ފިޝަރީޒްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރަށް ޖިންސީ ގޯނާގެ ތުހުމަތު!

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް އަހްމަދު ފަޒީލް

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް އަހްމަދު ފަޒީލްއަށް ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުމާއެކު، އޭނާ ނިސްބަތްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މައްސަލަ ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ފަޒީލްއަށް ބޮޑެތި ތުހުމަތުތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން އޭނާ އުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކު ރޭޕްކޮށް، އެކުއްޖާ ބަލިވެ އިންކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.

އޭގެ އިތުރުން 18 އަހަރު ނުފުރޭ ކުދިންނަށް ބަދުއަހުލާގީ ފޮޓޯ ފޮނުވުމާއި، ޖިންސީ ފުރައްސާރައާއި ގޯނާގެ އިތުރު ތުހުމަތުތަކެއް ވެސް ވަނީ ކުރެވިފައެވެ.

އެ މައްސަލައާ ގުޅިގެން އެމްއާރްއެމް އިން ކުރި ޓުވީޓެއްގައި ބުނީ އެ ޕާޓީގެ މަގާމެއްގައި ހުރި މީހަކާމެދު ޖިންސީ ފުރައްސާރައާއި އަނިޔާގެ ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި ކުރެވެމުންދާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އަދި މައްސަލަ ބަލާ ނިމެންދެން ޕާޓީ ގެ ހަރަކާތްތަކުން އޭނާ އެކަހެރިކުރެވިފައިވާ ކަމަށް ވެސް އެމްއާރްއެމް އިން ބުންޏެވެ.

އަދި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ ފަރާތްތަކާއެކު އެމްއާރްއެމް އިން ފުރިހަމައަށް މަސައްކަތް ކުރަމުން އަންނަ ކަަމަށް ވެސް ބުނެފައިވެއެވެ.

"ޖިންސީ ފުރައްސާރައާއި އަނިޔާ ފަދަ ކުށްތަކަކީ މި ޕާޓީއިން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަންކަމެއް ނޫނެވެ." އެމްއާރްއެމް އިން ބުންޏެވެ.

comment ކޮމެންޓް