ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ދަތުރުކުރުމުގައި ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި --- ސަން ފައިލް ފޮޓޯ

މިއަދު ރާއްޖޭގެ އެކި ސަރަހައްދަށް މޫސުން ގޯސްވުން އެކަށީގެންވާކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު މެންދުރު 12:00 އިން ފެށިގެން ހަވީރު 4:00 އަށް ވަނީ ޔެލޯ އެލާޓެއް ނެރެފަ އެވެ.

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފަށައިގެން ލ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ ސަރަހައްދުތަކަށް ގަދައަށް ވައި ޖެހި ކަނޑުތައް ގަދަވުމުގެ އިތުރުން ގުގުރުމާއެކު ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނެފައިވަނީ ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް މިއަދު އާންމުގޮތެއްގައި ވެސް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މިއަދު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި އެލާޓް ނެރެފައިވާ ސަރަހައްދުތަކުގެ ކަނޑުތައް އިތުރަށް ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ފާހަގަކޮށްފައިވެ އެވެ.

މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް ދެތިން ދުވަހުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުގެ މޫސުން ގޯސްވުން އެކަށީގެންވާ ކަމަށެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ކަނޑުތައް ގަދަ ދުވަސްވަރަކަށް ވުމުން ކަނޑުދަތުރުތައް ކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް