ކުރި ހުކުމެއްގެ ސައްހަކަމާ ގުޅޭގޮތުން އެއްވެސް ފަނޑިޔާރެއްގެ މައްސަލައެއް ނުބަލަން: ޖޭއެސްސީ

ޖޭއެސްސީގެ ރައީސް ހިސާން ހުސައިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަނޑިޔާރަކު ގާނޫނު މާނަކުރި ގޮތެއްގެ ނުވަތަ ދިން ރައުޔެއްގެ ނުވަތަ ކުރި ހުކުމެއްގެ ސައްހަކަމާ ގުޅޭގޮތުން ފަނޑިޔާރެއްގެ އެއްވެސް މައްސަލައެއް ބަލަމުން ނުދާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަނޑިޔާރަކު ކުރާ ހުކުމެއްގެ ސައްހަކަމާ ގުޅޭގޮތުން އެއްވެސް މައްސަލައެއް ނުބަލާނެކަމަށެވެ.

އަދި އެ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރާނީ ދުސްތޫރީ އަދި ގާނޫނީ އިމުގެ ތެރެއިން ކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

"ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ފަނޑިޔާރަކު އަމަލުކޮށްފިކަމުގައި ފެންނަ ކޮންމެ ފަރާތަކަށްމެ، މި ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮތްކަމާއި، އެ މައްސަލަތައް ބެލުމާމެދު ގޮތް ނިންމުމުގެ މަސައްކަތް ކޮމިޝަންގެ ގާނޫނުގައި އެކަށައަޅާފައިވާ ނިޒާމުގެ ތެރެއިން އުސޫލުތަކާ އެއްގޮތަށް ކުރަމުންދާކަމުގައި ދަންނަވަމެވެ." ޖޭއެސްސީން ބުންޏެވެ.

އެގޮތުން މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ޖުމްލަ 107 މައްސަލައިގެ މަސައްކަތް ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތާ އެއްގޮތްވާގޮތުގެ މަތިން، "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމެޓީ" އިން ކޮށްފައިވާނެ ކަމަށާއި، އޭގެ ތެރެއިން، 17 މައްސަލައަކާ ގުޅިގެން އެ މައްސަލަތައް ނިސްބަތްވާ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ނިންމައި، 56 މައްސަލައިގައި ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލެވޭނެ ފަދަ ކަމެއް ފާހަގަ ނުވާކަމަށް ނިންމާފަައިވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން 58 މައްސަލައެއް ބެލުމާމެދު ގޮތެއް ނިންމުމުގެ ކުރިިން، އެ މައްސަލަތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް އެ ކޮމެޓީން ކުރަމުން އަންނަ ކަމަށާއި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ތަހުގީގު ނިމި ހަ ފަނޑިޔާރަކާމެދު ފިޔަވަޅު އަޅާފައި ވާނެ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

comment ކޮމެންޓް