ބަންގްލަދޭޝް މަސައްކަތްތެރިންނަށް ކޮވިޑް ނެތްކަމުގެ ފޭކު ލިޔުން ވިއްކަނީ!

ބަންގްލަދޭޝްގެ ޑާކާގައި ބަޔަކު ކޮރޯނާވައިރަހަށް ޓެސްޓުކުރަން ކިޔޫ ހަދާފައި -- ފޮޓޯ/ ރޮއިޓާސް

އެހެން ގައުމުތަކުގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް، އެ ގައުމުގެ ހޮސްޕިޓަލަކުން ކޮވިޑް19 ވައިރަހަށް ނެގެޓިވްކަމަށް ބުނާ ފޭކު ލިޔުން ވިއްކާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން، އެ މައްސަލައާ ގުޅިގެން މިހާރު ވަނީ އެ ހޮސްޕިޓަލުގެ ވެރިޔާ، މުހައްމަދު ޝާހިދު، ހައްޔަރުކޮށްފައެވެ. ބަންގްލަދޭޝް ފުލުހުން އޭނާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު، އަންހެނަކަށް ހެދިގެން، ވަގަށް އިންޑިއާގެ ބޯޑަރު ހުރަސްކުރަން އުޅެނިކޮށެވެ.

ބަންގްލަދޭޝް ފުލުހުންނާ ހަވާލާދީ ނޫސްތައް ބުނެފައި ވަނީ އޭނާ ހައްޔަރުކުރި އިރު ހުރީ މޫނު ބުރުގާ އަޅައިގެންނެވެ. ޝާހިދަކީ ދިގު ކްރިމިނަލް ރެކޯޑެއް އޮތް މީހެއް ކަމަށް ހަބަރުތައް ބުނެއެވެ. އޭނާ ހައްޔަރުކުރެވުނީ އޭނާ ހޯދާތާ ނުވަ ވަނައަށް ވީ ދުވަހުއެވެ.

ފުލުހުން ބުނީ ޑާކާގައި ހުންނަ ޝާހިދުގެ ހޮސްޕިޓަލުން، ކޮރޯނާ ވައިރަހަށް މީހުން ނެގެޓިވް ކަމަށް ބުނެ 10،000 އަށް ވުރެ ގިނަ ލިޔުން ވަނީ ވިއްކައިފައެވެ. ކޮންމެ ލިޔުމެއް 59 ޑޮލަރަށް ވިއްކާފައި ވާއިރު، ގިނަ މީހުން ކޮވިޑަށް ޓެސްޓުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޝާހިދަކީ ދިގު ކުށުގެ ރެކޯޑެއް އޮތް މީހެކެވެ. އެގޮތުން ވައްކަމާއި ކޮރަޕްޝަނާއި ހިޔާނާތާއި މަކަރުހެދުން ފަދަ 30 މައްސަލައެއްގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވި އޭނާ ތަހުގީގު ކުރެވިފައި ވެއެވެ. އަދި ދެ އަހަރުގެ ޖަލު ހުކުމެއް ވެސް ތަންފީޒުކޮށްފައިވެއެވެ.

މުހައްމަދު ޝާހިދު ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ/ އޭއެފްޕީ

ޔޫރަޕުގެ ގިނަ ގައުމުތަކެއްގައި ބަަންގްލަދޭޝް މީހުން ވަޒީފާ އަދާކުރެއެވެ. ނަމަވެސް ކޮވިޑް19 އާ ގުޅިގެން ގިނަ ބަޔަކު ގިނަ ދުވަސްތަކެއް ވަންދެން ބަންގްލަދޭޝްގައި ތާށިވެފައި ތިބެން ޖެހުމުގެ ސަބަބުން، އަލުން އަނބުރާ މަސައްކަތަށް ދާން ބޭނުންވެފައި ތިބުމުން ބަންގްލަދޭޝް މަސައްކަތްތެރިންގެ މެދުގަައި، އެފަދަ ލިޔުންތަކަށް ޑިމާންޑު ބޮޑުވެފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ސަބަބަކީ މަސައްކަތް ކުރުމަށް ހުއްދަ ދިނުމުގެ ކުރިން، އެމީހުން ކޮވިޑް19 އަށް ނެގެޓިވް ކަން ކަށަވަރުކޮށްދޭ ލިޔުމެއް ހުށަހަޅަންޖެހޭތީއެވެ. ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން އަނބުރާ އިޓަލީއަށް ދިއުމުން، އެ ގައުމުން ވެސް ވަނީ މަސައްކަތަށް ނުކުތުމުގެ ކުރިން ކޮވިޑް ޓެސްޓް ކުރަން މަޖުބޫރުކޮށްފައެވެ.

ބަންގްލަދޭޝް އިން އިޓަލީގެ ރޯމަށް ދިޔަ 37 މީހަކު ކޮމިޑް19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން، އިޓަލީގެ ހެލްތު މިނިސްޓަރު ވަނީ ބަންގްލަދޭޝް އިން އެ ގައުމަށް ދާ ފްލައިޓުތައް ސަސްޕެންޑުކުރަން އަންގައިފައެވެ.

އަދި މިދިޔަ ހަފްތާގައި އިޓަލީގެ ރޯމް އަދި މިލާން އަށް ދިޔަ ބަންގްލަދޭޝްގެ 168 މީހަކު ވަނީ އަނބުރާ ފޮނުވާލައިފައެވެ.

ފޭކު ލިޔުން ދޫކުރާ މައްސަލައާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަރުކާރުގެ މިނިސްޓަރަކު ވިދާޅުވެފައި ވަނީ ފޭކު ލިޔުންތައް ވިއްކުން އާންމުވެފައިވުމުގެ ސަބަބުން ބޭރު ދުނިޔޭގައި ބަންގްލަދޭޝްގެ ނަން ވަރަށް ބޮޑަށް ކިލަބުވެފައިވާ ކަމަށެވެ.

ޝާހިދުގެ އިތުރުން، ފޭކު ލިޔުން ވިއްކާކަމުގެ ތުހުމަތުގައި އިތުރު ދެ ޑޮކްޓަރަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި އެފަދަ ލިޔުންތައް ވިއްކާކަމަށް ބެލެވޭ އެހެން ފަރާތްތައް ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ވެސް މިހާރު ވަނީ ފަށައިފައެވެ.

ބަންގްލަދޭޝްގައި ވަރަށް ހަލުވިކަމާއެކު ކޮރޯނާވައިރަސް އަންނަނީ ފެތުރެމުންނެވެ. އެ ގައުމުގައި މިހާތަނަށް 207,453 މީހަކަށް ބަލިޖެހިފައިވާއިރު، 2,668 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

އެހެން ނަމަވެސް ބަންގްލަދޭޝްގައި ބައްޔަށް ޓެސްޓުކުރާ މިންވަރު ދަށް ކަމުން، އެ އަދަދު ބޮޑުތަން އިތުރުވާނެ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް