މަންޑޭލާއާއެކު ނަސްލީ އިމްތިޔާޒާ ދެކޮޅަށް ތެދުވި އެންޑްރޫ މުލަންގެނީ އަވަހާރަވެއްޖެ

މަންޑޭލާއާއެކު ނަސްލީ އިމްތިޔާޒާ ދެކޮޅަށް ތެދުވި އެންޑްރޫ މުލަންގެނީ(ކ)--

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާއާއެކު އެގައުމުގައި ކުރިން އޮތް ނަސްލީ އިމްތިޔާޒުގެ ނިޒާމް (އެޕާތައިޑް)އާ ދެކޮޅަށް މަސައްކަތް ކުރެއްވި ބޭފުޅެެއް ކަމަށްވާ އެންޑްރޫ މުލަންގެނީ އަވަހާރަވެއްޖެ އެވެ.

އޭނާ އަވަހާރަވީ މިލިޓަރީ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ. އަވަހާރަވިއިރު އުމުރުން 95 އަހަރެވެ.

އެންޑްރޫއަކީ އެންޓި އެޕާތައިޑް ހަރަކާތުގައި މަންޑޭލާއާއެކު އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރއިން ދުނިޔޭގައި އެންމެ ފަހުން ހުންނެވި ބޭފުޅާވެސްމެ އެވެ.

އެންޓި އެޕާތައިޑް ހަރަކާތުގެ ފުރަތަމަ ދުވަސްވަރު ޗައިނާއަށް ތަމްރީން ހަދަނ ފޮނުވަންވެގެންް މަންޑޭލާ ހިޔާރުކުރެއްވި ފަސް ބޭފުޅުންގެ ތެރޭގައިވެސް އެންޑްރޫ ހިމެނެ އެވެ.

އޭނާ ޓްރެއިނިން ހެދި ދާއިރާތަކުގެ ތެރޭގައި ބޮން ހެދުމާއި ސިއްރުން މުވާސަލާތުކުރާނެ ގޮތްތައް ހިމެނެ އެވެ.

އޭނާ ވަނީ ޗައިނާގައި ޓްރެއިނިން ހެެއްދެވުމަށްފަހު 1963 ވަނަ ދެކުނު އެފްރިކާއަށް އެނބުރި ވަޑައިގެން މަންޑޭލާ ނިސްބަތްވާ އެފްރިކަން ނެޝަނަލް ކޮންގްރެސް (އޭއެންސީ) އާ ގުޅިވަޑައިގަތެވެ. އަދި ފާދިރީއަކަށް ހެދިގެން ދެކުނު އެފްރިކާގައި ދަތުރުކޮށް ހަނގުރާމައިގެ ޓްރެއިނިން ހަދަން ފޮނުވާނެ މީހުން ހޯއްދެވި އެވެ.

ނަމަވެސް ފަހުން އެ ކަންތައްތައް ފަޅާއަރައި ޖަލުގައި 26 އަހަރު ހޭދަކުރެއްވި އެވެ. އޭނާ ގިނައިން ހުންނެވީ މަންޑޭލާ ހައްޔަރުކޮށްފައި ހުންނެވި ޖަލުގަ އެވެ.

ފަހުން 1989 ވަނަ ޖަލުން ދޫކޮށްލުމުން އެންޑްރޫ ވަނީ ދެކުނު އެފްރިކާގެ ޕާލަމަންޓްގެ މެމްބަރުކަން ކުރައްވައިފަ އެވެ. -- ބީބީސީ

comment ކޮމެންޓް