އެއް ދުވަސް ތެރޭ ބްރެޒިލްގެ ދެ މިނިސްޓަރަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ވަނީ މި މަހުގެ ކުރީކޮޅު ވައިރަހަށް ޕޮޒިޓިވްވެފަ -- ފޮޓޯ: ގެޓީ

ރިއޯޑިޖެނީރިއޯ (ޖުލައި 21): ބްރެޒިލްގެ ދެ މިނިސްޓަރަކު އިއްޔެ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.

ބްރެޒިލްގައި އިއްޔެ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ ސިޓިޒެންޝިޕް މިނިސްޓަރު އޮނިކްސް ލޮރެންޒޮނީ އާއި އެޑިއުކޭޝަން މިނިސްޓަރު މިލްޓަން ރިބެއިރޯ އެވެ.

ޓުވިޓާ މެދުވެރިކޮށް ލޮރެންޒޮނީ ވިދާޅުވި ގޮތުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން އޭނާގެ ފަރާތުން ވަނީ ބަލީގެ އަލާމާތްތައް ފެންނަން ފަށާފަ އެވެ. އަދި ކޮވިޑް-19 ޖެހޭ މީހުންނަށް އެންމެ ފުރަތަމަ ސްޓޭޖުތަކުގައި ދިނުން ރަނގަޅު ކަމަށް ރައީސް ޖައިރު ބޮލްސޮނާރޯގެ ސަރުކާރުން ބުނާ ބޭސްތަކެއް އޭނާ ގެންދަވަނީ ބޭނުން ކުރައްވަމުންނެވެ.

އެ ބޭސްތަކުގެ ތެރޭގައި މެލޭރިއާ ބޭހެއް ކަމަށްވާ ހައިޑްރޮކްސިކްލޮރޮކުއިން ހިމެނެ އެވެ. ނަމަވެސް އެއީ ކޮވިޑް-19އަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރުމުން ފައިދާއެއް ނެތް ބޭހެއް ކަމަށް ބައެއް ދިރާސާތަކުން ވަނީ ދައްކާފަ އެވެ.

ލޮރެންޒޮނީގެ އިތުރުން މިނިސްޓަރު ރިބެއިރޯ ވަނީ އޭނާ އިއްޔެ ހެނދުނު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭނާ ވެސް ބޭސްތަކެއް ބޭނުން ކުރައްވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެއީ ކޮން ބޭހެއްކަން އޭނާ ހާމަ ނުކުރައްވަ އެވެ.

ބްރެޒިލްގެ ދެ މިނިސްޓަރަކަށް ކޮވިޑް-19 ޖެހިފައި ވަނީ މި މަހުގެ ހަތެއްގައި ރައީސް ބޮލްސޮނާރޯ ވެސް ވައިރަހަށް ޕޮޒިޓިވްވި ފަހުންނެވެ. ބޮލްސޮނާރޯ ވައިރަހަށް ޕޮޒިޓިވްވުމުން އޭނާއާ ގާތް ބައެއް މިނިސްޓަރުން ވެސް އޭރު ޓެސްޓު ކުރި އެވެ. ނަމަވެސް އޭގެއިން އެއްވެސް ބޭފުޅަކު އޭރު ވައިރަހަށް ޕޮޒިޓިވް ނުވެ އެވެ.

މީގެ ކުރިން ބޮލްސޮނާރޯ ވަނީ ކޮވިޑް-19އަކީ "އާދައިގެ ރޯނގާ"އެއްގެ ގޮތުގައި ތަކުރާރުކޮށް ސިފަ ކުރައްވާ، އޭނާއަށް ބަލި ޖެހުނު ނަމަވެސް މާ ބޮޑު ކަމެއް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ފުރަބަންދު ކުރުމުން ގައުމުގެ އިގުތިސާދަށް ގެއްލުންވާ ކަމަށް ވިދާޅުވެ، ފުރަބަންދުގެ ހާލަތު އުވާލުމަށް ސަރަހައްދީ ގަވަރުނަރުންނަށް ހިތްވަރު ދެއްވާފަ އެވެ.

ބްރެޒިލް އަކީ ކޮރޯނާވައިރަސް ދެވަނައަށް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގައުމުގައި މިހާތަނަށް 2.1 މިލިއަން މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 80،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް