ކައުންސިލްތަކާއި އެލްޖީއޭ އުވާލުމަށް ޖާބިރު ހުށަހެޅުއްވި ގަރާރު ބޭރުކޮށްލައިފި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު: ކައުންސިލްތައް އުވާލުމަށް ގޮވާލައި އޭނާ ހުށަހެޅުއްވި ގަރާރު ވަނީ މަޖިލީހުން ބޭރުކޮށްލާފައި --- ފޮޓޯ: މަޖިލިސް

ސިޓީ ކައުންސިލުތަކާއި އަތޮޅު އަދި ރަށު ކައުންސިލުތަކުގެ އިތުރުން ލޯކަލް ގަވަމެމެންޓް އޮތޯރިޓީ (އެލްޖީއޭ) އުވާލުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ހުށަހެޅުއްވި ގަރާރު މަޖިލީހުން ބޭރުކޮށްލައިފި އެވެ.

އެ ގަރާރު ބަލައިގަތުމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއްނުވެ އެވެ. އަދި އެ ވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގަތް 60 މެންބަރުން ވަނީ ގަރާރު ބަލައި ނުގަތުމަށް ވޯޓު ދެއްވައިފަ އެވެ.

އެ ގަރާރު މިއަދު މަޖިލީހަށް ހުށަހަޅުއްވަމުން ޖާބިރު ވަނީ ލާމަރުކަޒީ ނިޒާމާ ދެކޮޅަށް ވާހަކަ ދައްކަވައި އެ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އެއީ ރާއްޖެ އަށް އެއްވެސް ގޮތަކަށް ބޭނުންވާ ނިޒާމެއް ނޫން ކަމަށް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

"ކައުންސިލްތަކުގައި ބާރެއް އާރެއް އޮތް ނަމަ ކައުންސިލްތަކަށް ވެސް ކަމެއް ކުރެވުނީސް. ހަމައެކަނި މުސާރަ ނަގާ ބައެއްގެ ގޮތުގައި އޮޕަރޭޓްވަމުން ދަނީ. ކޮބާތޯ ކައުންސިލަށް އޮތް ބާރަކީ. އެއްވެސް ބާރެއް ނުދޭ،" ޖާބިރު ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމް ރާއްޖޭގައި ހިނގައިގެންފައި ނުވަނީ ވަނީ މާލެއަށް ޖަމާކޮށްފައިވާ ބާރުތައް ދޫކޮށްލުމަށް ބަޔަކު ދެކޮޅު ހެދުމުން ކަމަށް ޖާބިރު ވަނީ ތުހުމަތުކުރައްވާފަ އެވެ. އެހެން ކަމުން ނަމެއްގައި ލާމަރުކަޒީ ނިޒާމް ރާއްޖޭގައި ބާއްވައި އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރުމުގެ މާނައެއް ނެތް ކަން ޖާބިރު ވަނީ ފާހަގަކުރައްވައިފަ އެވެ.

އެ ގަރާރަށް ޖާބިރު ފިޔަވައި އިތުރު އެއްވެސް މެންބަރެއް ވާހަކަ ދައްކަވާފައެއް ނުވެ އެވެ.

މީގެ ކުރިން އެ ގަރާރު މަޖިލީހަށް ހުށަހެޅުމަށް ފުރުސަތު ދިނުމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެކަމާ ނުރުހުންފާޅުކޮށް ވާހަކަ ދައްކަވައިފަ އެވެ. އަދި އެއީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއް ކަމަށާއި އެ ގަރާރު މަޖިލީހަށް ބަލައި ނުގަނެވޭނެ ކަމަށް ވެސް އެ މެންބަރުން ވަނީ ބުނެފަ އެވެ.

މެމްބަރުންގެ ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ މެމްބަރު ގަރާރު ހުށަހެޅުއްވި ދުވަހުން ފެށިގެން ގަރާރުގައި ހުރި ވާހަކަތައް ފެނިވަޑައިގެންނެވި ކަމަށެވެ.

އަދި މެމްބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކާ ގުޅޭ ސުވާލުތައް އެމަނިކުފާނުގެ ހިތްޕުޅަށް ވެސް އަރާވަޑައިގެންނެވި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

"އެއާ ވިދިގެން އަޅުގަނޑުގެ ހިތަށް ވަން ސުވާލަކީ ގާނޫނު އަސާސީ އުވާލުމުމުގެ ވާހަކަ ވެސް މި މަޖިލީހުގައި ދެއްކޭނޭ. ގަރާރަކުން. މި މަޖިލީހުގައި ގަރާރަކުން ނުދެއްކޭނެ ހަމައެކަނި ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކަ. މި މަޖިލީހުގައި ގަރާރަކުން އަޅުގަނޑުމެންނަށް ދެއްކިދާނެ އިއްޒަތްތެރި މެމްބަރަކު އަވަހާރަކޮށްލުމުގެ ވާހަކަވެސް." މަޖިލިސް ރައީސް ވިދާޅުވި އެވެ.

މަޖިލިސް ރައީސްގެ ވާހަކަފުޅު އެ ދުވަހު ނިންމަވާލީ މައްސަލަ މަޖިލީހަށް ބަލައިގަތުމާއި ނުގަތުން އޮތީ މެމްބަރުންގެ އަތްމަތީގައިކަން ފާހަގަކުރައްވަމުންނެވެ.

comment ކޮމެންޓް