ހަތް ދަރިވަރަކަށް ރައީސްގެ ސްކޮލާޝިޕް ލިޔުން ހަވާލުކޮށްފި

"ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް" ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕް ހާސިލްކުރި ހަތް ދަރިވަަރަކަށް މިއަދު ސްކޮލާޝިޕް ހަވާލުކޮށްފިއެވެ.

ރައީސްގެ ސްކޮލާޝިޕް އަކީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި މަތީ ސާނަވީ އިމްތިހާނުތަކުން، އެންމެ މަތީ ދަރަޖައިގައި ފާސްވި ކުދިންނަށް ދޭ ސްކޮލާޝިޕެކެވެ.

މިއަހަރުގެ ރައީސް ދެއްވާ ސްކޮލާޝިޕް ލިބުނީ ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަންގެ ފަސް ދަރިވަރަކާއި، އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދެ ދަރިވަރަކަށެވެ.

އެ ސްކޮލަޝިޕްގެ ދަށުން އެ ކުއްޖަކު ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ އެވެ.

ކުދިންނަށް ސްކޮލާޝިޕް ހަވާލުކޮށްދެއްވުމަށްފަހު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެއީ މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުތަކުން ފުރާނާލައިގެން ނެގުނު އަރަގުކޮޅު ކަމަށެވެ.

ރައީސް ވަނީ 12 އަހަރުގެ ބުރަ މަސައްކަތަށްފަހު އެކުދިން ހޯދި ފުރިހަމަ ކާމިޔާބީއަށް ވަރަށް ހޫނު މަރުހަބާއެއް ރައްދު ކުރައްވައިފައެވެ. އަދި އެކުދިންނަށް ހިތްވަރުދީ، އެހީތެރިވެދިން މައިންބަފައިންނާއި ބެލެނިވެރިންނަށާއި، މުދައްރރިސުންނަށް ވެސް ރައީސް ވަނީ މަރުހަބާ ދަންނަވައިފައެވެ.

ސްކޮލާޝިޕް ހާސިލްކުރި ދަރިވަރުންނާ މުހާތަބުކުރައްވައި ރައީސް ވިދާޅުވީ އިލްމީ ގޮތުންނާއި އުފެއްދުންތެރިކަމުގެ ގޮތުން އަދި ޓެކްނޮލޮޖީގެ ގޮތުން، ދުނިޔެ އަޅަމުން އަންނަ ހަލުވި ފިޔަވަޅުތަކަށް ބަލާއިރު، މަތީ ސާނަވީ ނިންމުމަކީ، އުނގެނުމާއި އިލްމު ހޯދުމުގެ ހަގީގީ ފެށުން ކަމަށެވެ. އަދި މިއަދު ލިބުނު ސްކޮލާޝިޕާއެކު، ދެން އެކުދިން ކުރިމަތިލާނީ މަތީ ތައުލީމުގެ މަރުހަލާތަކާ ކަން ރައީސް ފާހަގަކުރެއްވިއެވެ.

"ތައުލީމީ ގޮތުން މަތީ ވަނަތައް ހާސިލުކުރާ ދަރިވަރުންނަށް މިފަދަ ސްކޮލާޝިޕްތައް ދެނީ ވަރަށް މަތިވެރި މަގުސަދެއްގައި. އެއީ ޒިންމާދާރުކަމާއެކު ގައުމު ބިނާކޮށް އާރާސްތު ކުރުމުގެ މަސްއޫލިއްޔަތާ ހަވާލުވާނެ، އުފެއްދުންތެރި އިލްމީ ދަރިންތަކެއް ބިނާކުރުން. އެކަމަށްޓަކައި ދައުލަތުގެ ފަރާތުން މިހާރުވެސް ވަރަށް ބޮޑެތި ހޭދަތަކެއް އެބަ ކުރެވޭ،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި މަތީ ތައުލީމު ދޭ މުއައްސަސާތަކުން، ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް، ދައުލަތުގެ ހަރަދުގައި އެކަން ކުރެވޭނެގޮތް ސަރުކާރުން ހަމަޖެއްސީ މިދިޔަ އަހަރުއެވެ.

އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމަށް، މިހާތަނަށް 6250 ދަރިވަރަކަށް، 130 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެވިފައިވާކަން ރައީސް މިއަދު ފާހަގަކުރެއްވިއެވެ.

އަދި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ދޫކުރާ ލޯނު އެހީގެ ދަށުން، މިހާރުވެސް ތަފާތު 24 ގައުމެއްގައި 1480 ދިވެހި ދަރިވަރަކު، މަތީ ތައުލީމުގެ ތަފާތު ޕްރޮގްރާމްތައް ފުރިހަމަކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕްގެ ދަށުން، ތަފާތު ހަތް ގައުމެއްގައި 54 ދަރިވަރަކު ތަފާތު ޕްރޮގްރާމްތައް ފުރިހަމަކުރަމުން އަންނަ ކަމަށާއި އަދި ހައި އެޗީވާސް ސްކޮލާޝިޕްގެ ދަށުން، ތަފާތު ހަތް ގައުމެއްގައި މިހާރުވެސް 117 ދަރިވަރަކު ކިޔަވަމުން ގެންދާ ކަމަށެވެ.

"މީގެ އިތުރުންވެސް، ދިވެހި އެތައް ހާސް ދަރިވަރުންނެއް، ދުނިޔޭގެ އެކި ގައުމުތަކުގައި މަތީ ތައުލީމުގެ ޕްރޮގްރާމްތައް ފުރިހަމަކުރަމުން އެބަ ގެންދޭ. އެ ހުރިހާ ދަރިވަރުންވެސް، ކިޔަވަމުން އެދަނީ ރާއްޖެއަށް ބޭނުންތެރި، ވަރަށް މުހިންމު ދާއިރާތަކަކުން. އިރާދަކުރެއްވިއްޔާ އެ ހުރިހާ ދަރިވަރުންނަކީވެސް، ގައުމުގެ ތަރައްގީގައި މުހިންމު ހިއްސާއް ވާނޭ ދަރިވަރުންތަކެއް ކަމުގައި އަޅުގަނޑު އުންމީދުކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމަކީ އޭގެ ޒާތުގައި އަމިއްލައަށް ތަރައްގީވެ ކުރިއަރައިގެންދާ އެއްޗެއް ނޫން ކަމަށާއި އަދި އަމިއްލައަށް އާރާސްތުވެ ބިނާވެގެންދާ އެއްޗެއްވެސް ނޫން ކަމަށެވެ.

އެއާ ހިލާފަށް، ގައުމުގެ ތަރައްގީއާއި ކުރިއެރުމަކީ، އެ ގައުމެއްގެ ރައްޔިތުންގެ ސިކުނޑީގައި އުފަންވެގެން އަންނަ އީޖާދީ ފިކުރުތަކެއްގެ ނަތީޖާ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ، ދިވެހި ދަރީންގެ ސިކުނޑިތަކުގައި އީޖާދީ ވިސްނުން އާލާކޮށް ފައްކާކުރެވޭ ވަރަށް، ދިވެހި ދަރިންނަށް އިލްމު ހޯދައިދިނުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ކޮންމެ ކުއްޖަކުވެސް މަތީ ތައުލީމު ހާސިލުކުރަން ނުކުންނަނީ، އެކުއްޖެއްގެ އުންމީދުތަކަކާއި، ހާސިލުކުރަން ބޭނުންވާ މަގުސަދެއް އޮތުމުން ކަމަށްވާއިރު، އެ ކުއްޖާގެ މައިމީހާ ކަމުގައިވާ ދިވެހި ވަތަން، ވެސް އެކުދިންގެ ފަރާތުން ކުރާ އުންމީދުތަކެއް ވެސް ހުންނާނެ ކަމަށެވެ.

"އެއީ ގައުމަށް ވަފާތެރި، ތެދުވެރި އަދި އިހްލާސްތެރިކަމާއެކު ގައުމަށް ހިދުމަތްކުރާނެ ދަރިންތަކެއް ކަމުގައިވުން. ވަކިން ހާއްސަކޮށް މިދުވަސްވަރު، އެފަދަ ދަރިންތަކަކަށް ރާއްޖެ އެބަ ބޭނުންވޭ،" ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް