އަލީ އާޒިމް އުޅުއްވަނީ އަޅުގަނޑު ލައްވައި ހަޑި ކަންތައްތަކެއް ކުރުވަން: މަހްލޫފް

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު މަޖިލިސްގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ/ މަޖިލިސް

އެފްއޭއެމް އިލެކްޝަން ކަންތަކުގައި އަލީ އާޒިމް މަސައްކަތްކުރައްވަނީ އަޅުގަނޑު ލައްވައި ހަޑި ކަންތައްތަކެއް ކުރުވަން: މަހްލޫފް

އެފްއޭއެމް އިލެކްޝަން ކަންތަކުގައި އެ އިދާރާގެ ކުރީގެ ރައީސް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އުޅުއްވަނީ އޭނާ ލައްވައި ވަރަށް ހަޑި ކަންތައްތަކެއް ކުރުވަން ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ހުށަހަޅުއްވާފައިވާ ސުވާލުތަކަކާއި ގުޅިގެން އަހްމަދު މަހްލޫފް ވަނީ މިއަދު މަޖިލީހަށް ހާޒިރުވެފެ އެވެ.

ސުވާލު ކުރެއްވުމަށް ވަޒީރުން މަޖިލީހަށް ހާޒިރު ކުރާ އުސޫލުގެ ތެރެއިން، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ އެދުމަށް މަހްލޫފް ވަނީ މިއަދު މަޖިލީހަށް ހާޒިރުވެފެ އެވެ. ރިޔާޒުގެ ސުވާލުތަކަށް ފަހު އެހެން މެންބަރުންނަށް ސުވާލު ކުރުމަށް ހުޅުވާލުމުން، އެފްއޭއެމް އިންތިހާބާއި ގުޅޭ ގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް ވަނީ މަހްލޫފްއާ ސުވާލު ކުރައްވާފަ އެވެ.

ޝަމީމް ސުވާލު ކުރެއްވީ، އެފްއޭމްގެ އިންތިހާބް ނުބޭއްވުމަށް ވަޒީރު އިންގިންތޯ އާއި ހުއްޓުވަން އެއްވެސް މަސައްކަތްތަކެއް ކުރެއްވިންތޯ ސާފު ކުރެއްވުމަށެވެ.

"އެފްއޭއެމް އިލެކްޝަން ކަންތަކުގައި ހަގީގަތުގައި އަޅުގަނޑު ވަރަށް ދެރަވޭ އަޅުގަނޑުމެންގެ ޕީޖީ ލީޑަރު އަލީ އާޒިމް މިކަންތައް ކުރަށްވާ ގޮތުން. ހަމަ ވަރަށް ދެރަވޭ. ދެރަވާ ސަބަބަކީ އެންމެ ރަނގަޅަށް މިކަން އެނގިވަޑައިގެން ހުންނަވާ އަޅުގަނޑު ލައްވާ ވަރަށް ހަޑި ކަންތައްތަކެއް ކުރުވަން މަސައްކަތްކުރާތީ. އަޅުގަނޑު..،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފްގެ ވާހަކަތައް އެހިސާބަށް ގޮސްފައިވަނިކޮށް ރިޔާސަތުން ވަނީ މަހްލޫފް ހުއްޓުވާފަ އެވެ.

"އިއްޒަތްތެރި ވަޒީރު. އަޅުގަނޑަކަށް ނެތް އިއްޒަތްތެރި ވަޒީރުގެ ތިޔަ ޖަވާބު ދެއްވުމުގެ ފުރުސަތު އެރުވޭކަށް. އަޅުގަނޑަށް ފެންނަނީ ސީދާ އިއްޒަތްތެރި މެންބަރު އެ ކުރެއްވި ސުވާލުގެ ޖަވާބު އަރުވަން،" ރިޔާސަތުގައި އިންނެވި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

އާޒިމްއާ ގުޅޭ ގޮތުން ވާހަކަ ފެއްޓެވުމުގެ ކުރިން މަހްލޫފް ވިދާޅުވީ، އެފްއޭއެމްގެ އިލެކްޝަން ކަންތަކުގައި މަޖިލީހުގެ ކޮމެޓީން އެދިފައިވަނީ އެ މައްސަލަ ވަކި ގޮތަކަށް ނިންމަންދެން އިންތިހާބް ފަސްކޮށްދޭން ކަމަށާއި ކޮމެޓީން އެދުނު ގޮތަށް އެކަންތައް ކޮށްދީފައިވާނެ ކަމަށެވެ.

ނަމަވެސް އެފްއޭއެމްގެ އިންތިހާބް ހުއްޓާލަން އޭނާ އަށް ނޭންގޭނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ. އަދި އެއީ ގާނޫނާ ހިލާފް ކަމެއް ކަމަށް ވެސް މަހްލޫފް ފާހަގަކުރެއްވި އެވެ.

"ސަބަބަކީ ވަޒީރަކަށް ހުންނަ މީހާއަކަށް އެއްވެސް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިހާބް ހުއްޓުވާ އެއަށް ބާރުފޯރުވާ ހެދުމުގެ އެއްވެސް ހައިސިއްޔަތެއް ނޯވޭ. އެބާރު އަންނަނީ އަޅުގަނޑުމެންގެ ސްޕޯޓްސް ކޮމިޝަނަރުގެ ދަށަށް،" މަހްލޫފް ވިދާޅުވި އެވެ.

އެފްއޭއެމްގެ އިންތިހާބަށް ގޮވާލުމުން އެއްވެސް މީހަކު ކުރިމަތިނުލައި އެ އިންތިހާބް ހުއްޓުވުމަށް މިނިސްޓަރުގެ އަރިއުހުގައި ދެންނެވުމަކީ ކަމުދާ ކަމެއް ނޫން ކަން މަހްލޫފް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ކޮށްފި ނަމަ ރާއްޖޭގެ ފުޓްބޯޅަ ފީފާއިން ސަސްޕެންޑް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް