މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމާ ބެހޭ ފަސް ސުވާލެއް މިނިސްޓަރު އަސްލަމަށް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު --- ފޮޓޯ/ މަޖިލިސް

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ގޯތި ދޫކުރުމާއި ފްލެޓް އެޅުމަށް މިހާރު ކުރިއަށް ގެންދާ މަސައްކަތް ސާފު ކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު، ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމްއަށް ފަސް ސުވާލެއް ފޮނުއްވައިފި އެވެ.

ލިޔުމުން ޖަވާބު ހޯދުމަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މެމްބަރު ހަސަން ލަތީފު ފޮނުއްވާ ފަސް ސުވާލު މިއަދު މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއްވަވާފަ އެވެ.

ހަސަން ލަތީފު ކުރައްވާ ސުވާލުތަކުގެ ތެރޭގައި މާލޭ ސަރަހައްދުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް މިޙާތަނަށް ނުފަށާ އެބަހުރިތޯ އާއި އަދި އެފަދަ މަޝްރޫއުތަކެއް ހުރިނަމަ އެ މަޝްރޫއުތައް ހިންގަން ފަށާނެ ތާރީހެއް އަންގަވައި ދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ. އަދި މާލޭ ސަރަހައްދުގައި ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކެއް މިހާތަނަށް ނުފަށާ ހުރި ނަމަ އެ މަޝްރޫއުތައް ހިންގަން ނިންމާފައިވަނީ ކޮން ސަރަހައްދުތަކެއްގައި ތޯވެސް ހަސަން ލަތީފު ސުވާލުގައި އެއްސެވި އެވެ.

"މާލެ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަނޑަައަޅާފައިވޭތޯ؟ އެކަން ކަނޑައަޅާފައިވާނަމަ އެއީ ކިތަށް ގޯތިކަން ގޯތީގެ ބޮޑުމިނާއި ސަރަހައްދުތައް ވަކިން އެނގޭނޭ ގޮތަށް ކިރަށް ފްލެޓްކަން ފްލެޓްގެ ބޮޑު މިނާއި ކޮޓަރީގެ އަދަދާއި ސަރަހައްދުތައް ވަކިން އެނގޭނޭ ގޮތަށް ވިދާޅުވެއްދެއްވަ ފާނަންތޯ.؟" ހަސަން ލަތީފު މިނިސްޓަރު އަސްލަމަށް ލިޔުމުން ޖަވާބު ހޯދުމަށް ފޮނުއްވި ސުވާލުތަކުގެ ތެރޭގައި އައްސަވާފައިވެ އެވެ.

އަދި މިހާތަނަށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ކޮންޓްރެކްޓް ކުރެވިފައި ހުރީ ކޮން ޕްރޮޖެކްްޓްތަކެއްތޯވެއް ހަސަން ލަތީފު އެއްސެވި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ސުވާލުތައް މިއަދު މިނިސްޓަރަށް ފޮނުއްވާނެ ކަމަށެވެ.

ހަސަން ލަތީފު ހުށަހެޅުއްވި ސުވާލުތަކަށް ވަޒީރު ލިޔުމުން ޖަވާބު ދެއްވަން ޖެހޭނީ މަޖިލިސް މެދުވެރިކޮށް ކަމަށް މަޖިލީހުގެ ގަވައިދުގައި ވަނީ ބުނެފަ އެވެ. އަދި އެ ޖަވާބު މަޖިލީހުގެ ޖަލްސާގައި އިއްވަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

comment ކޮމެންޓް