ދިގު މުއްދަތަށް ރިސޯޓު ވިލާތައް ގަތުމުން ރެސިޑެންސް ވިސާ ދޭ ގޮތަށް ހަދަން ވިސްނަނީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް --- ސަންފޮޓޯ/ ފަޔާޒު މޫސާ

ދިގުމުއްދަތަށް ރިސޯޓުތަކުގެ ވިލާއެއް ނުވަތަ އެފަދަ އެޕާޓްމެންޓެއް ގަތުމުން ރެސިޑެންސް ވިސާ ދިނުމަށް ހާއްސަ ޕްރޮގްރާމެއް ހިންގަން ވިސްނަމުން ދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހެޅުއްވި އިސްލާހުގެ ބިލަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހާ ގުޅިގެން ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއިން މިއަދު ވަނީ އިކޮނޮމިކް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ. އެބައްދަލުވުމުގައި ފައްޔާޒު ވަނީ ރެސިޑެންސް ވިސާ ދިނުމުގެ އާ ހިޔާލެއް ގެންގުޅޭ ކަމަށް ވިދާޅުވެފަ އެވެ.

ފައްޔާޒު ފާހަގަ ކުރެއްވީ ސެކަންޑް ހޯމް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ހއ ދައްޕަރުގައި ސަރުކާރުން ފަށަން އުޅޭ ޕްރޮޖެކްޓްގެ ވާހަކަ އެވެ. އެތަނުގައި އެޕާޓްމެންޓްސް އަދި ވިލާ އެޅުމަށް ފަހު ދިގުމުއްތަށް އެތަން ވިއްކާލައި އެތަން ގަންނަ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ގެންގުޅުއްވާކަން ފައްޔާޒް ފާހަގަ ކުރެއްވި އެވެ. އެއީ އެއްގޮތަކަށްވެސް ބިން މިލްކޮށް ދިނުން ނޫން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ސިޓިޒަންޝިޕް ދިނުމެއްވެސް ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ތިން ލައްކައެއްހާ ޑޮލަރު އެއީ އިންވެސްޓްމެންޓަކަށް ވާން ޖެހޭ. އެއީ އެކަހަލަ ތަނަކުން އަޅުގަނޑުމެން އުފައްދާ ވިލާއެއް ނުވަތަ އެޕާޓްމެންޓެއް ތިން ލައްކައެއްހާ ޑޮލަރަށް ގަތީމަ އައިސް ވަދެވޭގޮތަށް އިންވެސްޓްމެންޓެއް ގޮތުގައި ބެލުމަށް،" ފައްޔާޒު ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓް ފެށުމުގެ ކުރިން ރެސިޑެންސީ ގާނޫނެއް އެކުލަވާލައި މަޖިލީހަށް ފޮނުވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. މިހާރު އެމަސައްކަތް ކުރަމުން ދާ ކަމަށް ވިދާޅުވި އެވެ.

ފައްޔާޒު ވާހަކަފުޅާ ގުޅިގެން މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ދައްޕަރުގައި ސެކަންޑް ހޯމް ޕްރޮޖެކްޓެއް ހިންގައިފި ނަމަ އިންޑިއާގެ އިންވެސްޓަރުން ގިނަ އަދަދަކަށް އައުން ގާތް ކަމަށެވެ. އެއީ އިންޑިއާ އަދި ކުޅުދުއްފުއްޓާ ދެމެދު ފެރީ ނެޓްވޯކެއް ފަށާތީ ކަމަށް ސައީދު ފާހަގަ ކުރެއްވި އެވެ.

ޗައިނާ އާއި ޔޫރަޕުގެ އިންވެސްޓަރުންވެސް އައިސްދާނެ ކަމަށާއި އެހެންނަމަވެސް ރާއްޖެ އޮތް ލޮކޭޝަނާއި ރާއްޖެއަށް އޮތް ޑިމާންޑަށް ބަލާފައި ރައްޔިތުންގެ ހިތުގައި ޝައްކުތަކެއް އުފެދޭ ކަމަށް ސައީދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ ބޭނުމަކީ ވަކި ގައުމެއްގެ ބަޔަކު ރާއްޖެއަށް އައުން ނޫން ކަމަށާއި ކުރާ މަސައްކަތަކީ ރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެން އެންމެން މުޅި ދައުލަތުން އެކައްޗެއް ކިޔައިގެން ރައްޔިތުންނަށް އެބަ އަންގައިދޭން ޖެހޭ މީކީ ވަކި ގައުމެއްގެ ބަޔަކު އައިސްގެން ވަކި ކަމެއްވާން އޮތް ކަމެއް ނޫންކަން. ހަމަ ރިސޯޓަށް ގެސްޓުން އަންނަހެން އަންނަ ކަމެއް މިކަމަކީ." ފައްޔާޒު ވިދާޅުވި އެވެ.

ރެސިޑެންސް ވިސާއަކީ ސިޓިޒަންޝިޕް ދިނުމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ރާއްޖޭގައި ރެސިޑެންސް ވިސާއިން ލިބޭ ހަމައެކަނި ފައިދާއަކީ ފަސޭހަކަމާ އެކު ގައުމަށް ވަދެ ނުކުތުން ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް