ފުޓްސަލް ދަނޑުތަކުން ނަގާފީ ބޮޑު، އެކަން ބަދަލުކުރާނަން: މަހުލޫފް

މާލޭގެ ފުޓްސަލް ދަނޑެއްގައި ބަޔަކު ކުޅެނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މާލޭގެ ފުޓްސަލް ދަނޑުތައް ބޭނުން ކުރާ ފަރާތްތަކުގެ އަތުން އެތަނުގެ ފީގެ ގޮތުގައި ބޮޑު އަދަދެއް ނަގާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެ ސަގާފަތް ބަދަލު ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ މެންބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، މާލޭގެ އެކި ސަރަހައްދުތަކުގައި އަޅާފައި ހުރި ފުޓްސަލް ދަނޑުތައް ކުއްޔަށް ދޫކުރަނީ އަގު ބޮޑުކޮށް ކަމަށާއި އެ ޝަކުވާ އެތައް ފަހަރަކު މިނިސްޓްރީއަށް ވެސް ލިބިފައިވާ ކަމަށެވެ.

އެގޮތުން އޭނާ ވެސް ހަފްތާއަކު ދެފަހަރު، އެތަނުން ދަނޑަކަށް ކުޅެން ވަޑައިގަންނަވަނީ، 6500 ރުފިޔާ ދެއްކުމަށް ފަހުގައި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އެއީ ވަރަށް ބޮޑު އަދަދެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފުޓްސަލް ދަނޑުތަކުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާ ކަމުގެ ޝަކުވާ ލިބުމުން އެ ފަރާތްތަކާއި ބައްދަލު ކޮށްފައިވާ ކަން މަހްލޫފް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، މި ސަރުކާރުގެ ވިސްނުން އެމައްސަލައިގައި ތަފާތުވާނެ ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން މި ގަބޫލު ކުރަނީ ވަކި ހިސާބަކުން އެ ދަނޑުތައް ނެގި އަދި އެ ދަނޑުތައް މާލޭ ސިޓީ ކައުންސިލްއާ ހަވާލުކޮށްގެން ހިންގުމަކީ އެއްވިސްނުން. ނޫނިއްޔާ އަޅުގަނޑުމެނަށް ބައެއް ކްލަބުތަކަށް ދީގެން އެމީހުނަށް އާމްދަނީއެއް ލިބޭނެ ކަހަލަ ގޮތަކަށް އެކަން ކުރެވިދާނެ. ރައްޔިތުންގެ ޖީބަށް އޭގެން ބުރައަކަށް ނުވާނެ ކަހަލަ ގޮތަކަށް،" މަހްލޫފް ވިދާޅުވި އެވެ.

އެ މައްސަލައިގައި ވަޒީރުންގެ މަޖިލީހުގައި ވެސް މަޝްވަރާކޮށްފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ މި ސަރުކާރުން އެތަންތަން އެހެން ބަޔަކާ ހަވާލު ކުރި ނަމަވެސް ދަނޑުތައް ބެލެހެއްޓޭނެ ކަހަލަ ގޮތަކަށް އެ މަސައްކަތް ކުރާނެ ކަމަށެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ފުޓްސަލް ދަނޑުތައް ތަރައްގީ ކޮށްފައިވަނީ މިދިޔަ ސަރުކާރުގަ އެވެ. ބައެއް ދަނޑުތައް ސަރުކާރުގެ ހަރަދުގައި އަޅާފައިވާއިރު އަނެއްބައި ދަނޑުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުން ވެސް އަޅާފައިވެ އެވެ. ނަމަވެސް ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރީ ވަރަށް މަދު ފުޓްސަލް ދަނޑުތަކެކެވެ.

comment ކޮމެންޓް