަންސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު