އަންނަ އަހަރުގެ ކިޔެވުން ފަށާނީ އަހަރު މެދުތެރޭ

ޖެނުއަރީ 12، 2020: ވިހިވިހީގެ ތައުލީމީ އާ އަހަރުގެ ކިޔެވުން 73،000އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރު (2021) ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަހަރުގެ މެދުތެރޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

ކޮވިޑް19 އާއި ގުޅިގެން މިއަހަރުގެ މާޗު މަހުން ފެށިގެން ޖުލައި މަހާއި ހަމައަށް ސްކޫލުތަކުގެ ކިޔެވުން އޮތީ ބަންދުކޮށްފައެވެ. ޖުލައި މަހުގެ ތެރޭ ކިޔެވުން ފެށިނަމަވެސް ސްކޫލުތަކަށް ކުދިން ގޮސް ހޭދަކުރަނީ މަދު ވަގުތުކޮޅެކެވެ. ސިލަބަސް ފުރިހަމަ ކުރުމަށް ކޮންމެ ދުވަހަކުވެސް ގޫގުލް ކްލާސްތަކާއި ޓެލި ކްލާސްތައް ކުރިއަށްދެ އެވެ.

ކޮވިޑާ ގުޅިގެން ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުތައްވެސް ވަނީ ފަސްކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ސްކޫލުތަކުގެ އިސްވެރިންނާ ހިއްސާކޮށްފައިވާ ޓެންޓޭޓިވް ކަލަންޑަރުގައިވާގޮތުން އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓް މަހު ނުވަތަ ސެޕްޓެމްބަރު މަހު އެވެ.

އެޑިއުކޭޝަނުން ބުނީ އެއީ "ވޯކިން ކަލަންޑަރެއް" ކަމަށާއި އެ ކަލަންޑަރުގައިވާ ދުވަސްތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް އާ އަހަރުގެ ކިޔެވުން ފެށޭވަރުވާނީ އަހަރުގެ މެދަކާ ހަމައިން ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

އެމިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު މުހައްމަދު އިހުސާން މިއަދު "ސަން" އަށް ވިދާޅުވީ ދިރާސީ ކަލަންޑަރަށް ދާއިމީ ބބަދަލު ގެނައުމަށް އާންމުންނާއި ކަމާގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދަމުންދާ ކަމަށެވެ. 2022 ވަނަ އަހަރުގެ ކަލަންޑަރު އެކުލަވާލާނީ މި ހިޔާލުތަކަށް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮވިޑާ ގުޅިގެން މި އަހަރުގެ ދިރާސީ އަހަރު މި ދަންމާލަން ޖެހުނީ. މި އަހަރުގެ ކިޔެވުން ނިންމާ ޗުއްޓީ އަށް ދާނީ މޭ/ޖޫން ގައި އޭލެވެލް އަދި އޯލެވެލް އިމްތިހާނު ނިމުމުން. އޭގެެ ފަހުން ދަރިވަރުން ޗުއްޓީ އަށް ގޮސް، 2021 ވަނަ އަހަރުގެ ކިޔެވުން ފަށާނީ،" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ އަހަރު މެދުތެރޭ ދިރާސީ އަހަރު ފެށުން ދާއިމީ ކުރާނީ އާންމުންގެ ހިޔާލަށް ބެލުމަށްފަހު ކަމަށެވެ.

comment ކޮމެންޓް