ސިޓީ ބޮޑު ތަފާތަކުން މޮޅުވި އިރު އެސްޓަންވިލާއިން އާސެނަލް ބަލިކޮށްފި

ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި އެސްޓަން ވިލާ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-1 އިން ކާމިޔާބު ކުރީ އެސްޓަން ވިލާ --- ފޮޓޯ//ލައިވްސްކޯ

އިނގިރޭސި ޕްރިމިއާ ލީގުގެ 37 ވަނަ މެޗުތަކުގައި ރޭ މެންޗެސްޓާ ސިޓީން ވަޓްފޯޑްގެ މައްޗަށް ފަސޭހަކަމާ އެކު ކުރި ހޯދި އިރު، އެސްޓަން ވިލާ އަތް ދަށުވެ އާސެނަލް 10 ވަނައަށް ވެއްޓިއްޖެ އެވެ.

ވަޓްފޯޑުގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމުގެ މައްޗަށް ސިޓީ ކުރި ހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. ރެލިގޭޝަން ޒޯނުން ސަލާމަތްވުމަށް ވަޓްފޯޑް ކުރަމުން އައި މަސައްކަތަށް އެ މެޗުން ލިބުނު ބައްޔާއެކު ބޮޑެތި ހުރަސްތަކެއް އެޅުނު އިރު ތާވަލުގެ 18 ވަނައިގައި އެ ޓީމު އޮތީ 34 ޕޮއިންޓާ އެކު އެވެ.

އެ ޓީމުގެ ކުރީގައި ހަމަ އެދަދަށް ޕޮއިންޓް ހޯދައިގެން ރެލިގޭޝަނުން ބޭރުގައި އޮތީ ރޭ އާސެނަލްގެ މައްޗަށް ކުރި ހޯދި އެސްޓާންވިލާ އެވެ. އެސްޓަން ވިލާއަށް ދަރަޖައިގެ ކުރިއެރުން ލިބެނީ ފައިދާ ގޯލުންނެވެ. މި ދެ ޓީމު ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި އޮތުމާ އެކު ލީގުގެ މަގާމު ޔަގީންވާނީ އެންމެ ފަހު މެޗުގެ ނަތީޖާއަށްފަހު އެވެ.

ވޭތުވެ ދެ ސީޒަނުގެ ވެސް ޗެމްޕިއަންކަން ހޯދި ސިޓީއިން މި ސީޒަން ފަށައިގެން މޮޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް ލީގުގެ މެދަކާ ހަމައިން އެ ޓީމުން ވަނީ ގިނަ ޕޮއިންޓް ތަކެއް ބޭކާރު ކޮށްލައިފަ އެވެ. އޭގެ ފައިދާ ނަގައި ވާދަވެރި ލިވަޕޫލުން ކުރިއަށް ޖައްސާލީ އެވެ.

ރޭގެ މެޗުގައި 0-4 ގެ ނަތީޖާއަކުން ވަޓްފޯޑް އަތުން ލިބުނު މޮޅާ އެކު ސިޓީ ތާވަލުގެ ދެވަނައިގައި އޮތީ 78 ޕޮއިންޓާ އެކު އެވެ. ލިވަޕޫލުން ލީގުގެ ޗެމްޕިއަންކަން ކަށަވަރު ކޮށްފައިވާ އިރު އެ ޓީމަށް ވަނީ 93 ޕޮއިންޓް ލިބިފަ އެވެ.

ޕްރިމިއާ ލީގުގައި ރޭ ވަޓްފޯޑް ކޮޅަށް ގޯލު ޖެހުމަށްފަހު މެންޗެސްޓާ ސިޓީގެ ފޯވާޑް ރަހީމް ސްޓާލިންގް އުފާފާޅު ކުރަނީ --- ފޮޓޯ//ލައިވްސްކޯ

ވަޓްފޯޑް އަތުން ސިޓީ ރޭ ފަސޭހަކަމާ އެކު މޮޅުވި އިރު ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އިނގިރޭސި ވިލާތުގެ ފޯވާޑް ރަހީމް ސްޓާލިންގް އެވެ. ބާކީ ދެ ގޯލު އެ ޓީމަށް ޖަހައިދިނީ ޒުވާން މިޑްފީލްޑަރު ފިލް ފޮޑެންއާއި ޑިފެންޑަރަކަށް ކުޅެމުން އަންނަ އެމެރިކް ލަޕޯޓް އެވެ.

މީގެ އިތުރުން ލީގުގެ ގަދަ ހައެއްގެ އުންމީދުވެސް ގެއްލިފައިވާ އެސްޓަން ވިލާއި ރޭ އާސެނަލްގެ މައްޗަށް ކުރި ހޯދި އިރު އެ މެޗުގައި ޖެހި ހަމައެކަނި ގޯލު އެސްޓަންވިލާއަށް ޖަހައިދިނީ ޓްރެޒްގުއެޓް އެވެ.

މިއީ އާސެނަލްގެ އަމިއްލަ ދަނޑުގައި އެސްޓަންވިޔާއިން 1998 ވަނަ އަހަރަށް ފަހު އެ ޓީމު ބަލި ކުރި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް