ފްރަންޓް ލައިން ސްޓާފުންގެ އެލަވެންސް ލަސްވުމުން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް: ފްރަންޓް ލައިން ސްޓާފުންގެ އެލަވެންސް ލަސްވުމުން ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައި --- ފޮޓޯ: މަޖިލިސް

ކޮވިޑް-19 އާ ގުޅިގެން ފްރަންޓް ލައިންގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ހާއްސަ އެލަވަންސެއް ދޭނެ ކަމަށް މި ސަރުކާރުން އިއުލާނު ކުރި ނަމަވެސް އެ އެލަވެންސް ދިނުން ލަސްވަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ އެދިކޮޅަށް ނިސްބަތްވާ އަށް މެންބަރުން އެކަންޏެވެ. ނުފެންނަ ކަމަށް 14 މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.

ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ފަރަންޓް ލައިން އެލަވަންސް ތިން ގިންތިއަކަށް ބަހާލައިގެން ދޭނެ ކަމަށް ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވީ ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކަށް އެ އެލްވަންސް ލިބިފައި ނުވާ ކަމަށެވެ.

"ކޮވިޑް-19 އާ ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރެއްވި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ އެހީތެރިންނާއި ފުލުހުންނާއި ސިފައިންނާއި އެއާލައިންތަކުގެ މުވައްޒަފުންނާއި އަދިވެސް އެހެނިހެން ދާއިރާތަކުން ވެސް މިކަމުގައި ހަރަކާތްތެރިވި ފަރާތްތަކުން ރައްޔިތުންނާއި ގައުމަށްޓަކައި ފުރާނަ އަތްމައްޗަށް ލައްވައިގެން ވަރަށް ބޮޑު ގުރުބާނީއެއްވެފައިވާ ހިނދު އެ ފަރާތްތަކަށް ލިބިދޭން ޖެހޭ އެލެވަންސް ވީހާ ވެސް އަވަހަކަށް ދިނުމަށް ސަރުކާރަށް ގޮވާލަން،" ޝިޔާމް ވިދާޅުވި އެވެ.

ނަމަވެސް އެ ކުއްލި މައްސަލަ ބަލައިގަތުމަށް ބޭނުންވާ ވަރަށް ވޯޓު ނުލިބުމުން އެ މައްސަލަ ވަނީ ތަޅުމުން ބޭރުވެގެން ގޮސްފަ އެވެ.

ދައުލަތުގެ ބައެއް މުވައްޒަފުންގެ މުސާރަތައް އިތުރަށް ކުޑަކުރަން ފިނޭންސް މިނިސްޓްރީން ނިންމާފައިވީ ނަމަވެސް، ކޮވިޑް19 ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ މުސާރައާއި އިނާޔަތްތައް ކުޑަ ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-250 ރުފިޔާއާ ދެމެދުގެ އަދަދެއް ދޭން ވެސް ސަރުކާރުން ނިންމައިފައިވާ ކަމަށް އަމީރު ވަނީ ވިދާޅުވެފަ އެވެ.

"ފްރޮންޓްލައިން އެލަވަންސް" ދޭން ނިންމާފައި ވަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ހައިރިސްކް، ފަރާތްތަކަށް ދުވާލަކަށް، 500 ރުފިޔާ އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާ ދެވޭނެ ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް