އަގަކާ ނުލައި ފެނާއި ނަރުދަމާގެ ހޮޅި ގުޅައިދޭން ލާޒިމުކޮށް ބިލު ފާސްކޮށްފި

އައްޑޫ ފޭދޫ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށް ދޫކުރާ ތަންތަނަށް ފުރަތަމަ ފަހަރު އަގު ނެގުމަކާނުލައި ފެނާއި ނަރުދަމާގެ ހޮޅި ގުޅައިދިނުމަކީ ހިދުމަތްދޭ ފަރާތުގެ ޒިންމާއެއް ކަމުގައި ކަނޑައަޅާ، ފެނާ ނަރުދަމާގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ފެނާ ނަރުދަމާގެ ބިލެއް ހުށަހެޅީ، ފެނާއި ނަރުދަމާގެ ހިދުމަތް ރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ކަށަވަރުކޮށްދިނުމަށްޓަކައި، ކަމާބެހޭ ވުޒާރާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުމާއެކު، ކަމާބެހޭ ވުޒާރާއިން
ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރާނެ އޮތޯރިޓީގެ މަސްއޫލިއްޔަތާއި ބާރުތައް ބަޔާންކުރުމާއި، ސާފު ފެން ލިބުމާއި، އެކަށީގެންވާ މިންވަރުގެ ނަރުދަމާގެ ނިޒާމެއް ފޯރުކޮށްދިނުމަށް، ފެނާއި ނަރުދަމާގެ ހިދުމަތް ލިބިދިނުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށެވެ.

އަދި ފެން އުފައްދައި، ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ އުސޫލުތަކާއި، ފެނާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާތަކުގެ އިތުރުން، ބިލުގައި ބަޔާންކޮށްފައިވާ ޒިންމާތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާންކުރުމަށެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގެމަނަފުށި ދާއިރާގެ މެންބަރު އަހްމަދު ސައީދެވެ.

މިއަދު ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ، ކޮމެޓީ މަރުހަލާގައި ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ފަހުއެވެ. އެގޮތުން ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ހަމަހަމަ ކަމާއި، މެދުކެނޑުމެއްނެތި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަކީ ހިދުމަތްދޭފަރާތުގެ ޒިންމާއެއްކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި އެ ޒިންމާތަކުގެ ތެރޭގައި ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށް ދޫކުރާ ތަންތަނުގައި ފުރަތަމަ ފަހަރު ފެނާއި ނަރުދަމާގެ ހޮޅި ގުޅައިދޭންވާނީ އަގު ނެގުމަކާ ނުލައި ކަމަށް ބުނެފައިވެއެވެ.

އަދި ފެނާއި ނަރުދަމާގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް، މައްސަލައެއް ކުރިމަތިވިޔަ ނުދިނުމަށް ބޭނުންވާ ސާމާނާއި ތަކެތި ފަސޭހައިން ލިބޭނެ ގޮތަކަށް ބަހައްޓައި، މައްސަލައެއް ދިމާވެއްޖެނަމަ، ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށް ދޭންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެއިތުރުން، ހިދުމަތްދޭ ފަރާތްތަކަށް ލިބިފައިވާ ބާރުތައް ތަންފީޒު ކުރުމުގައި ހިދުމަތްދޭ ސަރަހައްދުގައި ދިރިއުޅޭ ނިކަމެތިންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައިދިނުމާއި، ފެނާއި ނަރުދަމާގެ ހިދުމަތް ސަސްޕެންޑްކުރުން ނުވަތަ ކަނޑާލުންފަދަ ފިޔަވަޅުތައް އެޅުމުގައި ލުއިގޮތްތަކެއް އިންތިޒާމްކުރަންވާނެކަމަށް ބުނެފައިވެއެވެ.

ރަށުގެ ގުދުރަތީ ފެން ފަށަލަ ހިމާޔަތްކުރުމަށް ވެސް ބިލުގައި ވަނީ މާއްދާތަކެއް ހިމަނައިފައެވެ. އެގޮތުން ލޮނުފެން މީރުފެނަށް ހެދުމަށް ބިންގަނޑު ތޮރުފައިގެން ނުވަތަ ކޮނެގެން ފެން ނަގަންވާނީ، އެ ރަށެއްގެ ގުދުރަތީ ފެން ފަށަލައަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތުގެމަތިން ކަމަށާއި އަދި ޑީސެލިނޭޝަން އިންޓޭކް ހުންނަންވާނީ، ރަށުގެ ފެންފަށަލަ ފޫއަޅާ ވަރަށް ފުނަށް ތޮރުފައިގެން ފެން ފަށަލައަށް ނޭދެވޭ އަސަރެއް ނުކުރާވަރުގެ ފުންމިނުގައި ކަމަށް ބުނެފައިވެއެވެ.

ހަމައެއާއެކު ދަނޑުވެރިކަމާއި ސިނާއީ އެހެނިހެން މަސައްކަތްތަކާއި، ފަތުރުވެރިކަމަށް ދޫކުރެވޭ ފަޅު ރަށްރަށާއި، އެފަދަ މަސައްކަތަށް ފަޅު ހިއްކައިގެން އުފައްދާ އެ ރަށްރަށުގެ ބިމުގެ ފެން ފަށަލައަކީ، ނުވަތަ ފަޅު ހިއްކައިގެން އެފަދަ ރަށްރަށާއި އެފަދަ ރަށްރަށަށް އިތުރުކުރެވޭ ބިމުގެ ސަރަހައްދު ހިމެނޭގޮތުން، ރަށްރަށަށް އިތުރުކުރެވޭ ސަރަހައްދުތަކުގެ ބިމުގެ ފެންފަށަލައަކީ އަދި ކުޅިތަކުގައި ހުންނަ ފެނާއި، ގުދުރަތީގޮތުން އުފެދިފައި ހުންނަ ފެންގަނޑުގަނޑަކީ ސިނާއީ ބޭނުންތަކަށް ބޭނުންކުރެވޭނެ ފެނުގެ ވަސީލަތްތަކެއް ނޫން ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް މި ގާނޫނަށް އަމަލުކުރަން ފެށުމާހަމައަށް، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށްރަށުގައި ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފެން ޕްލާންޓު ބެހެއްޓުމަށް ނުވަތަ އެނޫންވެސް ގޮތަކުން ފެން
އުފައްދާނެގޮތް ހަމަޖެއްސުމަށް، ދެ އަހަރު ދުވަހުގެ މުއްދަތު
ދޭންވާނެ ކަމަށް ބުނެފައިވެއެވެ.

ބިލުގައި ބުނެފައި ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ ތެރެއިން އެގޮތަށް އަމަލުކުރަން ޖެހޭނީ 10،000 އަކަމީޓަރު ނުވަތަ އެއަށްވުރެ ބޮޑު ސަރަހައްދެއްގައި ދަނޑުވެރިކަންކުރާ ފަރާތްތައް ކަމަށެވެ.

ފެނާއި ނަރުދަމާގެ ހިދުމަތްދިނުމަށް ހިންގޭ މަޝްރޫއުތައް ހިންގުމުގެ ހުއްދަ ދިނުމުގެ ކުރިން ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދައި، އެ ރިޕޯޓު އީޕީއޭ އިން ފާސްކުރަން ޖެހޭނެ ކަމާއި، ތިމާވެއްޓަށް ގެއްލުން ކުޑަ ޓެކްނޮލޮޖީއަށް އިސްކަން ދޭންޖެހޭނެކަމާއި، ފެން އުފެއްދުމަށް ބޭނުންކުރާ ހަކަތައަކީ، އިއާދަ ކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތަ ކަމުގައި ހަދަންވާނެކަމުގެ އިތުރުން އިންޓަގްރޭޓެޑް ވޯޓަ ރިސޯސް މެނޭޖްމަންޓް ކުރި އެރުވުން ހިމެނޭގޮތަށް، "ތިމާވެށި ރައްކާތެރިކުރުން" ނަމުގައި ވަކި ބާބެއް ވެސް ވަނީ ހިމަނައިފައެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ލައިސަންސް ދިނުމުގައި އަމަލުކުރަންވާނީއިންސާފުވެރިކަމާ، ހަމަހަމަކަމާއެކު ތަފާތުކުރުމެއް ނެތި، ދެފުށް ފެންނަ ގޮތަކަށް ކަމަށް ބިލުގައި ބުނެއެވެ.

ބިލުގައި ބުނެފައި ވަނީ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރެވޭ މުއްދަތަކީ ގިނަވެގެން 30 އަހަރު ދުވަސް ކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ލައިސަންސްގެ ޝަރުތުތަކާ އެއްގޮތަށް އަމަލުކޮށްފައިވާކަން އޮތޯރިޓީއަށް ފެނިއްޖެނަމަ، ލައިސަންސްގެ މުއްދަތު
އިތުރުކުރެވިދާނެ ކަަމަށް ވެސް ބުނެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތަށް ފީ ނެގޭނެ އެންމެ މަތީ އަގުތަކާއި އަގަށް އަންނަ ބަދަލުތައް އާންމުކޮށް އިއުލާނުކުރުން ބިލުން ލާޒިމުކުރެއެވެ.

މި ގާނޫނާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ވެސް ވަނީ ހިމަނައިފަައެވެ. އެގޮތުން ހުއްދަ ނުހޯދައި ފެނާއި ނަރުދަމާ ގާއިމުކުރާ ފަރާތާއި، ލައިސަންސް ނުވަތަ ހުއްދަ އެ ހިދުމަތް ފޯރުކޮށްދޭ ފަރާތެއްގެ އަދަބަކީ ފަސް ލަައްކަ ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

ހިދުމަތްދޭ ފަރާތަށް އިސްލާހުކުރުމަށް ދެވޭ މުއްދަތުގެ ތެރޭގައި އެ ކަމެއް ރަނގަޅު ނުކޮށްފިނަމަ، އެ ފަރާތެއްގެ އަދަބަކީ އެއް ލައްކަ ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. ފެނާއި ނަރުދަމާ ނަހަމަ ގޮތެއްގައި ބޭނުންކޮށްފި ފަރާތެއްގެ އަދަބަކީ އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން
ޖޫރިމަނާކުރުމެވެ.

މީގެ އިތުރުންް ފެނާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތުގެ ވަސީލަތްތަކަށާއި ހިދުމަތަށް ގަސްދުގައި ނުވަތަ އެނޫން ގޮތަކަށް ވިޔަސް ގެއްލުން ދިނުމާއި، ހިދުމަތް ދިނުމަށް ދަތިކުރުމުގެ ގޮތުން އެއްވެސް އަމަލެއް ކުރާ މީހާވެސް އެއް މިލިއަނަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާަކުރެވޭނެއެވެ.

comment ކޮމެންޓް