ހަތަރު ގައުމަކަށް ސަފީރުން އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ ފަރާތުން ހަތަރު ގައުމަކަށް ސަފީރުން ކަނޑައެޅުމަށް ހަތަރު ފަރާތަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިއަދު މަޖިލީހުން ރުހުން ދޭން ފާސްކޮށްފައިވަނީ ދިވެހިރާއްޖެއިން ބަންގްލަދޭޝް، ޕާކިސްތާނު، އިންޑިއާ އަދި ޔުނައިޓެޑް އަރަބި އެމިރެޓްސް އަށް ކަނޑައަޅާ ހަތަރު ސަފީރުންގެ އިތުރުން ޖެނިވާގައި ހުންނަ ޕާމަނަންޓް މިޝަންއަށް ކަނޑައަޅާ ސަފީރަށެވެ.

ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާ ސަފީރު ކަމަށް މ.ޒީނާ، ޝިރުޒިމަތު ސަމީރު އައްޔަން ކުރަން މަޖިލީހުން ވަނީ ރުހުން ދީފަ އެވެ. އޭނާއަށް ރުހުން ދީފައިވަނީ މަޖިލީހުގެ 68 މެމްބަރުންގެ ވޯޓާ އެކު އެވެ.

ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާ ސަފީރު ކަމަށް ގ.ޗޭނުގެ، ފަރުޒާނާ ޒާހިރު އައްޔަން ކުރަންވެސް މަޖިލީހުން މިއަދު ރުހުން ދިނެވެ. އޭނާއަށް ރުހުން ދިނީ 70 މެމްބަރުންގެ ވޯޓާ އެކު އެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސްއަށް ރާއްޖެއިން ކަނޑއަޅާ ސަފީރަކަށް ހ.މިސްޓީލޮޖް އައިމިނަތު ޝަބީނާ އައްޔަނު ކުރުމަށްވެސް މަޖިލީހުން ރުހުން ދިނެވެ. އޭނާއަށްވެސް ރުހުން ދީފައިވަނީ 70 މެމްބަރުންގެ ވޯޓާއެކު އެވެ.

އޭގެ އިތުރުން އިންޑިއާއިން ރާއްޖެއިން ކަނޑައަޅާ ސަފީރު އަދި އަފްގާނިސްތާން ބޫޓާން އަދި ނޭޕާލަށް ކަނޑައަޅާ ނޮންރެސިޑެންސް ސަފީރު ކަމަށް ހ.ނިޔާސާ ޑރ ހުސައިން ނިޔާޒު އައްޔަނު ކުރުމަށްވެސް މަޖިލީހުން ވަނީ ރުހުން ދީފަ އެވެ. އެއީ 70 މެމްބަރުންގެ ވޯޓާ އެކު އެވެ.

އދ އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕާމަނަންޓް ރެޕްރެޒެންޓެޓިވް އަދި ސްވިސް ކޮންފެޑަރޭޝަނަށް ރާއްޖެއިން ކަނޑައަޅާ ނޮން ޖެޒިޑެންސް ސަފީރު ކަމަށް ގ.ފަރުކަނި، ޑރ އާސިމް އަހުމަދު އައްޔަން ކުރުމަށްވެސް މަޖިލީހުގެ 70 މެމްބަރުންގެ ވޯޓާއެކު މިއަދު ވަނީ ރުހުން ދީފަ އެވެ.

މިއަދު ރުހުން ދެވުނު ސަފީރުންނާއެކު މިހާރު ރާއްޖެއިން ގައުމުތަކަށް ކަނޑައަޅާފައިވާ ސަފީރުންގެ އަދަދު އަންހެން އަދި ފިރިހެން އެއްވަރުވީ އެވެ.

comment ކޮމެންޓް