އެފްއޭ ކަޕްް: ޔުނައިޓެޑް ކަޓުވާލައި ޗެލްސީ ފައިނަލަށް

ޔުނައިޓެޑް ކޮޅަށް ގޯލު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ//ލައިވްސްކޯ

އިނގިރޭސި އެފްއޭ ކަޕުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ފަސޭހަކަމާ އެކު ބަލިކޮށް ޗެލްސީއިން ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ޔުނައިޓެޑްގެ މައްޗަށް ޗެލްސީން ކުރި ހޯދީ 1-3ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ފައިނަލުގައި ޗެލްސީ ނުކުންނާނީ ފުރަތަމަ ސެމީގައި މެންޗެސްޓާ ސިޓީ 2-0 ބަލިކުރި އާސެނަލާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ އޮގަސްޓް އެއް ވަނަ ދުވަހު އެވެ.

ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ޖާގައަަށް ހަނގުރާމަކުރަމުން ދާ ދެ ކުލަބުގެ ދެމެދުގެ މި ކުރިމަތިލުމަށް ދެ ޓީމުން ވެސް ރޭ ނުކުތީ ބަދަލުތަކާ އެކު އެވެ. އެގޮތުން ޔުނައިޓެޑްގެ ފުރަތަމަ އެގާރައިގައި ކުޅޭ ޕައުލް ޕޮގްބާ އާއި މޭސަން ގްރީންވުޑް އަދި އެންތަނީ މާޝިއާލް ބެންޗުގައި އިން އިރު މި ސީޒަނުގައި ޗެލްސީއަށް މޮޅު ކުޅުމެއް ދައްކައިދެމުން އަންނަ ކްރިސްޓިއަން ޕުލިސިކަށް ވެސް ފުރަތަމަ އެގާރައިން ފުރުސަތެއް ނުލިބުނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނިގެން ދިޔަ އިރު ޔުނައިޓެޑަށް މެޗު ގޯސްވެގެން ދިޔައީ މެޗުގެ ފުރަތަމަ ހާފުގައި، ބޮލލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ޔުނައިޓެޑުގެ ޑިފެންޑަރު އެރިކް ބެއިލީ ބަދަލު ކުރަން ޖެހުމުންނެވެ. އޭނަގެ ބަދަލުގައި އެންތަނީ މާޝިއާލް ކުޅެން ނުކުން އިރު، ޗެލްސީން ވަނީ އެ ދަނޑިވަޅުގެ ފައިދާ ނަގައި ލީޑު ނަގައިފަ އެވެ. ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާއަށް ހެދުނު ގޯހަކުން އެ ގޯލު ޗެލްސީއަށް ޖަހައިދިނީ އޮލިވާ ޖިރޫޑް އެވެ.

މެޗުގެ ދެ ވަނަ ހާފުގައި އުފެއްދި ފުރަތަމަ ހަމަލާގައި ޗެލްސީ ލީޑު ފުޅާކުރީ ވެސް ޑެހެއާ އަށް ހެދުނު ގޯހަކުންނެވެ. އޭރިޔާ ބޭރުން ޗެލްސީގެ މޭސަން މައުންޓް ތިރިތިރިން ފޮނުވާލި ހަމަލާ ގޯލަށް ވަނީ ޑެހެއާގެ އަތުގައި ޖެހިފަ އެވެ.

އެއަށް ފަހު އަރިމަތިން މާކަސް އަލޮންސޯ ނަގައިދިން ހުރަސް މެގުއާ ފައިގައި ޖެހިފައި ބައިކޮޅަށް ވަނީ ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އަށް ހުރަސް އަޅަން އުޅުނު ވަގުތު އެވެ. މެޗުގެ ފަހުކޮޅު ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން ފަރަގު ކުޑަކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޮލްޝެއާ ބުނީ އެ މެޗުން އެ ޓީމު ބަލިވާން ދިމާވި އެންމެ ބޮޑު ސަބަބަކީ ވަދެގެން ނުވާނެ ގޯލުތަކެއް ވަނުން ކަމަށެވެ. އަދި ޑެހެއާއަށް ފުރަތަމަ ދެ ގޯލު ވެސް ސަލާމަތް ކުރެވޭނެ ކަމަށާއި، ދެން ކުރެވޭނެ ކަމެއް ނެތް ކަމަށް ސޮލްޝެއާ ބުންޏެވެ.

comment ކޮމެންޓް