އައްޑޫ އެއާޕޯޓަށް މާލީ އެހީތެރިކަން ހޯދަން ސަރުކާރުގައި އެދެނީ

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ކޮޅަށް ޖަހަން މާލީ އެހީތެރިކަން ހޯދަން އެދި ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގައި ދަންނަވަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމެޓީން ހުށަހަޅައިފި އެވެ.

އެސްއޯއީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ ގިނަ ކަންކަން އަވަސްކޮށްދިނުމަށް އެދުމަށް އެ ކޮމެޓީގެ މެމްބަރުން ވަނީ ހުށަހަޅާފަ އެވެ.

އެސްއޯއީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުން-- ފޮޓޯ/ރައްޔިތުންގެ މަޖިލިސް

އެގޮތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވަނީ ކޮމެޓީ ރިޕޯޓަށް ހަ އިސްލާހެއް ހުށަހަޅުއްވާފަ އެވެ. އެ އިސްލާހުތަކަކީ؛

  • އެއާޕޯޓުގެ ހިދުމަތްތަކުން ނެރެވޭ ފައިދާއިން އެކުންފުންޏަށް މިހާރު ކުރިމަތިވަމުންދާ މާލީ ދަތިތަކުން އަރައިގަނެ، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، އިތުރު އެއާލައިންތަކަށް ފުރުސަތު ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތަށް ކުރަން އެދުން.
  • އެއާޕޯޓު ތަރައްގީކުރަން އެކުލަވާލާފައިވާ ޕްލޭނުގައި 2020-2025އަށް ޖުމުލަ 15 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އަންދާޒާ ކޮށްފަައިވާ ވާތީ އެ ޕްލޭނުގައި ހިމަނާފައިވާ މަޝްރޫއުތަކަށް ފައިސާ ހޯދަން ބޭރުގެ ބޭންކްތަކުން ލޯނު ނުވަތަ ކޮންޓްރެކްޓާ ފައިނޭންސް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް އަވަސްކުރަން އެދުން.
  • އެ ޕްލޭނުގައި 2020-2025އަށް ހިންގާ މަޝްރޫއުތަކަށް ފައިސާ ހަރަދުކުރާނެ ގޮތާއި މަޝްރޫއު ފަށާ ތާރީހު އަދި މަޝްރޫއު ތަންފީޒު ކުރެވޭނެ ގޮތުގެ ތަފްސީލީ ޕްލޭނެއް އެކުލަވާލައި، އެސްއޯއީ ކޮމެޓީއަށް ހުށަހަޅަން ދެންނެވުން.
  • ދޫގަސް، އޭއައިއޭގެ ދަށަށް ބަދަލުކުރަން ކުރަން ޖެހޭ މަސައްކަތްތައް އަވަސްކޮށް، ގަމުގައި ސިޓީ ހޮޓަލެއް އަޅަން ކުރަން ޖެހޭ މަސައްކަތްތައް އަވަސްކުރަން ފިނޭންސް މިނިސްޓްރީއަށް ދެންނެވުން.
  • އެއާޕޯޓުގައި ސީޕްލޭން ޓާމިނަލެއް ހުރިއިރު، އެ ޓާމިނަލް އެކްސްކްލޫސިވް އެގްރީމަންޓެއްގެ ދަށުން ބޭނުންކުރަން ބަޔަކަށް (ޓީއެމްއޭ)އަށް ދީފައި އޮތް ނަމަވެސް، އެ ކޮންޓްރެކްޓް ބާތިލުކޮށް އެހެން ބަޔަކާ އެކީ އެގްރީމަންޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ނުކުރާނަމަ އެކަން އަވަސްކުރުން.
  • އެއާޕޯޓު ކޮޅަށް ޖެހުމަށް މާލީ އެހީތެރިކަން ހޯދަން ފިނޭންސް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއަށް ދެންނެވުން.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ބޭސް -- ފޮޓޯ/ އޭއައިއޭ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވެސް ވަނީ ކޮމެޓީ ރިޕޯޓަށް ދެ އިސްލާހު ހުށަހަޅުއްވާފަ އެވެ. އެއީ؛

  • އެ ސަރަހައްދުގައި (އައްޑޫ ސިޓީ ހިމެނޭ ސަރަހައްދު) މުދާ އެތެރެކުރާ ފަރާތްތަކާއި މުދާ ބޭރުކުރާ ފަރާތްތަކަކީ ކޮބައިތޯ ބަލައި، އޭއައިއޭއިން އެ ފަރާތްތަކާ ބައްދަލުކޮށް، މުދާ އެތެރެކުރުމަށާއި ބޭރުކުރުމުގައި އެ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުން. އަދި މުދާ އެތެރެކުރުމާއި ބޭރުކުރުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން.
  • އެ ސަރަހައްދުގައި ރިސޯޓު އޮޕަރޭޓަރުންނާއި ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާ ބައްދަލުކޮށް އެތަނުގައި ޓޫރިޒަމް ކުރިއަރުވައި، އެއާލައިންތައް ގެނައުމަށް ކުރަން ޖެހޭ ކަންކަން ގުޅިގެން ކުރަން އޭއައިއޭގައި އެދުން.

މީގެ އިތުރުން އެމްއޭސީއެލްގެ 10 ޕަސެންޓު ހިއްސާ ސަރުކާރަށް ބަދަލުކުރަން ނިންމާފައިވާކަން ފިނޭންސް މިނިސްޓްރީ އާއި އެމްއޭސީއެލްއިން ދަންނަވާފައިވާތީ އެކަން އަވަސްކޮށް ދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދުމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި ހުށަހެޅުއްވުން ވެސް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

މި އިސްލާހުތަކާއެކު ސަބް ކޮމެޓީގެ ރިޕޯޓު، ކޮމެޓީގައި ތިއްބެވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްވެފަ އެވެ.

comment ކޮމެންޓް