ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ދެ ބިލު ބަލައިގެންފި

ޖޫން 2، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލާއި ހަމަ އެ ގާނޫނަށް އިސްލާހު ގެނައުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް ކަމާ ގުޅޭ ކޮމެޓީއަށް ފޮނުވައިފި އެވެ.

ދެ ބިލުވެސް ދިރާސާކުރަން ފޮނުވާފައި ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށެވެ.

ހިސާން އިސްލާހު ހުށަހެޅުއްވީ ރޭޕް މައްސަލައެއް ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި ސާމްޕަލް ނަގާއިރު ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި ފޮރެންސިކް ތަހުލީލު ކުރުން ލާޒިމްކުރުމަށެވެ. އެ ބިލު މަޖިލީހަށް ބަލައިގަތީ 71 މެމްބަރުންގެ ވޯޓުންނެވެ.

ހިސާން ހުށަހެޅުވި އިސްލާހުގައި ބުނެފައިވަނީ ޖިންސީ ކުށުގެ ފޮރެންސިކް ތަހުލީލަކީ ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ރުހުމުގައި، އެކަމަށް ހާއްސަކޮށްފައިވާ ކިޓް ބޭނުންކޮށްގެން ކުރެވޭ ތަހުލީލެއް ކަމަށެވެ. އަދި އެ ކިޓް ބޭނުންކޮށްގެން މަދުވެގެން ހަތް ސާމްޕަލެއް ނަގަން އިސްލާހުން ލާޒިމް ކުރެ އެވެ.

  • އިސްތަށިގަނޑުންނާއި ކުރިމަތިފަރާތައި ފުރަގަސްފަރާތުގެ ވަށައިގެންވާ ސަރަހައްދުން ނަގާ އިސްތަށި
  • ލޭ އަދި ކުޑަކަމުދާ ތަކެތި
  • ކުށުގެ ޝިކާރައަކަށް ވީ ފަރާތުގެ އަންނައުނު
  • ނިޔަފައްޗާއި ނިޔަފަތީގެ ދަށުން ނަގާ ސާމްޕަލް
  • ކުރިމަތިފަރާތާއި ފުރަގަސް ފަރާތުން ނަގާ ސާމްޕަލް
  • އަގައިން ނަގާ ސާމްޕަލް
  • ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލް

ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ގަވައިދު ހެދުން އެ އިސްލާހުން ލާޒިމްކޮށްފައިވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެ ގަވައިދު ނިންމަން ވަނީ ލާޒިމް ކޮށްފަ އެވެ.

"ސަރުކާރުގެ ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކަށާއި ދިވެހިރާއްޖޭގައި ހިންގާ ހޮސްޕިޓަލްތަކަށް ރޭޕް އެވިޑެންސް ކިޓް ލިބޭނޭ އިންތިޒާމު ސަރުކާރުގެ ފަރާތުން ހަމަޖައްސަންވާނެ އެވެ." ޖިންސީ ކުށުގެ ގާނޫނަށް ހިސާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނުން ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ނަގާ ސާމްޕަލަށް އެއްވެސް އަގެއް ނަގައިގެން ނުވާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި ސިއްހީ ހިދުމަތް ދޭ ތަންތަނުން އެ ކިޓް ލިބޭނޭ އިންތިޒާމު ގާނޫނަށް އަމަލު ކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި ހަމަ ޖައްސަން އެ އިސްލާހުން ލާޒިމް ކުރެ އެވެ.

ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ލިބިފައި ހުރި ޑޮކްޓަރެއް ނުވަތަ ނަރުހެއް ސަރުކާރުން ހިންގާ ކޮންމެ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި ހުންނަންޖެހޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި ސާމްޕަލް ނަގަން ވާނީ އެ ތަމްރީނު ލިބިފައިވާ މީހުން ކަމަށްވެސް ބުނެފައިވެ އެވެ.

ޖިންސީކުށުގެ ގާނޫނަށް މެމްބަރު މީކާއިލް އިސްލާހު ހުށަހެޅުއްވީ އެ ގާނޫނު މިހާރު އޮތްގޮތުން، ރޭޕް ރިޕޯޓް ކުރަން ޖެހިލުންވެ، އަދި ރޭޕިސްޓުން މުޖުތަމައަށް ދޫވާނެ ފުރުސަތު ބޮޑުވާ ކަމަށް ވިދާޅުވެއެވެ. އެ ބިލު މަޖިލީހުން ބަލައިގަތީ 73 މެމްބަރުންްގެ ވޯޓުންނެވެ.

ޖިންސީ ކުށުގެ ގާނޫނަށް މެމްބަރު އިސްލާހު ހުށަހެޅުއްވީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ނ)، (ރ،) އަދި (ބ) އުނިކުރުމަށެވެ.

އެ ގާނޫނުގެ 53 ވަނަ މާއްދާއަކީ ކުށުގެ ޝިކާރައަށްވީ ފަރާތާ ދެކޮޅަށް ބޭނުންކުރެވިދާނެ ހެކި ބަޔާންކުރާ މާއްދާ އެވެ.

އެ މާއްދާގެ (ނ) ގައި ބުނެފައި ވަނީ ކުށުގެ ޝިކާރައަށްވީ ފަރާތުގެ ނަފްސުގެ އަބުރުވެރިކަމާއި އަހްލާގާ ގުޅުންހުރި ކަންކަމުގެ ތެރެއިން ކޯޓަށް ސާބިތުވާ ކަންކަމުގެ މައްޗަށް ބަލާއިރު، އެފަދަ ކުށެއް އޭނާއާމެދު ހިނގާފައިވާކަމަށް ދޮގު ހެކި ދީފާނެ މީހެއް ކަމަށް ކޯޓަށް ގަބޫލުކުރެވޭފަދަ ހާލަތެއް ކޯޓަށް ފާހަގަވާނަމަ، އެއީ ޖިންސީ އަނިޔާގެ ކުށް ނުވަތަ ޖިންސީ ގޯނާގެ ކުށާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތު ނުވަތަ ދައުވާ ނަފީކުރުމަށްޓަކައި ބޭނުންކުރެވިދާނެ ހެއްކެއް ކަމަށެވެ.

އަދި އެ މާއްދާގެ (ރ) ގައި ބުނެފައި ވަނީ ކުށުގެ ޝިކާރައަށްވީ ފަރާތާއި ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ ވާހަކައަށް ރިއާޔަތްކުރާއިރު، ތުހުމަތުކުރެވޭ ކުށް އެގޮތަށް ހިނގާފައިވުމަށްވުރެ ބޮޑަށް، އެކަން އެގޮތަށް ހިނގާފައި ނުވާކަމަށް ބެލެވޭނެ ފުރުސަތު ލިބިދޭ ހާލަތެއް ވުޖޫދުގައިވާކަމަށް، ކޯޓަށް ގަބޫލުކުރެވޭ ހާލަތުގައި ވެސް ކުށާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތު ނުވަތަ ދައުވާ ނަފީކުރުމަށްޓަކައި ބޭނުންކުރެވިދާނެ ހެއްކެއް ކަމަށެވެ.

އެ މާއްދާގެ (ބ) ގައި ބުނެފައި ވަނީ ކުށުގެ ތުހުމަތުކުރެވޭ ފަރާތާމެދު ކުށުގެ ތުހުމަތު ކުރެވުމުގެ ކުރިން، އޭނާއާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ދެމެދުއޮތް ގުޅުމަކީ، އަދި އެ ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ މުއާމަލާތްތަކަކީ، ތުހުމަތުކުރެވޭ ކުށް ހިނގުމަށް މަގުފަހިވެދާނެ ސަބަބެއް ވުޖޫދުގައި އޮވެދާނެ ހާލަތެއް ކަމަށް ކޯޓަށް ގަބޫލު ނުކުރެވުމަކީ ވެސް ތުހުމަތު ނުވަތަ ދައުވާ ނަފީކުރުމަށްޓަކައި ބޭނުންކުރެވިދާނެ ހެއްކެއް ކަމަށެވެ.

އިސްލާހު ހުށަހެޅުއްވުމުގެ ބޭނުން ކަމުގައި މެމްބަރު ވިދާޅުވެފައި ވަނީ، މިހާރު ގާނޫނު އޮތް ގޮތުން، ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ މާޒީ އާއި ނަފްސުގެ އަބުރުވެރިކަކަމާއި އަހްލާގު އަދި ކުށުގެ ތުހުމަތު ކުރެވުމުގެ ކުރިން ކުށުގެ ތުހުމަތު ކުރެވޭ ފަރާތާއި ކުށުގެ ޝިކާރައަކަށްވީ ފަރާތާ ދެމެދު އޮތް ގުޅުމާއި، ހިނގާފައިވާ މުއާމަލާތްތަކަކީ ކުށުގެ ޝިކާރައަކަށްވީ ފަރާތާއި ދެކޮޅަަށް ބޭނުންކުރެވިދާނެ ހެކީގެ ގޮތުގައި އޮތުމުން، ކުށުގެ ޝިކާރައަކަށްވާ ފަރާތްތައް ކުށް ރިޕޯޓުކުރުމަށް ޖެހިލުންވެ، ޖިންސީ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ފަސޭހަކަމާއެކު މުޖުތަމައުގެ ތެރެއަށް ދޫވެގެން ދާކަން ފާހަގަކުރެވޭތީ، އެފަދަ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް، ޖިންސީ ކުށްތައް ހުއްޓުވުމުމެވެ.

comment ކޮމެންޓް