ދީބާޖާ އެއްބަސްވުން ބާތިލްކުރުމުން ބަދަލުގައި ފައިސާ ނުދޭން އޮޑިޓާ ޖެނެރަލް އަންގައިފި

ނޮވެމްބަރ 13، 2016: އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް މަރުކަޒީ ބޭންކްގެ ގަވަރުނަރާއި އޮޑިޓަރ ޖެނެރަލް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެއްބަސްވުން ބާތިލުކުރުމުގެ ހައްގު ލިބިގެންވާ ކަމަށާއި، އެއްބަސްވުން ބާތިލް ކުރުމުން ދޭން ޖެހޭ ބަދަލެއް ނޯންނާނެ ކަމަށް އޮޑިޓާ ޖެނެލްގެ އޮފީހުން ބުނެފިއެވެ. އަދި އެއްބަސްވުން ބާތިލު ކުރި މައްސަލައިގައި ސަރުކާރުން އެއްވެސް ބަދަލެއް ނުދިނުމަށް އޮޑިޓާ ޖެނެރަލް ވަނީ އަންގަވާފައެވެ.

ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް ބަދަލުދޭން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކުރި ހުކުމް އަލުން ރިވިއުކޮށްދިނުމަށް އެޓާނީ ޖެނެރަލް ވަނީ ފަހުން ހުށަހަޅާފައެވެ.

މި މައްސަލައާ ގުޅިގެން މިއަދު ނެރުނު އޮޑިޓް ރިޕޯޓުގައި ބުނީ، ދީބާޖާއާއެކު ފެބްރުއަރީ 1، 2010 ގައި ސަރުކާރުން ހެދި އުތުރު ޕްރޮވިންސްގެ ފެރީ ދަތުރުފަތުރުގެ އެއްބަސްވުން، މެއި 30، 2013 ގައި ބާތިލް ކޮށްފައި ވަނީ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށާއި، އެއްބަސްވުން ބާތިލު ކުރުމުގެ ހައްގު ސަރުކާރަށް ލިބިގެންވާ ކަމަށެވެ.

"ފެރީ ދަތުރުފަތުރުތައް ހުއްޓުމަކަށް އައުމާއި އަދި އެއްބަސްވުމާ އެއްގޮތަށް އަލުން ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ސަރުކާރުން ދިން މުއްދަތުގެ ތެރޭގައި ވެސް އެއްބަސްވުމާ އެއްގޮތަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދީފައި ނުވުމުން، އެ އެއްބަސްވުމުގެ ބައެއް ކަމުގައިވާ އާރްއެފްޕީގެ 6.32.1 ވަނަ މާއްދާގެ "ޑީ" ގެ ދަށުން އެ އެއްބަސްވުން ބާތިލްކުރުމަށް ސަރުކާރަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް ވާތީ، ދަތުރުފަތުރުގެ އެއްބަސްވުން އުވާލުމާ ގުޅިގެން ދީބާޖާ އިންވެސްޓްމެންޓް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދިނުމަށް ދަންނަވަންމެވެ." އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކޮ ނެރުނު އޮޑިޓް ރިޕޯޓުގައި ސަރުކާރަށް އަންގާފައިވެ އެވެ.

ދީބާޖާ ކުންފުނީގެ އެގްރިމަންޓް ބާތިލުކުރުމުން، އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ހުކުމް ކުރީ، ބަދަލުގެ ގޮތުގައި ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށެވެ. ދައުލަތުން އޭރު ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފުކުރުމުން، ސިވިލްކޯޓުގެ ހުކުމް ހައިކޯޓުން ބާތިލުކުރިއެވެ. ނަމަވެސް ފަހުން، ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާތިލުކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާފައި، 348 މިލިއަން ރުފިޔާ ދިނުމަށް ހުކުމްކޮށްފައެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓުގައި ބުނީ، ދީބާޖާއާއެކު ހެދި އެއްބަސްވުމުގެ ދަށުން، ރިސޯޓެއް/ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް ރ. ކުޑަކުރަތު ދޫކޮށްފައިވަނީ، ހިދުމަތަށް ސަބްސިޑައިޒް ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ ރަށް ދިނީ ދަތުރުފަތުރުގެ އެއްބަސްވުން އުވައިލުމުން އެ ރަށް އަނބުރާ ސަރުކާރަށް ނެގޭ ގޮތަށް ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވެ އެވެ. އެހެން ކަމުން އެކުންފުންޏަށް އެވެސް ބަދަލެއް ނުދިނުމަށް އޯޑިޓާ ޖެނެރަލް އެންގެވިއެވެ.

"ދަތުރުފަތުރުގެ އެއްބަސްވުން އުވާލެވޭއިރު އެ ރަށް އެހެން ފަރާތަކަށް ސަބްލީޒްކޮށްފައިވާ ނަމަ އެ ފަރާތަކާއެކު އަލުން ސަރުކާރުން އެއްބަސްވުން ހަދައިގެން ކުރިއަށް ގެންދާގޮތަށް ކަމަށް ވާތީ އާއި އަދި ދަތުރުފަތުރުގެ އެއްބަސްވުމުގައި ޝަރުތުކޮށްފައިވާ ގޮތުގެ މަތިން އެ ރަށް މިހާރު ވަނީ ސަބްލީސް ކުރި ފަރާތަށް ހެޑް ލީސް ބަދަލު ކުރެވިފައި ކަމަށް ވާތީ ދީބާޖާ އިން ހޯދުމަށް ހުށަހަޅާފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ނުވަތަ މާލީ ބަދަލެއް ނުދިނުމަށް ދަންނަވަން" އޮޑިޓް ރިޕޯޓްގައި ވެ އެވެ.

ރިޕޯޓުގައި ބުނެފައި ވަނީ ޓޫރިސްޓް ރިސޯޓު/ހޮތާ ފަދަ ތަންތަން ތަރައްގީކޮށް ހިންގުމަށް ދޫކުރާ ފަޅު ރަށްތައް ހޯދުމަށްފަހު، ހިދުމަތްތައް ފޯރުކޮށްދިނުމާ ހަވާލުވާ ފަރާތުން އެ ހިދުމަތްތައް ހުއްޓާލުމުން އެފަދަ ހިދުމަތް ހޯދާ އާއްމު ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެއާއެކު ދައުލަތަށް މާލީ ގެއްްލުން ލިބެމުންދާކަށް ރިޕޯޓުގައި ބުނެއެވެ. އެހެންކަމުން އެފަދަ ކަންކަމަށް ފަޅު ރަށްތައް ނުދިމަށްވެސް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް އަންގާފައިވެއެވެ.

"ރައްޔިތުންނަށް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަރިލާން ޖެހި، ދައުލަތައް ގެލުންވަމުންދާތީ، އާންމު ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅުވާއިގެން ޓޫރިސްޓް ރިސޯޓު/ ހޮޓާ ފަދަ ތަންތަން ތަރައްގީކޮށް ހިންގުމަށް ފަޅު ރަށްރަށް ދޫނުކުރުމަށް ދަންނަވަމެވެ" އޮޑިޓް ރިޕޯޓުގައި ބުނެއެވެ.

ރިޕޯޓުގައި އިތުރަށް ބުނީ، ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން ޓޫރިސްޓް ރިސޯޓް/ހޮޓާ ތަރައްގީ ކުރުމަށް މީހުން ދިރިނޫޅޭ ރަށަކުން 15 ހެކްޓަރުގެ ބިން ދީބާޖާ އަށް ދިނުމަށް ހަމަޖައްސާފައިވީ ނަމަވެސް މެއި 5، 2010 ގައި ސޮއި ކުރި ލީސް އެގްރިމެންޓްގެ ދަށުން ދީބާޖާ އަށް ކުޑަކުރަތު ދޫކޮށްފައިވަނީ އެ ރަށުގެ މުޅި ބިމާއި ފަޅު ހިމެނޭ ގޮތަށް 37.6 ހެކްޓަރުގެ ބިން ކަމަށެވެ. އަދި އެއީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށް ރިޕޯޓުގައި ބުންޏެވެ.

"ކަނޑައެޅި ސައިޒަށް ވުރެ ބޮޑު ބިމެއް ސަރުކާރުން ދޫކޮށްފައިވާތީ، މިއީ އެއްބަސްވުމުގައި ނުހިމެނޭ އިތުރު މަންފާތަކެއް ކަމަށް ތުހުމަތުކޮށް އެ ކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭކަމަށް ބެލެވޭތީ މި މައްސަލަ ތަހުގީގު ކުރުމަށް ދަންނަވަމެވެ" ރިޕޯޓުގައި ފަހު ކަމަކަށް ލަފާ ދީފައިވެއެވެ.

މި ސަރުކާރަށް ތާއީދު ކުރާ ބައެއްގެ މަސްލަހަތު އޮންނަ ދީބާޖާ އަށް 174 މިލިއަން ރުފިޔާ ދިނުމަށް ނިންމީ، ސަރުކާރުން އުފައްދާފައިވާ ސެޓްލްމެންޓް ކޮމިޓީން ދީބާޖާއެކު ކުރި މަޝްވަރާތަކަށް ފަހު، އެ ކޮމިޓީން އެގޮތަށް ލަފާ އެރުވުމުންނެވެ. ސްޕްރީމް ކޯޓުގެ ނިންމުން ރިވިއުކުރުމަށް ހުށަހެޅުމުން، އަދި މިހާތަނަށް އެ ފައިސާ އެ ކުންފުންޏަށް ނުދެއެވެ. ސްމްރިމް ކޯޓުން އެ މައްސަލަ ބަލައިގެންފައިވީނަމަވެސް، އަދި ޝަރީއަތްތައް ކުރިއަށް ނުދެއެވެ.

comment ކޮމެންޓް