ރިސޯޓުން ރިލީޒް ނުލިބި ކިތުނާ ގައުމީ ޓީމަށް ކުޅުމުގެ ހުވަފެން އޮޔާދަނީ

ގައުމީ ޓީމުގެ ޕްރެކްޓިހުގައި ކިތުނާ ކޯޗު މާޓިން ކޫޕްމަން (ކ) އަދި އެސިސްޓެންޓް ރެނޭ ހިޑިންކާ އެކު

އަންނަ އޮކްޓޫބަރު މަހު ފަށަން ހަމަޖެހިފައިވާ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 އަހަރުގެ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންނަށް ރާއްޖެއިން ނެގި ސްކޮޑުގައި ހިމެނުނު، އާދަމް ނިޒާމް (ކިތުނާ) ވަޒީފާ އަދާ ކުރަމުންދާ ސޮނޭވާފުށި ރިޒޯޓުން ރިލީޒް ނުލިބި އޭނާ ގައުމީ ޓީމުގެ ޖާޒީގައި ކުޅުމަށް ދެކެމުން އަންނަ ހުވަފެން އޮޔާދާން ފަށައިފި އެވެ.

މިދިޔަ އަހަރު ގައުމީ ވޮލީ ސްކޮޑުގައި ވެސް ހިމެނުނު ކިތުނާ ވަނީ މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުގެ ރަނަރަޕަށް ދިޔަ ސުޕަ ސްޕޯޓްސް އަށް ހަތް ލަނޑު ޖަހައިދީ ލަނޑު ލިސްޓުގެ ކުރީގައި ވެސް ހިމެނިފަ އެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެެރިޔާގެ މަގާމު ވެސް އުމުރުން 32 އަހަރުގެ ކިތުނާ ގައުމީ ސްކޮޑުގައި ފުރަތަމައިން ހިމެނުނީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މެޗުތައް ފަސްކުރުމުން ގައުމީ ޓީމުގެ ޕްރެކްޓިސްތައް އޭރު ވަނީ މެދުކަނޑާލައިފަ އެވެ.

ބ. ސޮނޭވާފުށި ރިސޯޓުގައި މަސައްކަތްކުރަމުން އަންނަ ކިތުނާ ދެ ވަނަ ޑިވިޝަނުގައި ކުޅުނީ ޕްރެކްޓިހެއް ނުކޮށް ސީދާ މެޗަށް އަންނަ ގޮތަށް ކްލަބުން އެއްބަސްވުމުންނެވެ. ރިސޯޓް ވޮލީ މުބާރާތާއި މޫދު ކުޅިވަރުގައި ވެސް ބައިވެރިވާ ކިތުނާ ގައުމީ ސްކޮޑުގެ ޕްރެކްޓިހަށް ވީއްލައިދޭން އެފްއޭއެމުން މިހާރު ވަނީ އެ ރިސޯޓްގެ މެނޭޖްމެންޓުގައި އެތައް ފަހަރު އެދިފަ އެވެ.

އެކަމަކު ކޮވިޑް-19 ގެ ސަބަބުން ރިޒޯޓުގެ ސްޓާފުން މަދުވެފައިވާތީ ކިތުނާ ފޮނުވަން އެ ރިޒޯޓުން ވަނީ ދެކޮޅު ހަދައިފަ އެވެ.

"ރިޒޯޓުގެ މެނޭޖްމެންޓުން ބުނީ ސްޓާފުން މަދުވީމަ މިވަގުތު ރިލީޒް ދެވެން ނެތް ކަމަށް. އެކަން އެފްއޭއެމްއަށް އެންގުމުން އެމީހުން ވެސް ރިލީޒް ހޯދަން މަސައްކަތް އެބަ ކުރޭ،" ކިތުނާ ބުންޏެވެ.

"ސަން" އަށް ދިން އިންޓަވިއުގައި ކިތުނާ ބުނީ، ގައުމީ ޓީމަށް ކުޅުމުގެ އުންމީދު އަދިވެސް އެބައޮތް ކަމަށާއި، ކިރިޔާ ފުރުސަތެއް ލިބުނަސް ޓީމާ އެކު ޕްރެކްޓިސް ކުރަން މިހުރީ ތައްޔާރަށް ކަމަށެވެ.

"ޓީމާ އެކު ޕްރެކްޓިސް ނުކުރެވުނަސް ފިޓްނަސް ދެމެހެއްޓުމަށް ކޮންމެ ދުވަހަކުވެސް މިދަނީ ޖިމް ޖައްސާ، ޕްރެކްޓިސްތައް ކުރަމުން. އިރާދަކުރެއްވިއްޔާ ވަރަށް އަވަސް ޓީމާ ގުޅުމުގެ ފުރުސަތު ލިބޭނެ."

ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން ބޮޑު ސްކޮޑަކާ އެކު ޕްރެކްޓިސްތައް މިހާރު ކުރިއަށްދާއިރު، ރަށްރަށުގައި ތާށިވެފައިތިބި ބައެއް ކުޅުންތެރިންނަށް އަދި ބައިވެރިވެވޭ ގޮތެއްނުވެ އެވެ. އެކަމަކު، އޮފީސްތަކާއި ކުންފުނިތައް އަދި އަމިއްލަ ތަންތަނުގައި މަސައްކަތްކުރާ ކުޅުންތެރިންގެ ރިލީޒް ހޯދުމުގެ މަސައްކަތް އެފްއޭއެމުން ވަނީ ކޮށްފަ އެވެ.

"މި މަހުގެ 25 އަށް ކިތުނާ ފިޔަވާ އެހެން ހުރިހާ ކުޅުންތެރިން ޕްރެކްޓިސްއަށް ނުކުންނާނެ. ރިޒޯޓުން ވީއްލާދިންހާ އަވަހަކަށް ކިތުނާ ވެސް ޓީމާއި ގުޅޭނެ،" އެފްއޭއެމްގެ ޖެނެރަލް ސެކެއްޓަރީ ހުސައިން ޖަވާޒް (ޖަވާ) "ސަން" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުޅުންތެރިންގެ ރިލީޒްގެ ކަންކަން ހޯދުމަށް އެ އިދާރާއިން ސްޕޯޓްސް ކޮމިޝަނުގައި އެދިފައިވާނެ ކަމަށާއި، ރިޒޯޓް ފަދަ ތަންތަނުގެ މެނޭޖްމަންޓަށް އެކަމުގައި އެދެމުންދާނީ ސްޕޯޓްސް ކޮމިޝަނުން ކަމަށެވެ.

"މިހާރު ދެފަހަރެއްގެ މަތިން ސްޕޯޓްސް ކޮމިޝަނުގައި ވެސް މިކަމަށް އެދެފިން. އެކަމަކު މިކަމަށް ހައްލެއް ނުލިބުމުން މިހާރު އެ މައްސަލަ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފުގެ ސަމާލުކަމަށް ވެސް ގެނެވިފައި ވާނީ،" ޖަވާ ވިދާޅުވިއެވެ.

ކިތުނާ ވަނީ 2016 ވަނަ އަހަރު އޭދަފުށިން މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކޮށް ގިނަ ގޯލުތަކެއް ޖަހައިފަ އެވެ. އަދި، އުފަން ރަށާ އަވައްޓެރި ފެހެންދޫ 2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިކޮށްދިނުމުގައި ވެސް ކިތުނާގެ ދައުރު ބޮޑެވެ. ފުޓްސަލްގައި ގޯލް ކީޕަރެއްގެ ގޮތުގައި ވެސް ފެންނަ ކިތުނާ އަށް ގައުމީ ވޮލީބޯޅަ ސްކޮޑުން މިދިޔަ އަހަރު ފުރުސަތު ލިބުނީ ސޮނޭވާފުށި ރިސޯޓުގެ ވޮލީ ޓީމުގައި ދެއްކި މޮޅު ކުޅުމުންނެވެ.

comment ކޮމެންޓް