އަދުލުގެ ނިޒާމުން ނިކުންނަ ކުދިން އަދިވެސް އޮންނަނީ ލޭބަލްވެފައި: ޔޫއެންއޯޑީސީ

ކުޑަކުދިންތަކެއް ރާއްޖޭގެ ރަށެއްގައި -- ސަން ފައިލް ފޮޓޯ

ދިވެހިރާއްޖޭގެ ޖުވެނައިލް ޖަސްޓިސްގެ ނިޒާމުން ނިކުންނަ ކުދިން އަބުރާ މުޖުތަމައުގެ ތެރެއަށް އަލުން ވަނުމަށް ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަހަކީ އެކުދިން ލޭބަލްވެފައި އޮންނަ އޮތުންކަމަށް އދ. ގެ ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް އިން ބުނެފި އެވެ.

އ.ދ. އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން މިގޮތަށް ހާމަކުރީ "ޕްރެލިމިނަރީ ފައިންޑިންގްސް އޮފް ދަ ޓެކްނިކަލް އެސިސްޓެންސް ނީޑްސް އެސެސްމެންޓް އިން ދަ އޭރިއާ އޮފް ޖަސްޓިސް ފޯ ޗިލްޑްރެން" ގެ ހޯދުންތައް ހުށަހެޅުމަށް މިއަދު ބޭއްވުނު ވާޗުއަލް ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި ކުޑަކުދިންނާ ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވުމަށް ޔޫއެންއޯޑީސީގެ ފަރާތުން ފަރުމާކޮށްފައިވާ ބައިނަލްއަގްވާމީ ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން އެ އޮފީހުން މި މަސައްކަތުގައި ކުރިޔަށް ގެންދިޔަ ދިރާސާތަކުގެ ފުރަތަމަ ހޯދުންތައް ވަނީ ހުށަހަޅައި މަޝްވަރާ ކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ހުށަހެޅި ދިރާސާ އަކީ ގާނޫނުތަކާއި، ސިޔާސަތްތައް އަދި މުއައްސަސާތަކުގެ ގާބިލުކަން އަދި ޖުވެނައިލް ޖަސްޓިސްއަށް އަމަލުކުރާ މިންވަރު އަދި ސަރުކާރުން މި ދާއިރާ އިތުރަށް އިސްލާހުކުރުމަށް އަޅާ ފިޔަވަޅުތަކަށް އަމާޒުކޮށް ކުރިޔަށް ގެންދެވުނު ދިރާސާއެކެވެ.

ދިރާސާގެ ހޯދުންތަކުން ދައްކުވައިދިން ގޮތުގައި 2019 ވަނަ އަހަރު ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ވަނީ 312 މައްސަލައެއް ހުށަހެޅިފަ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާކިޔާއިރު މަދު އަދަދެކެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން އ.ދ. ރެސިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް ވިދާޅުވީ ގައުމެއްގެ ކުރިއެރުމާއި ކުދިންގެ ރައްކާތެރިކަމާއި ވަރަށް ބޮޑު ގުޅުމެއް އޮންނަ ކަމަށެވެ. އަދި ކުޑަކުދިން ގާނޫނުގެ ކުރިމައްޗަށް ގެނެވުމުން ބައެއް ހާލަތްތަކުގައި އަނިޔާ ތަހައްމަލުކުރަންޖެހޭކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ކުދިންނަށް ދައުލަތުގެ ފަރާތުން ލިބިދާ އަނިޔާއެއްގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް ކުރާ އިތުބާރު އަދި ދެކޭ ގޮތް މުޅި އުމުރަށް ބަދަލުވެގެންދޭ" ކެތެރިން ހެސްވެލް ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ޖުވެނައިލް ޖަސްޓިސް ނިޒާމަށް ހާއްސަކޮށް ގައުމީ ފެންވަރުގައި ތަފްސީލީ ދިރާސާއެއް ކޮށްފައިނުވާކަމަށް މި ބައްދަލުވުމުގައި ޔޫއެންއޯޑީސީގެ އޮފިޝަލުން ފާހަގަކުރިއިރު ޖެންޑާ މިނިސްޓްރީ، ޖުވެނައިލް ޖަސްޓިސް ޔުނިޓް ފަދަ ވަކި ވަކި މުއައްސަސާތަކުން މި މަސައްކަތަށް މައުލޫމާތު އެއްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް އދ. ގެ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

އަދި ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރޭގައި ކުދިން ރެކޯޑުކުރެވޭ ޑާޓާބޭސްއެއް ގައުމީ ފެންވަރުގައި ނެތްކަން ފާހަގަކުރެއްވިއިރު ކުދިންގެ ޒާތީ މައުލޫމާތު އާންމުނުުވުމަށް މައުލުމާތުގެ ޕްރޮޓޮކޯލްއެއް ނެތްކަން ވެސް ޔޫއެންއޯޑީސީއިން ވަނީ ފާހަގަކޮށްފަ އެވެ.

އަދި މި ދާއިރާގެ މަސައްކަތްތެރިންނަށް ބޭނުންވާ ފަންނީ ތަމްރީނު ހޯދުމުގެ މަސައްކަތްކުރުމަށްވެސް ޔޫއެންއޯޑީސީއިން ވަނީ ގޮވާލައިފަ އެވެ.

"ރާއްޖޭގައި މި ފަންނުގެ މާހިރުންނަށް ކުދިންގެ ބޭނުންތަށް ދެނެގަަންނަން އެނގޭއިރު، އެ ދާއިރާއިން އިތުރަށް ކުރިއަރައި ތަމްރީނު ލިބިގަތުމަށް އެކަށީގެންވާ ފުރުސަތުތަކެއް ނުލިބޭ،" ޔޫއެންްއޯޑީސީގެ އެސޯސިއޭޓް އެކްސްޕާޓް ހަނާ ޓިފެންގްރެބާ މި ބައްދަލުވުމުގައި ފާހަގަކުރެއްވި އެވެ.

ކޭސް ކޮންފަރެންސިންގް ފަދަ ގޮތްތައް މެދުވެރިކޮށް ކުދިން ޖުވެނައިލް ޖަސްޓިސް ސިސްޓަމުން ކުދިން އަލުން މުޖުތަމައުއައް އަބުރާ ގެނެވުނުނަމަވެސް ބައެއް ހާލަތްތަކުގައި އެ ކުދިންނާއި ދޭތެރޭ އަދިވެސް ނޭދެވޭ ނަޒަރަކުން މުޖުތަމައު ދެކުމަކީ އެ ކުދިންނަށް ލިބޭ ގެއްލުމެއްކަމަށް ހަނާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ދަމަހައްޓައި އެކުދިން ކުށުގެ ވެށިން ރައްކާތެރިކުރުމަށް އެޅިގެންދިޔަ އެންމެ މުހިންމު ދެ ފިޔަވަޅުގެ ގޮތުގައި ޔޫއެންއޯޑީސީއިން ފާހަގަކުރީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދޭ ގާނޫނުގެ އިތުރުން ޖުވެނައިލް ޖަސްޓިސްގެ ގާނޫނެވެ.

އޭގެ އިތުރުންވެސް އިތުރަށް އިސްލާހުކުރެވޭނެ ދާއިރާތައް ހޯދައި އެ ދާއިރާތައް ފޫބައްދައި ދާއިމީ ހައްލަކަށް މަޝްވަރާކޮށް ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް ހިފެހެއްޓުމަކީ މުހިންމު ކަމެއްކަމަށް ޔޫއެންއޯޑީސީއިން ވަނީ ފާހަގަކޮށްފަ އެވެ.

ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ މައްޗަށް ބިނާކޮށް ހޭލުންތެރިކަން ރާއްޖޭގައި އިތުރުކުރަން ޖެހޭކަމަށް އަދި ސްކޫލްތަކާއި ރިހެބިލިޓޭޝަން ސެންޓަރުތަކާއި ދެމެދު އޮންނަ ގުޅުން އަދި މައުލޫމާތު ހިއްސާކުރުން އިތުރުކުރުމަކީވެސް މިދާއިރާއިން ރާއްޖޭއަށް ކުރި ހޯދޭނެ ކަންކަންކަމަށް މި ބައްދަލކުވުމުގެ ބައިވެރިން ވަނީ ފާހަގަކޮށްފަ އެވެ.

އަދި ކުދިން އެނބުރި މުޖުތަމައުއަށް އައުމަށް ހުރި ގޮންޖެހުންތައް ދަނެގަނެ އެކަންކަމަށް މަސައްކަތްކުރުމަކީވެސް މުހިންމު ކަމެއްކަމަށް ޔޫއެން އޯޑީސީއިން ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް