ސީޒަން ފެށުން ޑިސެމްބަރަށް، ކުލަބުތަކުގެ ތައްޔާރީތައް މަޑުދުވެލީގައި

ފެބްރުއަރީ 19، 2020: އޭއެފްސީ މުބާރާތުގެ ޕްލޭ އޮފުގެ ފުރަތަމަ ލެގުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސްއާ އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅުނު މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ޝެޑިއުލްކޮށްފައި އޮތް ނަމަވެސް މަދު ކުލަބުތަކުން ނުނީ ލީގަށް ތައްޔާރުވުމުގެ ގޮތުން އަދި މަސައްކަތްތައް ނުފަށަ އެވެ.

މި އަަހަރު ޖޫން މަހު ފުޓްބޯޅަ ސީޒަން ފަށަން ރޭވިފައި އޮތް ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެ ތާރީހުގައި ފެށޭގޮތެއްނުވި އެވެ. ފަހުން މަސައްކަތްކުރީ ސެޕްޓެމްބަރު ނޫނީ އޮކްޓޫބަރުގައި ފުޓްބޯޅަ ސީޒަން ފެށުމަށެވެ. އެކަމަކު އެ މުއްދަތުގައި ސީޒަން ފެށެން ނެތީ އޮކްޓޫބަރާއި ނޮވެމްބަރުގައި ގައުމީ ޓީމަށް ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކެއް ހުރުމުންނާއި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް ގައުމުން ބޭރަށް ދާން ޖެހޭތީ އެވެ.

މިހާރު އޮތްގޮތުން ސީޒަން ހުޅުވާ މެޗު ކުޅުމަށް ވަގުތީ ގޮތުން ވިސްނާފައިވާ ތާރީހަކީ ޑިސެމްބަރު މަހު އަށް ވަނަ ދުވަހެވެ.

އެކަމަކު ލީގުގައި ވާދަކުރާ ގިނަ ކުލަބުތަކުން އަދިވެސް އޮތީ ސީޒަން މެދުކަނޑާލި ގޮތަކަށް ކުލަބުގެ ހަރަކާތްތައް ވެސް މެދުކެނޑިފައެވެ. މާލޭގައި ވަޒީފާ އަދާ ކުރާ ކުޅުންތެރިން ފިޔަވާ ބާކީ ތިބި ކުޅުންތެރިން ތިބީ ރަށުގަ އެވެ. ސަބަބަކީ ކޮވިޑުގެ ހާލަތާ އެކު ކުލަބުތަކުން މުސާރަ ނުދިނުމެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާތަނަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރާތަން ފެންނަނީ މިދިޔަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކުރި މާޒިޔާއިންނެވެ. އެކުލަބުން ސެއިންޓް ވިންސެންޓްގެ ފޯވާޑް ކޯނެލިއަސް ސްޓެވާޓް (ކޯނޭ) އާއި ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) ގެ އެއްބަސްވުން ވަނީ އިތުރު ސީޒަނަކަށް އިތުރު ކޮށްފަ އެވެ.

އެކަމަކު މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކޯޗުކޮށްދިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ އަންނަ ސީޒަނުގައި އެ ޓީމުގެ ބެންޗުން ނުފެންނާނެ އެވެ. މާޒިޔާގެ ވިސްނުން ހުރީ ދިވެހި ކޯޗަކާ ޓީމު ހަވާލުކުރާށެވެ. އަދި ވަރަށް އަވަހަށް އާ ކޯޗަކާ ޓީމު ހަވާލުކުރާނެ ކަމަށް އެ ޓީމުން މައުލޫމާތު ދެ އެވެ.

މީގެ އިތުރުން މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ހެޑްކޯޗަކަށް ހުރި އިސްމާއިލް މެހެފޫޒު (އިންމަ) ކޮންޓްރެކްޓް އާ ކޮށް އަންނަ ސީޒަނުގައި ވެސް އެކުލަބުގައި މަޑު ކުރަން އޭނާ ވަނީ ނިންމާފަ އެވެ.

އަދި މި ދިޔަ ސީޒަނުގައި ފޯކައިދޫ އެފްސީގެ ވައިސް ކެޕްޓަނެއްގެ ގޮތުގައި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ފޯވާޑް މުހައްމަދު ޖައިލަމް (އޮގީ) އެ ކްލަބު ދޫކޮށް ކްލަބް ގްރީން ސްޓްރީޓަށް ވަނީ ސޮއިކޮށްފަ އެވެ.

ބާކީ ހުރި ކުލަބުތަކުން ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އަދި ރަސްމީކޮށް ހަރަކާތެއް ނުފަށައެވެ. އެކަމަކު ޓީސީ ސްޕޯޓްސް ކުލަބަށް ސީޒަން އެއްކޮށް ނިމިފައި ނުވާތީ އެކުލަބުން އޭއެފްސީ ކަޕުގައި ކުޅޭ މެޗުތައް އޮންނާނެ އެވެ. ނަމަވެސް ކޮރޯނާގެ ސަބަބުން ކުލަބަށް ދިމާވި ދަތިތަކާ އެކު މިވަގުތު ކުލަބުގެ މެނޭޖްމެންޓުން ކުޅުންތެރިން ލައްވާ ޕްރެކްޓިސް ނުކުރަން ވަނީ ނިންމާފަ އެވެ.

އެފްއޭއެމުން ކުރިން ބުނެފައިވަނީ އަންނަ ސީޒަނުގެ މެޗުތައް ދެ ދަނޑެއްގައި ކުޅެން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ގަލޮޅު ދަނޑުގެ އިތުރުން ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި އޮތް ވިނަގަނޑު ތަރައްގީކޮށް އެ ދަނޑުގައި މެޗުތައް ކުޅެން ރޭވި އެވެ. އެކަމަކު މިހާރު ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ވިސްނުން ގެންގުޅޭއިރު ހުޅުމާލޭ އެ ދަނޑުގެ މަސައްކަތް ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް