ރާއްޖެއިން މި ފެންނަނީ ހިފާފައި އޮތް ގައުމަކުން ވެސް ފެންނާނެ މަންޒަރު: ޗީފް

އޭޕްރީލް 15، 2020: ފުލުހުންނާއި ސިފައިން ގުޅިގެން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ބިދޭސީންގެ މައްސަލަ އިންްތިހާއަށް ބޮޑުވެ، މިހާރު ފެނިގެން ދަނީ އިސްތިއުމާރީ ބޮޑު ބާރަކުން ހިފާފައި އޮތް ގައުމަކުން ވެސް ފެންނާނެ ފަދަ މަންޒަރުތައް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި އެތައް އަހަރަކަށް ދިގުލައިގެން ގޮސްފައިވާ މައްސަލައެއް ކަމަށެވެ.

ގައުމީ ދިފައީ ބާރުން އެކުލަވާލާފައި އޮތް ލަފާ ދޭ މަޖިލިސްގެ ތެރެއިން ކޮޓީއެއް ނަގައިގެން ތައްޔާރުކުރި ސްޓަޑީއަކުން، ރާއްޖޭގައި މިވަގުތު ދެ ލައްކައަށް ވުރެ ގިނަ ބިދޭސީން އުޅެމުން އަންނަކަމަށް ދައްކާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އެއް ލައްކަ ހަތްދިހަ ނުވަ ހާސް ނުވަސަތޭކަ ފަންސާސް ހަތަރު މީހުންނަކީ ގަވާއިދާ އެއްގޮތަށް އުޅޭ މީހުން ކަމަށާއި، 66،000 މީހުންނަކީ ގަވާއިދާ ހިލާފަށް އުޅޭ މީހުން ކަމަށް ޗީފް ވިދާޅުވި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ކަންބޮޑުވާ މިންވަރަށް މަތިވެފައިވުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ޗީފް ވިދާޅުވި އެވެ. އަދި އެކަން ދިމާވާ ސަބަބު ވެސް ޗީފް ވަނީ ސާފުކޮށްދެއްވައިފަ އެވެ.

ޗީފް ވިދާޅުވީ ރާއްޖެއަށް މިހާ ގިނަ އަދަދެއްގެ ބިދޭސީން އެތެރެވެފައި މިވަނީ ބޯޑަރުތައް ހުޅިވިފައި އޮތުމުގެ އިތުރުން، ބޯޑަރުތައް އެކަށީގެންވާ ގޮތެއްގައި ރެގިއުލޭޓު ނުކުރެވޭތީ ކަމަށެވެ. ޗީފް ވިދާޅުވީ މި ޒަމާނަކީ އެއް ގައުމު އަނެއް ގައުމަށް ހަތިޔާރު ހިފައިގެން އަރާ، ހިފާ ޒަމާން ނޫން ކަމަށެވެ.

"އެތައް ބަޔަކު މިއޮތީ މި ގައުމަށް އަރާފަ އެހެން ގޮތަކަށް ދަންނަވާ ނަމަ، އަރާ އަނެއްހެން ބޭރުގެ އިސްތިއުމާރީ ބާރަކުން ގައުމަކަށް އަރާ ހިފިޔަސް ވެސް ފެންނާނެ ކަހަލަ ކަންކަން މިހާރު މި ފެންނަނީ މި މީހުންގެ ފަރާތުން. އަޅުގަނޑުމެން ސޮސައިޓީގެ ހުރިހާ ދިމާލަކަށް މިއޮތީ މި މީހުން މިހާރު ފޫއަޅުވާލާފައި ވަދެފަ. އޭގެ ތެރޭގައި ހަމަ އަޅުގަނޑުމެންގެ ދިވެހީންނާ ކައިވެނި ކުރުމާ، މިހެން ގޮސް ހުރިހާ ދިމާލަކަށް، މިހާރު ކުށްތަކުގައި ވެސް މިމީހުން ވަރަށް ބޮޑަށް ޝާމިލުވެ ހަރަކާތްތެރިވަމުން މިދަނީ،" ޝަމާލް ވިދާޅުވި އެވެ.

މިމަހުގެ ދެ ވަނަ ދުވަހު ބޮޑުފިނޮޅުގައި ބިދޭސީން ފުލުހުންނާ ކުރިމަތިލާ ހިންގި ހަމަނުޖެހުމާއި، ހުޅުމާލޭގައި މި ފަހުން ހިންގި ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވާ ޝަމާލް ވިދާޅުވީ، ސަލާމަތީ ބާރުތަކާ ބިދޭސީން ކުރިމަތިލާ ހިސާބަށް ދިއުމުން، އެއީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

ގިނަ މީހުންނަކީ ގަވައިދާ ހިލާފަށް އުޅޭ މީހުން ކަމުން އެމީހުންގެ މައްޗަށް ގާނޫނު ހިންގުމުގައި ހުރި ގޮންޖެހުންތައް ވެސް ޝަމާލް ފާހަގަކުރެއްވި އެވެ. އަދި މިހާރު ރާއްޖޭގެ ޒުވާނުންގެ އާބާދީއަށް ވުރެ ބިދޭސީންގެ އަދަދު މަތިވެފައިވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، މި މައްސަލަ ހައްލުކުރަން ދައުލަތާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ގުޅިގެން ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހިފައިިވާ ކަމަށް ޗީފް ވިދާޅުވި އެވެ.

comment ކޮމެންޓް