ގައިދީންގެ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ޒޫމް މެދުވެރިކޮށް ފަށައިފި

ގައިދީންގެ ރިހެބިލިޓޭޝަން ޕްރޮގްރާމް ޒޫމް މެެދުވެރިކޮށް ކުރިއަށް ގެންދަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީ އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެން ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ޒޫމް މެދުވެރިކޮށް ކުރިއަށް ގެންދަން ފަށައި ފިއެވެ.

މިއީ ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ތެރެއިން އެކި މަރުހަލާތަކުގައި ގައިދީންގެ ހިތުގައި ދީނީ ކަންތައްތަކަށް ލޯބިޖެއްސުމަށާއި ދީނީ ކަންތައްތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން ދީނީ ދަރުސްތަކާއި، ދީނީ ކައުންސެލިންގެ ހިދުމަތް ގައިދީންނަށް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެ ޕްރޮގްރާމް މެދުކަނޑާލިއެވެ. ނަމަވެސް ޒޫމް މެދުވެރިކޮށް އަލުން ޕްރޮގްރާމްތައް ފަށާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދަށުން މިހާތަނަށް ދީނީ ގޮތުން ކަންކަން އޮޅުން ފިލުވައިދިނުމުގެ 12 ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 10:00 އިން 11:00 އަށެވެ.

މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގައި ގައިދީންނަށް ދީނީ ދަރުހާއި ފިލާވަޅުތައް ނަންގަވައި ދެއްވަނީ މިނިސްޓްރީގެ ވާޢިޡުން ކަމަށެވެ. މިގޮތަށް ކުރިއަށް ގެންދާ ދީނީ ފިލާވަޅުތަކާއި ދަރުސްތަކުގައި ހިމެނެނީ، އިސްލާމީ އަގީދާ އާއި ފިގުހާއި މުއަމަލާތާއި އަހްލާގުގެ ބައިތަކެވެ.

ކަރެކްޝަންސްގެ ޖަލުތަކުގައި ކުރިއަށް ގެންދާ ރިހެބިލިޓޭޝަން ޕުރޮގުރާމަކީ ރާއްޖޭގެ ގާނޫނުން ކަރެކްޝަންސްގެ މައްޗަށް ހިންގުމަށް ލާޒިމްކުރާ ހަރަކާތްތަކެއްގެ މައްޗަށް ބިނާކޮށް ހިންގާ ޕްރޮގުރާމެކެވެ.

އެ ޕޮރޮގްރާމު ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ހުކުމް ތަންފީޒު ކުރުމަށް ޖަލުގައި ބަންދުކުރެވޭ ގައިދީން އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން އެ މީހުންނަކީ މުޖުތަމައު ބަލައިގަންނަ، ބޭނުންތެރި ބަޔަކަށް ހެދުމާއި، އެމީހުން މުޖުތަމައަށް ނުތުމަށްފަހު އަމިއްލަ ދިރިއުޅުން ބިނާކުރުމަށް ބޭނުންވާނެ އިލްމާއި ފަންނާއި ހުނަރު ދަސްކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް