ބިދޭސީން މުޒާހަރާ ކުރަނީ ހައްގެއް ހޯދާކަށް ނޫން، އަޑީގައި ބަޔަކު ތިބެގެން: މާރިޔާ

އެމްއެންޑީއެފް މެޖޭ ޖެނެރަލް ޝަމާލް އާއިޑިފެންސް މިނިސްޓަރު މާރިޔާ ދީދީ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ބިދޭސީން، މުޒާހަރާކޮށް ހަމަނުޖެހުން ހިންގަނީ، ހަައްގުތަކެއް ނުލިބިގެން ނޫން ކަމަށާއި، އެކަމުގެ ފަހަތުގައި ފޮރުވިފައިވާ އެހެން ސަބަބުތަކެއްވާކަން ގަބޫލު ކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ވިދާޅުވެއްޖެ އެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ބިދޭސީން މުސާރަ ނުދީގެން ކުރާ މުޒާހަރާތައް ވަނީ އިތުރުވެފަ އެވެ. އަދި އެ މުޒާހަރާތަކުގައި ފުލުހުންނާ ކުރިމަތިލައި، ހަމަނުޖެހުންތައްވެސް ހިންގާފައިވެ އެވެ.

ބިދޭސީންގެ މައްސަލަ ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިއާ ވިދާޅުވީ، ބިދޭސީން މުޒާހަރާކޮށް، ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދިނުމުގެ މައްސަލައަކީ ގައުމީ ސަލާމަތާ ގުޅޭ ކަމެއް ކަމަށާއި އެކަން ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މިގޮތަށް ބިދޭސީން މުޒާހަރާ ކުރާ އެހެން ސަބަބުތަކެއްވާކަން ގަބޫލު ކުރެވޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ބޮޑުފިނޮޅުގެ މައްސަލައަށް ބަލާލިނަމަ، އެމީހުން ނުކުމެ ދިވެހިން ރަހީނުކުރި، މުދަލަށް ގެންލުންދިން. ކޫއްޑޫގެ މައްސަލައަށް ބަލާނަމަ، އެމީހުން ބުނަނީ ރަށަށް ދާން ބޭނުމޭ. ހެރެތެރެ މައްސަލައަށް ބަލާނަމަ، އެމީހުންވެސް ބުނީ ރަށަށް ދާން ބޭނުމޭ. އެހެންވީމަ މިއުޅެނީ މުސާރަ ނުލިބިގެން، ހައްގުތައް ނުލިބިގެން އެއް ނޫން،" މާރިޔާ ވިދާޅުވި އެވެ.

އޭގެ އިތުރުން ދާދި ފަހުން ހުޅުމާލޭގައި އައިލެންޑް އެކްސްޕާޓްގެ ބިދޭސީ މުވައްޒަފަން މުޒާރަހަރާކޮށް، ފުލުހުންނަށް ހަމަލާ ދިނީ، އެމީހުންނަށް "ކޮންމެވެސް ވަރަކަށް މުސާރަ ދެމުން، ވާހަކަދެކެވެމުން ދަނިކޮށް،" ކަމަށެވެ.

"މިއީ ގައުމީ ސަލަމާތާ ގުޅޭ ކަންކަން. ކޮންމެެހެން މުސާރަ ނުލިބިގެން، ހައްގެއް ހޯދާކަށް ނުކުންނަނީއެއް ނޫން. ފޮރުވިފައިވާ ފަރާތްތަކެއްވާކަން ގަބޫލު ކުރެވޭ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި، ޝޯޝަލް މީޑިއާގައި ބިދޭސީންގެ މި މައްސަލައަކީ އިންސާނީ ވަގުފާރިކަމަށް ލޭބަލް ކުރަމުންދެ އެވެ. އެހެން ނަމަވެސް، ރާއްޖޭގެ ގާނޫނުތަކާއި ޔޫއެން ޕްރޮޓޮކޯލްގައި މިއީ އިންސާނީ ވަގުފާރިކަމަށް ނުބެލެވޭ ކަމަށް މާރިޔާ ފާހަގަކުރެއްވި އެވެ.

"[ގާނޫނުތަކާ ހަވާލާދެއްވާ މާރިޔާ ވިދާޅުވީ] މިއީ ވަރަށް ސާފުކޮށް އޮތް ކަމެއްމީ. މިހިން އޮތް ކަމެއްގައި، އިންސާނީ ވަގުފާރި ކަމަށް ބުނެ [ނުވަތަ] ހިއުމަން ޓްރެފިކިން ކަމަށް ބުނެ، އެތައް ގޮތަކަށް ވާހަކަ ދައްކައިގެން، މިރާއްޖޭގެ މަސްލަހަތު ގެއްލޭގޮތަށް ވަރަށް ބައިވަރު މަސައްކަތް ކުރެވެމުންދާތަން މިފެންނަނީ،" މާރިޔާ ވިދާޅުވި އެވެ.

އޭނާ ދާޅުވީ، ދުނިޔޭގެ އެއްވެސް ތަނެއްގައި އެގައުމެއްގެ ގައުމީ ސަލާމަތަށް ނުރައްކާވަގޮތަށް ބިދޭސީން އަމަލުތައް ބެހެއްޓުމަކީ ފުރުސަތު ދޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުގައި މަޖިލީހުގެ އެއްބާލުމަށް މާރިޔާ އެދިވަޑައިގެންނެވި އެވެ.

ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގުމުގެ ފަހަތުގައި އެހެން ސަބަބުތަކެއް ވާކަން ގަބޫލު ކުރެވޭ ކަމަށް މަރިޔާ ވިދާޅުވިއިރު، ދާދި ފަހުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވަނީ އެ މޭރުމުން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ފައްޔާޒު މިދިޔަ ހަފްތާ ހޯމަ ދުވަހު މަޖިލިސް ތަޅުމުގައި ތުހުމަތު ކުރެއްވީ ބިދޭސީން ލައްވާ މުޒާހަރާ ކުރުވުމުގައި ސިޔާސީ ބަޔަކު ވެސް ތިބި ކަމަށެވެ.

https://sun.mv/139926

comment ކޮމެންޓް