ތުހުމަތުތަކެއްގައި މަގާމުން ވަކިކުރުމަކީ ބަޔަކު ރާވައިގެން ހިންގި ޖަރީމާއެއް: އަލީ ވަހީދު

ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ފުލުހުންނަށް ބަޔާން ދެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިންސީ ގޯނާގެ ތުހުމަތުތަކެއްކޮށް މަގާމުން ދުރުކުރުމަކީ ބަޔަކު ރާވައިގެން ހިންގި ޖަރީމާއެއް ކަމަށް މިފަހުން ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރި، އަލީ ވަހީދު މިރޭ ތުހުމަތު ކުރައްވައިފި އެވެ.

ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައިގެން އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މަގާމުން ވަކިކޮށް ހިންގާ ތަހުގީގުގައި އޭނާ މިރޭ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ.

އެ މައްސަލައާ ގުޅިގެން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަނީ މި މަހު ނުވަ ވަނަ ދުވަހު އޭނާ ޓޫއަރިޒަމް މިނިސްޓަރުކަމުގެ މަގާމުން ވަކިކޮށްފަ އެވެ.

ގާތްގަނޑަކަށް ދެގަޑިއެއްހާއިރު ފުުލުހުންގެ މައި އިދާރާގައި ހޭދަކުރެއްވުމަށް ފަހު ނިކުމަވަޑައިގެން އެ އިދާރާގެ ބޭރުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ފުލުހުން އޭނާއަށް ކުރާ ތުހުމަތުތަކަށް އިންކާރުކުރެއްވި ކަމަށާއި، ހުރިހާ ސުވާލަކަށް ޖަވާބުދީ، ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

"މިއީ ރޭވިގެން އަޅުގަނޑާ ދެކޮޅަށް ބަޔަކު ހިންގާ ޖަރީމާއެއް. އެހެން ވީމަ އަޅުގަނޑު ދެންނެވިން ތުހުމަތުތަކަށް އަޅުގަނޑު ފުރިހަމައަށް އިންކާރު ކުރާ ވާހަކަ،" ފުރަތަމަ ފަހަރަށް އޭނާއަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން މީޑިއާއާ ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި މައްސަލައިގައި ސިޔާސީ ބައެއްގެ ނުފޫޒު ހިމެނޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މިނިވަން އިންސާފުވެރިކަމާ އެކު ހިންގޭ ތަހުގީގަކުން މައްސަލަ ބަލައިފި ނަމަ، ހަގީގަތް ހާމަވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ބަޔަކު ރާވައިގެން އޭނާ "ފްރޭމް" ކުރި ސަބަބު ވެސް ތަހުގީގުން އެނގޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑު ހަނެއް ނުހުންނަން. މީގެ ކުރިން ފުލުހަށް ގާތްގަނޑަކަށް އައި ހުރިހާ ފަހަރެއްގައި އަޅުގަނޑު ހުރީ ހަނު. އެހެން ނަމަވެސް މި މައްސަލާގައި އަޅުގަނޑު ގަސްދެއް ނުކުރަން ހަނު ހުންނާކަށް. ފުލުހުންގެ ތަހުގީގަށް ފުރިހަމައަށް އެއްބާލުން ދޭނަން،" މީގެ ކުރިން ވަރަށް ފޯރިގައި ވާހަކަދައްކަވާ އަލީ ވަހީދު ވަރަށް މަޑުމައިތިރިކަމާ އެކު ހުންނަވާ ވިދާޅުވި އެވެ.

އަލީ ވަހީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފައި، މިއީ ބަޔަކު ރާވައިގެން ހިންގި ޖަރީމާއެއް ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަލީ ވަހީދު ވިދާޅުވީ، ރައީސް ސޯލިހް އޭނާ މަގާމުން ވަކިކުރުމަށް ނިންމެވި ނިންމެވުމަށް ފުރިހަމައަށް އިހުތިރާމް ކުރައްވާ ކަމަށެވެ. އަދި އޭނާ އެދެނީ އިންސާފުވެރި ތަހުގީގެއް ހިންގައި، ރައީސް ސޯލިހަށާއި ރައްޔިތުންނަށް އޭނާއަށް ކުރެވޭ ތުހުމަތުތައް ސާފުވެގެން ދިޔުމުން ކަމަށެވެ.

"ﷲ އިރާދަ ކުރެއްވިއްޔާ ހަގީގަތް ހާމަ ވާނެ. މިދުވަސް ވެސް ހިނގައިދާނެ. މިކަހަލަ ތޫފާނުގެ ވައި އަބަދު ނުވެސް ހުންނާނެ،" އަލީ ވަހީދު ވިދާޅުވި އެވެ

ތުހުމަތުތަކާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މި މަހު ނުވަ ވަނަ ދުވަހު އޭނާ ޓޫއަރިޒަމް މިނިސްޓަރުކަމުގެ މަގާމުން ވަކިކޮށްފަ އެވެ.

އަލީ ވަހީދުގެ ސިޔާސީ ކުރިމަގު ދެން ބައްޓަން ވެގެންދާނީ ކޮން ގޮތަކަށްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ، މިވަގުތު ހުރިހާ ވެސް އަމާޒެއް ހުރީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާފު ކޮށްދިނުމަށް ކަމަށެވެ. ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހާއި މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ވެސް އެންމެ ހަގު މެމްބަރެއްގެ ގޮތުގައި ވަޑައިގެންނެވި އަލީ ވަހީދު ވިދާޅުވީ މި ސަރުކާރަކީ އޭނާ ވެސް ބުރަ މަސައްކަތުން ގެނައި ސަރުކާރެއް ކަމަށާއި ވަރަށް މުހިންމު އިހްލާސްތެރި މަސައްކަތެއް މަގާމަށް އައިސް ވެސް ކުރެއްވި ކަމަށެވެ.

"ހަގީގަތުގައި ވަރަށް ދެރެވަފައި މިިހުރީ. މިރޭ އެއް ގަޑި އިރުފަހުން އަޅުގަނޑުގެ ޒުވާން ހަޔާތް ނިމިގެންދާނެ. މިރޭ 12 ޖަހާއިރު، އަޅުގަނޑަށް 36 އަހަރު ފުރިގެންދާނެ. ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހާ އަދި ސިޔާސީ ޕާޓީތަކުގެ އިސް މާގާމުތަކުގައި ވަރަށް އިހުލާސްތެރިކަމާއި އަމާނާތެރިކަމާ އެކު މަސައްކަތް ކުރިން. އަޅުގަނޑުގެ ހުރިހާ ވެސް ވަގުތެއް، އަދި އަމާޒެއް ހުރީ އަޅުގަނޑުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާފު ކުރުމަށް،" އަލީ ވަހީދު ވިދާޅުވި އެވެ.

ރައީސް ސޯލިހާއި ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަށް ބިރުދެއްކޭނެ ފަދަ އޯޑިއޯތަކާއި ވީޑިއޯތަކެއް ހުރި ކަމަށް ބައެއް މީޑިއާތަކުން ކުރާ ތުހުމަތާ ގުޅޭ ގޮތުން ސުވާލުކުރުމުން އަލީ ވަހީދު ވިދާޅުވީ، އޭނާގެ އަކީ އެއްވެސް ޒަމާނަކު އެ ޒާތުގެ ކަންކަން ކުރި މީހެއް ނޫން ކަމަށެވެ.

"ހުރިހާ ސިޔާސީ ލީޑަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑަކީ އެކަހަލަ މީހެއް ނޫން ކަން. އަޅުގަނޑު ދަންނަ ކޮންމެ މީހަކަށް ވެސް އެނގޭނެ އަޅުގަނޑު ކުރާ ޒާތުގެ ކަންކަން ނޫންކަން. އަޅުގަނޑު ސިޔާސީ ގޮތުން މަސައްކަތް ކުރާ މީހުންނަށް އިހުތިރާމް ކުރަން. އަދި އޭރަކު ކުރާ މަސައްކަތައް ވެސް ފުރިހަމައަށް އިހުތިރާމް ކުރަން. އަޅުގަނޑަކީ، ދުވަހަކު ވެސް ތިޔަ ޒާތުގެ ކަންކަން ކުރި މީހެއް ނޫން، ކުރާނެ މީހެއްވެސް ނޫން،" ޑީއާރުޕީ، އެމްޑީޕީ އަދި ޖޭޕީގެ ލީޑާޝިޕް މަގާމުތައް ފުރުއްވި އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދަށް ކުރާ ތުހުމަތުތަކާ ގުޅިގެން ފުލުހުން ވަނީ އޭނާގެ ގެ ބަލައި ފާސްކޮށް، އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕް ވެސް ހިފަހައްޓައިފަ އެވެ. އަލީ ވަހީދު ވިދާޅުވީ، ފުލުހުންނަށް ދިން ފޯނަކީ ވެސް އޭނާ އިނގިރޭސީވިލާތުގައި ދިރިއުޅެން ފެއްޓެވީއްސުރެ ގެންގުޅުނު ފޯނު ކަމަށެވެ.

ފުލުހުން ވަނީ، އަލީ ވަހީދު ފުރުންވެސް މަނާކޮށްފަ އެވެ. އަދި މި މައްސަލައާ ގުޅިގެން 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް