މޮޅަކާ އެކު ބާސެލޯނާއިން ލީގު ނިންމާލި އިރު މެސީއަށް ބޮޑެތި ރެކޯޑުތަކެއް

ބާސެލޯނާއާއި އަލަވޭސް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ބާސެލޯނާ ކާމިޔާބު ކުރީ 0-5 ގެ ނަތީޖާއަކުން --- ފޮޓޯ/މާސާ

މި ސީޒަނުގެ ލީގު ފަހު މެޗުގައި ރޭ ޑިޕޯޓިވޯ އަލަވެސް އަތުން ބާސެލޯނާ ހޯދި މޮޅާ އެކު ދެވަނައިގައި ލީގު ނިންމާލި އިރު އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ބޮޑު ތިން ރެކޯޑެއް އެމެޗުގައި މުގުރާލައިފި އެވެ.

އަލަވެސްގެ ދަނޑުގައި ރޭ ކުޅުނު އެ މެޗުން ހޯމް ޓީމުގެ މައްޗަށް ބާސެލޯނާ ކުރި ހޯދީ 0-5ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ބާސެލޯނާއިން ލީގުގެ ދެވަނައިގައި އޮވެ ނިންމާލި އިރު އެ ޓީމަށް ލިބިފައި ވަނީ 82 ޕޮއިންޓް އެވެ. އެއްވަނައިގައި އޮތް ރެއާލް މެޑްރިޑުން ރޭ ލެގަނެސް އަތުން އެއްވަރުވި އިރު އެ ޓީމު ލީގު ނިންމާލީ 87 ޕޮއިންޓާ އެކު އެވެ.

ބާސެލޯނާއިން ރޭގެ މެޗަށް ނުކުތީ ލީގު ގެއްލުމުގެ މާޔޫސްކަމުގައި އޮވެގެންނެވެ. އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އޮސަސޫނާ އަތުން ބާސެލޯނާ ބަލިވި އިރު ހަމަ އެރޭ ރެއާލުން ވަނީ އެ ޓީމު ކުޅުނު މެޗުން މޮޅުވެ ލީގު ކަށަވަރު ކޮށްފަ އެވެ. ލީގުގެ ޕްރެޝަރެއް ނެތި ބާސެލީނާ ރޭގެ މެޗާ ކުރިމަތިލީ ނަމަވެސް ކުޅުންތެރިންނާއި، ކޯޗަށް އޮތީ ޓީމުގައި ދެމިހުރުމަށް ޕްރެޝަރު ކުރިމަތިވެފަ އެވެ.

އެހެން ނަމަވެސް ބާސެލޯނާއިން އެ މެޗު ފަށައިގެން ވެސް މޮޅު ކުޅުމެއް ދެއްކި އިރު މެޗުގެ އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާ ވެސް އުފެއްދީ އެ ޓީމުންނެވެ. ޒުވާން މިޑްފީލްޑަރު ރިކީ ޕުޖް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ހުރަސް ދަނޑިއަށް އަމާޒުވި އިރު އޭގެ އިރަކޮޅެއް ފަހުން އާތުރޯ ވިޑާލް ފޮނުވާލި ހަމަލާއެއް ވެސް ވަނީ ދަނޑީގައި ޖެހިފަ އެވެ.

ބާސެލޯނާއަށް 24 ވަނަ މިނަޓުގައި ކެޕްޓަން މެސީ ދިން އެސިސްޓަކުން ލީޑު ނަގައިދިނީ އުމުރުން 17 އަހަރުގެ އަންސޫ ފަޓީ އެވެ. ފަޓީއަށް ކޮށްދިން އެސިސްޓާ އެކު މެސީ ވަނީ މި ފަހަރުގެ ލީގުގައި 21 އެސިސްޓް ހަމަކޮށް ސްޕެނިޝް ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. މި ރެކޯޑް ކުރިން އޮތީ ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހަނެންޑޭޒް އަތުގަ އެވެ. ޒަވީ ވަނީ 2008-09 ވަނަ ސީޒަނުގައި 20 އެސިސްޓް ފުރިހަމަ ކޮށްފަ އެވެ.

ބާސެލޯނާއިން 34 ވަނަ މިނަޓުގައި ލީޑު ފުޅާ ކުރީ މެސީގެ ގޯލަކުންނެވެ. އެއަށްފަހު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލުއިސް ސުއަރޭޒް އެ ޓީމުގެ ލީޑު ތިން ގޯލަށް ވަނީ ފުޅާ ކޮށްދީފަ އެވެ. ބާސެލޯނާއިން ދެވަނަ ހާފުގައި ވެސް އިތުރު ދެ ގޯލު ޖެހި އިރު އެ ދެ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުން ނެލްސަން ސެމީޑޯ އާއި މެސީ އެވެ.

ރޭގެ މެޗުގައި މެސީ ޖެހި ދެ ގޯލާ އެކު އޭނާ ވަނީ މި ސީޒަނުގެ ސްޕެނިޝް ލީގުގެ ޓޮޕް ސްކޯރާއާ އެކު ޕިޗިޗީ އެވޯޑް ޔަގީންވެފަ އެވެ. މި ސީޒަނުގައި އޭނާ ޖެހި 25 ގޯލާ އެކު މިއީ މި އެވޯޑް އޭނާ ހޯދި ހަތްވަނަ ފަހަރެވެ. ރެކޯޑް އަދަދަކަށް މެސީ ލީގުގެ ޓޮޕް ސްކޯރާގެ މަގާމު ހޯދި އިރު ހަ އެވޯޑާއެކު ކުރިން އެ ރެކޯޑު އޮތީ އެތުލެޓިކޯ ބިލްބާއޯގެ ކުރީގެ ފޯވާޑް ޓެލްމޯ ޒާރާ އަތުގަ އެވެ.

މީގެ އިތުރުން މެސީ ވަނީ ރޭގެ މެޗުގެ ގޯލުތަކާ އެކު މުޅި ފުޓުބޯޅައިގެ ވެސް ބޮޑު ރެކޯޑެއް ހަދައިފަ އެވެ. އޭނާ ވެގެން ގޮސްފައިވަނީ ފުޓުބޯޅައިގެ ތާރީހުގައި ވެސް އެންމެ ފުރަތަމަ 1000 ގޯލު ކޮންޓްރިބިއުޓް ކޮށްދިން ކުޅުންތެރިޔާ އަށެވެ. މެސީގެ 703 ގޯލާއި 298 އެސިސްޓާ އެކު އޭނާ ވެގެން ގޮސްފައި ވަނީ ފުޓުބޯޅައިގައި ހާހެއް ހަމަ ކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

comment ކޮމެންޓް