ހައްޔަރުކޮށްފައި ހުރި ޔަމަން މީހާއަށް އިމަޖެންސީގައި ފަރުވާ ދެނީ

ޔާސިރު ޔަހުޔާ ސޯލިހު މީގެ ކުރިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި --

ރާއްޖޭގައި ހައްޔަރުކޮށްފައި ހުރި ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާ ސޯލިހްއަށް އިމެޖެންސީގައި ފަރުވާ ދޭން ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާއަށް މިރެއިން ފެށިގެން އިމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.

އަހުމަދިއްޔާ ސްކޫލުގައި އަރަބި ބަސް ކިޔަވައިދޭ ޓީޗަރެއްގެ ގޮތުގައި ކުރިން އުޅުނު ޔާސިރަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މީހެއްވެސް މެއެވެ. އެ ކައިވެންޏަށް ކުއްޖަކުވެސް ލިބިފައިވެއެވެ.

ޔާސިރު ހައްޔަރުކުރީ 2017 ވަނަ އަހަރުއެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިދިޔަ އަހަރުގެ ޖެނުއަރީމަހު ވިދާޅުވީ ޔާސިރުގެ މައްސަލައިގައި ސީރިއަސް ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އެކަން ފަހުން ހާމަކުރައްވާނެ ކަަމަށް އިމްރާން ވިދާޅުވިއެވެ. ނަަމަވެސް މިހާތަނަށްވެސް އެއްވެސް މައުލޫމާތެއް އެކަމާ ގުޅޭ ގޮތުން ހާމައެެއް ނުކުރެއެވެ.

ހައްޔަރުކޮށްގެން އުޅޭތީ ޔާސިރު މީގެ ކުރިން ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލުވެސް އެތައް ފަހަރަކު ކޮށްފައެވެ. އެކަމާ ގުޅިގެން ހާލު ބޮޑުވެގެން ޔާސިރު މީގެ ކުރިންވެސް ހޮސްޕިޓަލްގައި ފަރުވާ ދީފައިވެއެވެ.

ޔާސިރު ހައްޔަރުގައި ބަހައްޓާފައިވާ އިރު އޭނާގެ މައްޗަށް ދައުވާއެއް ކޮށްފައެއް ނުވެ އެވެ. އޭނާގެ މައްޗަށް އެއްވެސް ކޯޓަކުން ހުކުމެއް ކޮށްފައެއް ނުވެ އެވެ. އޭނާ ހައްޔަރު ކޮށް "ނިޒާމުން ގެއްލުވާލާފައި"ވާ ސަބަބާއި އޭނާ ހައްޔަރު ކުރީ އޭނާއާ ދެކޮޅަށް ކޮން ހެކިތަކެއް ހުރެގެން ކަމެއްވެސް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

މީގެ ކުރިން ޔާސިރުގެ އަންހެނުން ވަނީ އޭނާގެ ހާލަތު ބަޔާންކޮށް ހިއުމަން ރައިޓްސް ކޮމިޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށްވެސް ސިޓީ ފޮނުވައިފައެވެ.

comment ކޮމެންޓް