ގާނޫނާ ހިލާފަށް މީހުން ހައްޔަރު ކުރާ ކަމަށް ބުނެ އެމެރިކާ ސަރުކާރު ގޮވައިގެން ކޯޓަށް

ފްލޯއިޑްގެ މަރާ ގުޅިގެން ސިލްސިލާ މުޒާހަރާތައް ކުރަމުންދާ ސިޓީތަކުގެ ތެރޭގައި ޕޯޓްލެންޑް ހިމެނޭ -- ފޮޓޯ: ގެޓީ

ޕޯޓްލެންޑް (ޖުލައި 19): އެމެރިކާގެ ފެޑެރަލް ސަރުކާރުން އެގައުމުގައި މުޒާހަރާ ކުރާ މީހުން ގާނޫނާ ހިލާފަށް ހައްޔަރު ކުރާ ކަމަށް ބުނެ އޮރެގަން ސްޓޭޓުން އެ މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

އެމެރިކާގައި މިދިޔަ މެއި މަހު، ދޮން ނަސްލުގެ ފުލުހަކު ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޯއިޑް މަރާލުމާ ގުޅިގެން ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް އެގައުމުގެ އެކި ސަރަހައްދުތަކުގައި ދަނީ ސިލްސިލާ މުޒާހަރާތައް ބާއްވަމުންނެވެ.

އޭގެ ތެރެއިން ފާއިތުވި ދުވަސްތަކުގައި އޮރެގަންގެ ޕޯޓްލެންޑުގައި ބޭއްވި މުޒާހަރާތަކުގެ ތެރޭގައި ފެޑެރަލް އޮފިސަރުން ވަނީ އެއްވެސް ސަބަބެއް ހާމަ ކުރުމަކާ ނުލައި މީހުން ހައްޔަރު ކޮށްފައި ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެ އެވެ. އަދި އޮފިސަރުން ތިބެނީ އެއީ ކޮން އިދާރާއަކަށް ނިސްބަތްވާ އުޅަނދެއްކަން ކަން ނޭނގޭ ފަދަ އުޅަނދުތަކުގައި ކަމަށް އޮރެގަން ޕަބްލިކް ބްރޯޑްކާސްޓިން މީޑިއާއިން ރިޕޯޓު ކުރި އެވެ.

އެ މައްސަލައިގައި އޮރެގަންގެ އެޓާނީ ޖެނެރަލް އެލެން ރޯޒެންބްލަމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ މައި ސަރުކާރުން ފޮނުވާ ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ، ޔޫއެސް މާޝަލްސް ސާވިސް، ޔޫއެސް ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން އަދި ފެޑެރަލް ޕްރޮޓެޝަން ސާވިސްގެ އޮފިޝަލުން ޕޯޓްލެންޑުގައި މީހުން ހައްޔަރު ކުރުން ހުއްޓުވުމަށް އެދިފަ އެވެ.

މީގެ އިތުރުން ފެޑެރަލް އޮފިސަރުން ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރުކޮށް، ޑިއު ޕްރޮސެސް އިން ބޭރުން ފިޔަވަޅު އަޅަމުންދާ ކަމަށް އެ މައްސަލާގައިވެ އެވެ.

ރޯޒެންބްލަމް ވިދާޅުވި ގޮތުގައި ފެޑެރަލް އޮފިޝަލުންގެ އެ އަމަލުތަކުގެ ސަބަބުން ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރުމުގެ ހައްގަށް ހުރަސް އެޅެ އެވެ. އަދި އޭގެ ސަބަބުން ސިޓީގެ ހާލަތު އިތުރަށް ގޯސްވެ އެވެ.

މިދިޔަ މެއި މަހުގެ 25ގައި ފްލޯއިޑް މަރުވީ، އޭނާ ސައްހަ ނޫން 20 ޑޮލަރު ގެންގުޅޭ ކަމަށް ބުނެ މީހަކު ކުރި ޝަކުވާއަކާ ގުޅިގެން އޭނާ ހައްޔަރު ކުރަން ދިޔަ ފުލުސް އޮފިސަރު ޑެރެކް ޝޮވިން އޭނާގެ ކަރަށް ފައި އަރުވައިގެން ހުރުމުންނެވެ. އެ ހާދިސާ ހިނގި ވަގުތު ޝޮވިންގެ ކައިރީގައި އިތުރު ތިން ފުލުހުން ތިއްބެވެ.

އެ މައްސަލައާ ގުޅިގެން އެ ހަތަރު މީހުންވެސް ފުލުހުންގެ ވަޒީފާއިން ވަކި ކުރުމަށް ފަހު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޝޮވިންގެ މައްޗަށް ގަސްތަކާ ނުލައި މީހަކު މެރުމުގެ ތިން ދައުވާއެއްކޮށްފައިވާ އިރު ބާކީ ތިން ފުލުހުންގެ މައްޗަށް ވަނީ މީހަކު މެރުމަށް އެހީވުމުގެ ދައުވާކޮށްފަ އެވެ.

comment ކޮމެންޓް