އެގްރިމެންޓާ ހިލާފަށް ދީބާޖާއަށް ފަޅުރަށް ދިން މައްސަލަ ތަހުގީގު ކުރުމަށް އޮޑިޓާ ޖެނެރަލް އެދެފި

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެއްބަސްވުމާ ހިލާފަށް ފަޅުރަށް ދިން މައްސަލަ ތަހުގީގު ކުރުމަށް އޮޑީޓާ ޖެނެރަލް ހަސަން ޒިޔަތު އަންގަވައިފިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފެބްރުއަރީ 1، 2010ގައި ދަތުރުފަތުރު ހިދުމަތް ގާއިމުކުރުމަށް ދީބާޖާއާ ހަވާލު ކުރީ، ރ. ކުޑަކުރަތު ދޫކުރުމަށްފަހު އެވެ. އެއްބަސްވުމާ އެއްގޮތަށް ހިދުމަތް ނުދޭތީވެ، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި މެއި 30، 2013ގައި ވަނީ އެއްބަސްވުން ބާތިލުކޮށްފަ އެވެ. އަދި މައްސަލަ ބާތިލު ކުރި މައްސަލައިގައި ސިވިލް ކޯޓުން ވަނީ ދައުލަތުން 374 މިލިއަން ރުފިޔާ ދިނުމަށް ހުކުމްކޮށްފައެވެ. އެ ހުކުމް ސްޕްރީމް ކޯޓުން ވަނީ ދަމަހައްޓާފަ އެވެ.

އެއްބަސްވުމުގެ މައްސަލައިގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު އޮޑިޓް ރިޕޯޓުގައި ބުނީ، ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރުމަށް މީހުން ދިރިނޫޅޭ ރަށަކުން 15 ހެކްޓަރުގެ ބިން ދީބާޖާ އަށް ދިނުމަށް ހަމަޖައްސާފައިވީ ނަމަވެސް މެއި 5، 2010 ގައި ސޮއި ކުރި ލީސް އެގްރިމެންޓްގެ ދަށުން ދީބާޖާ އަށް ކުޑަކުރަތު ދޫކޮށްފައިވަނީ އެ ރަށުގެ މުޅި ބިމާއި ފަޅު ހިމެނޭ ގޮތަށް 37.6 ހެކްޓަރުގެ ބިން ކަމަށެވެ. އަދި އެއީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށް ރިޕޯޓުގައި ބުންޏެވެ.

"ކަނޑައެޅި ސައިޒަށް ވުރެ ބޮޑު ބިމެއް ސަރުކާރުން ދޫކޮށްފައިވާތީ، މިއީ އެއްބަސްވުމުގައި ނުހިމެނޭ އިތުރު މަންފާތަކެއް ކަމަށް ތުހުމަތުކޮށް އެ ކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭކަމަށް ބެލެވޭތީ މި މައްސަލަ ތަހުގީގު ކުރުމަށް ދަންނަވަމެވެ" ރިޕޯޓުގައި ފަހު ކަމަކަށް ލަފާ ދީފައިވެއެވެ.

އެއްބަސްވުން ބާތިލު ކުރި މައްސަލައިގައި މި ސަރުކާރުން ވަނީ، ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، 174 މިލިއަން ރުފިޔާ ބަދަލެއްގެ ގޮތުގައި ދިނުމަށް ނިންމާފައެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ ސްޕްރީމް ކޯޓުގެ ހުކުމް ރިވިއުކުރުމަށް ހުށަހަޅާފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، އެއްބަސްވުން ބާތިލް ކުރީ އެއްބަސްވުމާ ހިލާފުވެފައިވާތީ ކަމަށާއި، އެއްބަސްވުން ބާތިލު ކުރުމުގެ ހައްގު ސަރުކާރަށް ލިބިގެންވާ ކަމަށެވެ. އަދި ބަދަލުގައި ފައިސާ ނުދިނުމަށް އޮޑިޓާ ޖެނެރަލް ވަނީ އަންގަވާފައެވެ.

މި ސަރުކާރަށް ތާއީދު ކުރާ ބައެއްގެ މަސްލަހަތު އޮންނަ ދީބާޖާ އަށް 174 މިލިއަން ރުފިޔާ ދިނުމަށް ނިންމީ، ސަރުކާރުން އުފައްދާފައިވާ ސެޓްލްމެންޓް ކޮމިޓީން ދީބާޖާއެކު ކުރި މަޝްވަރާތަކަށް ފަހު، އެ ކޮމިޓީން އެގޮތަށް ލަފާ އެރުވުމުންނެވެ. ސްޕްރީމް ކޯޓުގެ ނިންމުން ރިވިއުކުރުމަށް ހުށަހެޅުމުން، އަދި މިހާތަނަށް އެ ފައިސާ އެ ކުންފުންޏަށް ނުދެއެވެ. ސްމްރިމް ކޯޓުން އެ މައްސަލަ ބަލައިގެންފައިވީނަމަވެސް، އަދި ޝަރީއަތްތައް ކުރިއަށް ނުދެއެވެ.

https://sun.mv/140426

comment ކޮމެންޓް