އަޔާސޯފްޔާގެ ތާރީޚީ ދަތުރުގެ ވާހަކަ 1

އަޔާސޯފްޔާ މިސްކިތް

އެންމެ ފުރަތަމަ އެއީ އޮރތޮޑޮކްސް ނަޞާރާއިންގެ ފައްޅިޔެކެވެ. ދެން ކެތަލިކް ނަޞާރާއިންގެ ފައްޅިޔެކެވެ. އެޔަށްފަހު އަނެއްކާވެސް އޮރތޮޑޮކްސް ނަޞާރާއިންގެ ފައްޅިޔެކެވެ. ދެން އެތަން އައީ މުސްލިމުންގެ ބާރުގެ ދަށަށެވެ. މުސްލިމުން އެތަން ބޭނުން ކުރީ މިސްކިތެއްގެ ގޮތުގައެވެ. ނަމަވެސް ތުރުކީ ވިލާތުގެ ވެރިކަމާއި ޙުކޫމަތު ޢަލްމާނީ އަދި ލާދީނީ މަދު ބަޔެއްގެ އަތްމައްޗަށް ދިޔުމާ އެކު އެމީހުންގެ ލީޑަރު މުސްޠަފާ ކަމާލްގެ ނިންމުމަކުން، 1935 މ. ވަނަ އަހަރު އެތަން ދާރުލް އާސާރަކަށް ބަދަލު ކުރެވުނެވެ. އެއިގެ 85 އަހަރު ފަހުން، ތުރުކީގެ މިއަދުގެ އިސްލާމީ ލީޑަރު ރަޖަބް ޠައްޔިބް އުރްދުޣާންގެ ޤިޔާދަތުގެ ދަށުން، މި ހިނގާ ޖުލައި މަހުގެ ތެރޭގައި އެތަން ވަނީ ދެވަނަ ފަހަރަށް މިސްކިތަކަށް ބަދަލު ކުރެވިފައެވެ. މިއީ އަޔާސޯފްޔާގެ ތާރީޚީ ދަތުރުގެ ވަރަށް ކުރު ޚުލާޞާއެކެވެ. ދުނިޔޭގައި ހުރި އެންމެ މަޝްހޫރު، އެންމެ މުހިއްމު، އެންމެ އާސާރީ، އެންމެ ތާރީޚީ، އެންމެ ރީތި، އެތަނަކާ މެދު ދުނިޔޭގެ މީސްތަކުންގެ ޚިޔާލު އެންމެ ބޮޑަށް ކަފިކަފި ވެފައި ވާ، އަދި އެ ބިނާޔަކާ ބެހޭގޮތުން އެންމެ ގިނަ ބަޙުޘްތައް ކުރެވޭ އެއް ބިނާގެ ތާރީޚުގެ ޚުލާޞާއެކެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އަޅުގަނޑަށް އަޔާސޯފްޔާއަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު ލިބުނެވެ. ޚާއްޞަ ޓުއަރގައިޑެއްގެ އިރުޝާދުގެ ދަށުން، ވަރަށް ރަނގަޅަށް ތަން ބަލައިލުމުގެ ނަޞީބު ލިބުނެވެ. ބައެއް ކަހަލަ ތަޖުރިބާތައް ކުރެވުމުން، މިހާރު މި ހުރެވެނީ ނުވަތަ މި އުޅެވެނީ ޢާއްމު ދިރިއުޅުމުގެ ދުނިޔެއިން ބޭރުގައޭ، ޒަމާނުގެ ދައުރުވުން ހުއްޓިގެންވާ ގޮތެއްގައި، ވަގުތުގެ ޤައިދުން މިނިވަން ވެގެންނޭ އިޙުސާސް ކުރެވޭ ނޫންތޯއެވެ؟ ބައެއް ތަންތަނަށް ދެވުމުން، އެތަންތަނުގެ ހައިބަތާއި، އަހައްމިއްޔަތާއި، އެތަންތަނުން ރޫޙާނީ ގޮތުންނާއި ނަފްސާނީ ގޮތުން ހިތަށާއި ނަފްސަށާއި މުޅި ވުޖޫދަށް ކުރުވާ އަސަރުތަކެއްގެ ސަބަބުން، މީހާގެ ކިބައިގައި އާދަޔާޚިލާފު އަދި ޢަޖާއިބު ކުރުވަނިވި މަޑުމޮޅިކަމެއް އުފައްދާ ނޫންތޯއެވެ؟ އެތަނެއް ދެކެދެނެގަތުމުގެ ހިއްސުތައް ފިޔަވައި އެހެން ހުރިހައި ހިއްސުތަކެއް ފާޑަކަށް ގަނޑު ވެގެންދޭ ނޫންތޯއެވެ؟ އަޔާސޯފްޔާގެ ކުރިމަތީގައި ހުއްޓިލެވުނު ހިނދު، އަދި އެތަނުގެ އެތެރެޔަށް ފުރަތަމަ ފިޔަވަޅު އެޅި ވަގުތު، އަދި ތަނުގެ އެތެރެ ބަލަމުން ދިޔަ އިރު، އަޅުގަނޑަށް ވީ ގޮތަކީ މި ދެންނެވީއެވެ.

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ---

އާބާދީގެ 99 އިންސައްތަޔަކީ މުސްލިމުން ކަމުގައި ހިމެނޭ، އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު، އެންމެ ބާރުގަދަ، އެންމެ މުއްސަނދި، އަދި ހުރިހައި ގޮތަކުން ވެސް އެންމެ މުހިއްމު އެއް ޤައުމު ކަމުގައި ވާ ތުރުކީ ވިލާތުގެ އިސްތާންބުލްގައި ހުންނަ އަޔާސޯފްޔާއަށް އަޅުގަނޑުމެން ޒިޔާރަތް ކުރި އިރު، އެ ތަން ބޭނުން ކުރެވެމުން ދިޔައީ ދާރުލްއާސާރެއްގެ ގޮތުގައެވެ. ނަމަވެސް މި ހިނގާ ޖުލައި މަހުގެ 10 ވަނަ ދުވަހު، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ނެރުއްވި ރިޔާސީ ޤަރާރަކުން، އެތަން ވަނީ މިސްކިތަކަށް ބަދަލު ކުރެވިފައެވެ. އެ ޤަރާރު ނެރުއްވީ، ތުރުކީގެ އިދާރީ އެންމެ މަތީ ކޯޓު ކަމުގައި ވާ ކައުންސިލް އޮފް ސްޓޭޓުން ހަމަ އެ ދުވަހު ނިންމި ޤަޟާއީ ނިންމުމަކުން، މިސްކިތެއްގެ ގޮތުގައި މެނުވީ އަޔާސޯފްޔާ ބޭނުން ކުރުމަކީ ޣައިރުޤާނޫނީ ކަމެއް ކަމުގައި ކަނޑައެޅިތާ ކުޑަކުޑަ އިރުކޮޅެއް ފަހުންނެވެ.

އަޔާސޯފްޔާ އަލުން މިސްކިތަކަށް ބަދަލު ކުރުމުގެ ނިންމުމަކީ އާދައިގެ ނިންމުމެއް ނޫނެވެ. އެއީ ދުނިޔެ ގުޑައިގެން ދާފަދަ ނިންމުމެކެވެ. ތާރީޚުގެ މިޞްރާބު ބަދަލު ކޮށްލާ ވަރުގެ ނިންމުމެކެވެ. ޤައުމުތަކުގެ ނަޞީބާއި މަޞީރާ ގުޅިފައި ވާ ނިންމުމެކެވެ. އެ ނިންމުމުގެ ވަގުތު ކައިރި ވަމުން އައި އިރު، އަދި އެ ނިންމުމަށް ފަހުގައި، ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި، ނަޞާރާއިންގެ ޤިޔާދަތުގެ އެކިއެކި ފަރާތްފަރާތުން އެ ނިންމުމާ ދެކޮޅަށް ބުނަމުން ދިޔަ ބަސްތަކާއި ދައްކަމުން ގެންދިޔަ ވާހަކަތަކަށް ބަލައިލުމުން ވެސް، އެއީ ކިހައި ވަރެއްގެ ނިންމުމެއްކަން އެނގެއެވެ. އެ ނިންމުމާ ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންގެ އެތައް މިލިޔަން ބަޔަކު އުފާ ފައުޅު ކުރަމުން ގެންދާ އިރު، މުސްލިމުންގެ ސަފުތަކުގެ ތެރެއިން ވެސް އެ ނިންމުމާ މެދު ތަފާތު ޚިޔާލުތައް ވެސް ދަނީ އިވެމުންނެވެ. ޝައްކެއް ނެތް ގޮތުގައި، އަޔާސޯފްޔާ ދެވަނަ ފަހަރަށް މިސްކިތަކަށް ބަދަލު ކުރުމަށް ރައީސް އުރްދުޣާން ނިންމެވި ނިންމެވުމަކީ މުޅި އިސްލާމީ އުއްމަތުގެ އެންމެ މަތީ މަޞްލަޙަތުތަކާއި މުސްތަޤުބަލާ ހުރިހައި ގޮތަކުން ގުޅި ލާމެހިފައި ވާ ނިންމެވުމެކެވެ. އެ ނިންމެވުމުގެ މައްޗަށް ތަޙްލީލީ ނަޒަރަކުން ބަލައިލުން މުހިއްމު ވާ މައިގަނޑު ސަބަބަކީ މިއެވެ.

މި ދެންނެވި ތަޙްލީލީ ނަޒަރު ބިނާ ކުރެވޭން ޖެހެނީ، ފެންނާން ހުރި ތާރީޚީ ޙަޤީޤަތްތަކުގެ މައްޗަށެވެ. އަދި މިއަދުގެ ދުނިޔޭގައި ކަންކަން ހިނގަމުން އަންނަ ގޮތާއި، ދުނިޔޭގެ ސިޔާސީ މަސްރަޙާއި، އިސްލާމީ އުއްމަތުގެ ޙާލަތާއި، އިސްލާމީ އުއްމަތާއި ހުޅަނގާ ދެމެދުގައި އޮތް ގުޅުމާއި، އިސްލާމީ ދުނިޔޭގައި ކެންސަރެއް ފަދައިން ފެތުރެމުންދާ ޢަލްމާނީ ނުވަތަ ލާދީނީ ތަޙްރީކުގެ ޚިޔާނާތްތެރި އަދި ނުބައި މޫތަކުގެ ސަބަބުން މުސްލިމުންނަށް ލިބެމުންދާ ނިހާއީ އުނދަގޫތަކާއި، ވޭނާއި، ދުއްތުރާތަކުގެ ޙަޤީޤަތްތަކުގެ މައްޗަށެވެ. ހަމައެހެންމެ، ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި، އިސްލާމީ ޝަރީޢަތުގެ އަލީގައި މި މައްސަލަޔަށް ބަލައިލެވޭ ބަލައިލެވުމެއްގެ ވެސް މައްޗަށެވެ.

އެންމެ ފުރަތަމަ ތާރީޚުގެ ޞަފުޙާތަކަށް ބަލައިލަމާ ހިންގަވާށެވެ!

ފުރަތަމަ ނުވަސަތޭކަ އަހަރު

މިހާރު އަޅުގަނޑުމެންނަށް ފެންނާން ހުރި އަޔާސޯފްޔާގެ ޢިމާރާތަކީ މީގެ 1480 ވަރަކަށް އަހަރު ކުރީން، ބައިޒެންޓައިން ރޯމަން ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިސްތާންބުލް އޮތް ދުވަސްވަރު، އެ ދައުލަތުގެ އަންބަރާޠޫރު ޖަސްޓިނިޔަން އެއްވަނަގެ އަމުރުފުޅަށް ބިނާ ކުރެވުނު ޢިމާރާތެކެވެ. އެއިރު ބައިޒެންޓައިން ދައުލަތަކީ އޮރތޮޑޮކްސް ނަޞާރާ ދައުލަތެކެވެ. އެހެންކަމުން، ޖަސްޓިނިޔަން އެ ޢިމާރާތް ބިނާ ކުރެއްވީ އޮރތޮޑޮކްސް ނަޞާރާ ފައްޅިޔެއްގެ ގޮތުގައެވެ. ނަމަވެސް، އަޔާސޯފްޔާ ހުންނަ ތަނުގައި އެޅުނު ފުރަތަމަ ފައްޅިޔަކީ އަންބަރާޠޫރު ޖަސްޓިނިޔަން ބިނާ ކުރެއްވި އަޔާސޯފްޔާއެއް ނޫނެވެ. އެތަނުގައި އެންމެ ފުރަތަމަ ބިނާ ކުރެވުނީކީ ނަޞާރާ ފައްޅިޔެއް ވެސް ނޫނެވެ. އެތަނުގައި އެންމެ ފުރަތަމަ ހުރީ ވަސަނިއްޔަތުގެ (paganism) ދީނުގެ ފައްޅިޔެކެވެ. އެއީ ޤަދީމީ ޔޫނާން ނުވަތަ ގްރީކާއި ރޯމަން ދައުލަތް ވަސަނީ ދީނުގައި އޮތް ދުވަސްވަރު ބިނާ ކުރެވިފައި ހުރި ފައްޅިޔެކެވެ.

މިހާރުގެ އިސްތާންބުލް އަކީ ޤަދީމީ ޔޫނާނުގެ ދުވަސްވަރުގައްޔާއި، މަޝްހޫރު ރޯމަން އަންބަރާޠޫރިއްޔާގެ ތާރީޚުގެ ފުރަތަމަ ކޮޅުގައި، ބައިޒެންޓިޔަމް ގެ ނަން ލިބިގެން ވީ މުހިއްމު އަދި ބޮޑު ޝަހަރެކެވެ. ރޯމަނުންގެ ލަޝްކަރުތައް ޔޫނާނާއި އޭޝިޔާ މައިނަރ ފަތަޙަ ކުރުމުން، ބައިޒެންޓިޔަމް ވެސް ވެގެން ދިޔައީ ރޯމަން ޝަހަރަކަށެވެ. ޝަހަރު އޮންނަ ތަނަކީ އިސްތިރާޖީ ގޮތުން ދުނިޔޭގެ އެންމެ މުހިއްމު އެއް ތަނެވެ. ޔޫރަޕާއި އޭޝިޔާ ގުޅޭ އެންމެ މުހިއްމު ޕޮއިންޓެވެ. ދެ ބައްރުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ އެންމެ މުހިއްމު އެއް މަރުކަޒެވެ. އެއިރުގެ ރޯމަން އަންބަރާޠޫރިއްޔާގެ ބިޔަ ސަރަޙައްދުގެ ގާތްގަނޑަކަށް މެދެވެ. އެހެންކަމުން، ރޯމަން ދައުލަތުގެ ސަމާލުކަން، ޔޫރަޕުގައި ހުރި އެ ދައުލަތުގެ ބިންތަކަށް ވުރެ ބޮޑަށް އިރުމަތީގެ ޝާމުކަރަޔާއި މިޞްރު ފަދަ ސަރަޙައްދުތަކަށް ހުއްޓިގެން ދިޔަ ދުވަސްވަރު، ރޯމަން އަންބަރާޠޫރު ކޮންސްޓަންޓީން ދަ ގްރޭޓް ބައިޒެންޓިޔަމް އައު ޝަހަރެއްގެ ގޮތުގައި ތަރައްޤީ ކުރައްވައި ބިނާ ކުރެއްވިއެވެ. 324 މ. ގައި ފެށުނު މި މަސައްކަތް ފުރިހަމަ ވީ 330 މ. ގައެވެ. 11 މެއި 330 މ. ގައި ކޮންސްޓަންޓީން އޭނާގެ އައު ޝަހަރު ރަސްމީކޮށް ހުޅުއްވަވައި، އެ ޝަހަރަކީ ރޯމަން ދައުލަތުގެ އިރުމަތީ ވެރިރަށް ކަމުގައި ހަމަޖެއްސެވިއެވެ. 337 މ. ގައި އޭނާ އަވަހާރަ ވުމަށް ފަހު، ބައިޒެންޓިޔަމުގެ ނަން ބަދަލު ވެ، އޭނާގެ ނަންފުޅަށް ނިސްބަތް ކުރެވިގެން ކޮންސްޓެންޓިނޯޕްލް މި ނަމުން އެ ޝަހަރު މަޝްހޫރު ވެގެން ދިޔައެވެ. ޢަރަބި ބަހުން މި ނަން ކިޔަނީ ޤުސްޠަންޠީނިއްޔާ މިގޮތަށެވެ. ޝަހަރަށް އިސްތާންބުލް މި ނަން ދެވުނީ މާ ފަހުން، މުސްލިމުން އެ ޝަހަރު ފަތަޙަ ކުރުމަށް ފަހުގައެވެ.

ކުރީންވެސް ދެންނެވި ފަދައިން، އަޔާސޯފްޔާގެ މަޤާމުގައި އެންމެ ފުރަތަމަ ހުރީ ޔޫނާނީ ބައިޒެންޓިޔަމުގެ ދުވަސްވަރު ބިނާ ކުރެވިފައި ހުރި ވަސަނީ ފައްޅިޔެކެވެ. ވަސަނިއްޔަތަކީ ރޯމަނުންނާއި ޔޫނާނީ ގްރީކުންގެ މުސްކުޅި ދީނެވެ. ރޯމަން ދައުލަތް ވަސަނިއްޔަތު ދޫކޮށް، ނަޞާރާ ދީނަށް އެނބުރުމުގެ މަރުޙަލާތައް ފެށުނީ ވެސް ކޮންސްޓަންޓީން ދަ ގްރޭޓްގެ ރަސްކަމުގެ ދުވަސްވަރުއެވެ. 313 މ. ގައި ނެރެވުނު އީޑިކްޓް އޮފް މިލާނާ އެކުގައެވެ. ކޮންސްޓަންޓީންގެ އަމުރުފުޅަށް ބައިޒެންޓިޔަމް އައު ޝަހަރެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުނީ ދައުލަތުގެ ދީނަކީ ނަޞާރާ ދީން ކަމުގައި ހަމަ ޖެހުމަށް ފަހުގައެވެ. އެހެންކަމުން، ބައިޒެންޓިޔަމް ތަރައްޤީ ކޮށް އަލުން ބިނާ ކުރުމުގެ މަސައްކަތުގެ ބައެއްގެ ގޮތުގައި، ޝަހަރުގެ އެންމެ މުހިއްމު ޕޮއިންޓުގައި ހުރި ބުދުދީނުގެ ބޮޑުފައްޅި ތަޅައިލައި، އެ ފައްޅީގެ ބިންގަލުގެ މަތީގައި ނަޞާރާ ފައްޅިއެއް ޢިމާރާތް ކުރުމަށް ކޮންސްޓަންޓީން އަމުރުފުޅު ކުރެއްވިއެވެ. އަޔާސޯފްޔާ ހުންނަ މަޤާމުގައި އެންމެ ފުރަތަމަ ނަޞާރާ ފައްޅިޔެއް ބިނާ ކުރުމުގެ މަސައްކަތް ފެށުނީ މިގޮތުންނެވެ. މިކަން އެނގެނީ ސޮކްރޭޓިސް އޮފް ކޮންސްޓެންޓިނޯޕްލް ގެ ރާދަވަޅީންނެވެ.

ކޮންސްޓަންޓީންގެ އަމުރުފުޅަށް ފެށުނު މަސައްކަތް ދިގު މުއްދަތަކަށް ދެމިގެން ގޮސް، ފައްޅި ހަދައި ނިމުނީ އޭނާ އަވަހާރަ ވެ، ބައިޒެންޓައިން ރޯމަން ތަޚްތުގައި އޭނާގެ ދަރިކަލުން ކޮންސްޓޭންޓިޔުސް ދެވަނަ އިށީދެވަޑައިގަތްތާ ވިހި އަހަރު ވެގެން ދިޔަ ފަހުންނެވެ. ކޮންސްޓޭންޓިޔުސް އޭނާގެ ބައްޕާފުޅުގެ އަމުރުފުޅަށް ޢިމާރާތް ކުރެވުނު ބޮޑު ފައްޅި އިފްތިތާޙު ކުރެއްވީ 15 ފެބުރުވަރީ 360 މ. ގައެވެ. އެ ފައްޅިޔަށް ދެވުނު ނަމަކީ މެގާލޭ އެކްލީސިޔަސް ނުވަތަ މެގްނާ އެކްލީސިޔަސް މިއެވެ. ފާހަގަ ކޮށްލާން ޖެހޭ އެއް ކަމަކީ، އަންބަރާޠޫރު ކޮންސްޓޭންޓިޔުސް އަކީ އޭނާގެ ބައްޕާފުޅު ކޮންސްޓަންޓީން ދަ ގްރޭޓް ގެ ދުވަސްވަރު، 325 މ. ގައި، ނިކެއާގެ ކައުންސިލުގައި އީޖާދު ކުރެވުނު ނަޞާރާ ދީނުގެ ތިންކައުވަންތަކަމުގެ ޢަޤީދާ (Doctrine of Trinity) ދޫ ކޮށްލައްވައި، ކަލާނގެއީ އެއްކައުވަންތަ އިލާހެއް ކަމަށާއި، ޢީސާ ޢަލައިހިއްސަލާމަކީ އެކަލާނގެ އަޅެއް އަދި ރަސޫލެއް ކަމުގައި، އަދި އެކަލޭގެފާނަކީ އާދައިގެ އިންސާނެއް ކަމަށާއި އިލާހީ އެއްވެސް ބާރެއް އެކަލޭގެފާނަށް ލިބިވަޑައިގެން ނުވާކަމުގެ ޢަޤީދާ ގެންގުޅުއްވި "އާރިޔަން" ނުވަތަ "ތައުޙީދީ" ކްރިސްޓިޔަނެއް ކަމެވެ. އޭނާގެ ރަސްކަމުގައި ކޮންސްޓެންޓިނޯޕްލްގެ ނަޞާރާ ފާދިރީން ވެސް ތިއްބެވީ އެ ޢަޤީދާގެ މަތީގައެވެ. އަދި އޭނާ މެގާލޭ އެކްލީސިޔަސް ނުވަތަ މެގްނާ އެކްލީސިޔަސް އިފްތިތާޙު ކުރެއްވީ ވެސް މި އިޢުތިޤާދުގެ ދީނީ ފައްޅިޔެއްގެ ގޮތުގައެވެ. އެހެންކަމުން، އަޔާސޯފްޔާގެ އަޞްލަކީ އޮރތޮޑޮކްސް ކްރިސްޓިޔަން ފައްޅިޔެކޭ ބުނެވޭ ބަހަކީ ޙަޤީޤަތުގައި އެއްވެސް ވަރަކަށް އެ ބަހަށް ތަޙައްދީ ނުކުރެވޭނެ ބަހެއް ބާވައޭ، މިއީ ވެސް ހަމަ ކުރެވިދާނެ ސުވާލެކެވެ. ނަމަވެސް މިފަދަ ކަވި އަދި މުޢައްޤަދު ބަޙުޘެއްގެ ތެރެޔަށް ނުވަދެ ކުރިޔަށް ދަމާ ހިންގަވާށެވެ!

މެގްނާ އެކްލީސިޔަސް އިފްތިތާޙު ކުރެވުނުތާ ސާޅީހަކަށް އަހަރު ފަހުން، 404 މ. ގައި، އަންބަރާޠޫރު އާރކޭޑިޔަސްގެ އަމުރުފުޅަށް، ކޮންސްޓޭންޓިނޯޕްލްގެ އިސް ފާދިރީ ޕެޓްރިއާރކް ޖޯން ކްރިސޮސްޓޯމް ޝަހަރުން ބޭރު ކުރެވި އަރުވައިލެވުމުން، މީސްތަކުން ރުޅި އައިސްގެން ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި، ފައްޅީގައި އަލިފާން ރޯ ކޮށްލެވުނެވެ. އެ އަލިފާނުގެ ސަބަބުން ފައްޅި ވަރަށް ބޮޑަށް ހަލާކު ވިއެވެ. ވަރަށް ބޮޑެތި މަރާމާތުތަކަށް ފަހު، އަލުން ބޭނުން ކުރެވޭ ވަރަށް ފައްޅި ހަދައިގެން އަލުން ހުޅުވީ އަންބަރާޠޫރު ތިޔޮޑޯސިޔަސްގެ ރަސްކަމުގެ ތެރޭގައި، 10 އޮކްޓޯބަރު 405 މ. ގައެވެ. 532 މ. ގައި އަނެއްކާވެސް ބަޣާވާތެއްގެ ހަމަނުޖެހުންތަކުގެ ތެރޭގައި ފައްޅި އަލިފާނަށް ނަޒުރު ކޮށްލެވުނެވެ. އެއީ އެ އަހަރުގެ ޖަނަވަރީ މަހުގެ 13 އަދި 14 މި ދެ ދުވަހު މުޅި ކޮންސްޓެންޓިނޯޕްލް ގުޑުވައިލި މަޝްހޫރު ނީކާ ބަޣާވާތުގައެވެ. މި ފަހަރު ފައްޅި އެކީ އަނދައިގެން ދިޔައީއެވެ. އެއިރު ފައްޅީގެ އަޞްލު ނަން ކަމުގައި ވާ މެގްނާ އެކްލީސިޔަސް ނުވަތަ މެގާލޭ އެކްލީސިޔަސް ގެ އިތުރުން، "އަގިޔާ ސޮފިޔާ" މި ނަން ވަނީ ފައްޅީގެ އައު ނަމެއްގެ ގޮތުގައި ތަޢާރަފު ވެފައެވެ.

ނީކާ ބަޣާވާތް މައިތިރި ކުރައްވައި، ބާޣީންގެ ފިތުނައިގެ ކަންކަން ހަމަޔަކަށް އެޅުއްވުމަށް ފަހު، އަންބަރާޠޫރު ޖަސްޓީނިޔަން އެއްވަނަ އަމުރުފުޅު ކުރެއްވެވީ ކުރިޔަށް ވުރެ ބޮޑު، ރިވެތި، އަދި ފުރިހަމަ ފައްޅިޔެއްގެ ގޮތުގައި މެގްނާ އެކްލީސިޔަސް ނުވަތަ އަގިޔާ ސޮފިޔާ އަލުން ބިނާ ކުރުމަށެވެ. މި މަސައްކަތުގެ ފަންނީ އެންމެހައި ކަންކަން ޙަވާލު ކުރެއްވީ ބައިޒެންޓައިން ރޯމުގައި އެއިރު ތިއްބެވި ޙިސާބު ޢިލްމާއި، އިންޖިނޭރުކަމާއި، ބިނާފަރުމާގެ ޢިލްމުތަކަށް އެންމެ ކުޅަދާނަ ދެ ބެއިފުޅުން ކަމުގައި ވާ އެންތިމިޔުސް އޮފް ޓްރޭލިސް އާއި، އެލްޑަރ އިސީޑޯރ އޮފް މިލީޓަސް އާއެވެ. މި ދެ ބެއިފުޅުންގެ އިރުޝާދުގެ ދަށުން، ޢިމާރާތުގެ މަސައްކަތްތަކުގައި ދިހަހާހަށް ވުރެ ގިނަ މަސައްކަތްތެރީން ޙަރަކާތްތެރި ވިއެވެ. ތަކެތި ގެނެވުނީ ބައިޒެންޓައިން ރޯމަން ރަސްކަމުގެ ދަށުގައި އޮތް އެކިއެކި ހިސާބުތަކުންނެވެ. ގެނެވުނީ ޢިމާރާތް ކުރުމުގައި އެއިރު ބޭނުން ކުރާ އެންމެ މޮޅު އަދި އެންމެ އަގުބޮޑު ތަކެއްޗެވެ. އެންމެ މޮޅު ފަންނުވެރީންގެ މަސައްކަތުން ކޮށައި މަށައި ފައްކާ ކޮށްފައި ހުރި ސަންގުމަރުމަރު ހިލައެވެ. ޝާމު ކަރައިގެ ރީނދޫހިލައެވެ. މިޞުރުން ގެނެވުނު ޞަޙްރުއް ސަމާޤީ ހިލައެވެ. ޔޫނާނީންގެ މަޝްހޫރު ވަސަނީ ބުދުފައްޅިޔެއް ކަމުގައި ވާ އާރޓެމިސް ޓެމްޕަލްގެ މަޝްހޫރު ތަނބުތައް ވެސް، ހުރި ގޮތަށް ނަގައިގެން ގެނެސް، ފައްޅީގެ ތަނބުތަކުގެ ގޮތުގައި ބޭނުން ކުރެވުނެވެ.

ފައްސަތޭކަ ބައްްތިރީސް، މ.ގައި ފެށުނު މަސައްކަތް ނިމުނީ ފަސް އަހަރު ދުވަހުންނެވެ. ފައްޅި ހުޅުވޭ ވަރު ވީ 537 މ. ގައެވެ. މަސައްކަތް ނިމުނު އިރު، ފައްޅީގެ ޢިމާރާތުގައި ފަންނީ އުނި ކަންކަމާއި މައްސަލަތައް ވެސް ހުއްޓެވެ. އެއިގެ ތެރެއިން އެންމެ މުހިއްމު ކަމަކީ، ތަނުގެ ތަނބުތަކާއި ފާރުތަކަށް ދިގު މުއްދަތަކަށް ހިފަހައްޓައިނުލެވޭ ވަރުގެ ބަރު އަދި ބިޔަ ގުއްބެއް ތަނުގައި ލެވިފައި ހުރިހުރުމެވެ. އެހެން ނަމަވެސް، އެ ފައްޅިޔަކީ މިޢުމާރީ އީޖާދިއްޔަތާއި، އިންޖިނޭރުކަމުގެ ފެންވަރާއި، ތަނުގެ ޖާގަޔާއި، ތަނުގެ ރިވެތިކަމާއި ފުރިހަމަކަމަށް ބަލާ އިރު، އެ ޒަމާނުގެ ދުނިޔޭގެ އެއްވަނައެވެ. އެއީ އެއިރު ދުނިޔޭގައި ހުރި އެންމެ އެތެރޭޖާގަ ބޮޑު ޢިމާރާތެވެ. އަދި އެތަން ޢިމާރާތް ކުރެވުނުތާ 983 އަހަރު ފަހުން، 1520 މ. ގައި ސްޕޭނުގެ ސެވިއްޔާގެ މަޝްހޫރު ބޮޑުފައްޅި ނުވަތަ ކެތީޑްރަލް ބިނާ ކުރެވޭންދެން، ދުނިޔޭގައި ހުރި ނަޞާރާއިންގެ އެންމެ ބޮޑު ފައްޅިއެވެ. އެތަނުގެ އެތެރޭގައި، މި ޒަމާނުގައި އަޅުގަނޑުމެން ޢިމާރާތް ކޮށް މިއުޅޭ މިންގަނޑުތަކުން ފަނަރަ ބުރީގެ ބިޔަ ޢިމާރާތެއް އުފުލައިލެވޭހައި ޖާގަ ހުރެއެވެ. ޢާއްމުކޮށް ބެލެވިފައި ވަނީ، އެތަނަކީ މެދުޒަމާނުގެ ދުނިޔޭގެ އަށްވަނަ ޢަޖާއިބު ކަމުގައެވެ. މިފަދަ ބޮޑު، ވަރުގަދަ، އަދި ރިވެތި ފައްޅިޔެއް ކޮންސްޓެންޓިނޯޕްލްގައި ޢިމާރާތް ކުރެއްވުމުގައި، އަންބަރާޠޫރު ޖަސްޓިނިޔަންގެ ހިތްޕުޅުގައި އޮތް ހަމައެކަނި އެދުމަކީ އޭނާގެ ދީނަށާއި މަޒްހަބަށާއި މިއްލަތަށް ޚިދުމަތް ކުރެއްވުން ކަމުގައެއް މުއައްރިޚުން ދެކެވަޑައެއްނުގަންނަވައެވެ. އޭނާގެ އެންމެ ބޮޑު އެއް އެދުންފުޅަކީ އޭނާގެ ރަސްކަމުގެ ހައިބަތާއި މަތިވެރިކަމާއި މުއްސަނދިކަން ދުނިޔެއަށް ދެއްކެވުމެވެ. ޚާއްޞަ ގޮތެއްގައި، ރޯމަނުންގެ ދައުލަތުގެ ހުޅަނގުގެ މައި ޝަހަރު ކަމުގައި ހިމެނުނު ރޯމުގައި ހުރި، ކެތަލިކް ނަޞާރާއިންގެ ފައްޅިތަކަށް ވުރެ ރިވެތި، އެޔަށްވުރެ ބޮޑު ފައްޅިޔެއް ކޮންސްޓެންޓިނޯޕްލްގައި ބިނާ ކުރެއްވުމެވެ. އެއީ ކޮންސްޓެންޓިނޯޕްލްގައި އޮތް އޮރތޮޑޮކްސް ނަޞާރާ މަޒުހަބާއި، ރޯމުގައި ޤާއިމު ވެގެންވީ ރޯމަން ކެތަލިކް ނަޞާރާ މަޒުހަބާ ދެ މަޒުހަބުގެ މެދުގައި އުފެދި އާލާ ވަމުން ދިޔަ ސިޔާސީ ވާދަވެރިކަމާއި އިޢުތިޤާދީ ޢަދާވާތްތެރިކަމުގެ ސަބަބުންނެވެ. ކޮންމެއަކަސް، މި ބޮޑު އަދި ތާރީޚީ މަޝްރޫޢު ފުރިހަމަ ވެ، ފައްޅި އިފްތިތާޙު ކުރެވުނީ 27 ޑިސެންބަރު 537 މ. ގައެވެ. އެ ދުވަހު ޖަސްޓިނިޔަން ރަސްމީކޮށް ފައްޅިޔަށް ޒިޔާރަތް ކުރައްވައި، އެތަނުގެ އެތެރޭގައި ފައިންޕުޅު އަޅުއްވައި، ތަނުގެ ރިވެތިކަމާއި ފުރިހަމަކަމާއި ބިޔަކަން ދެކެވަޑައިގެން، އުފާފުޅާއި ފަޚުރުވެރިކަމުގެ ޝުޢޫރުތައް ބަންޑުން ކޮށްލައްވަމުން "ސުލައިމާނެވެ، އަހުރެން މިއަދު ކަލޭގެފާނު ފަސްދީ ކުރިއަރައިފީމެވެ" މިހެން ވިދާޅުވިކަމަށް ބުނެވެއެވެ. އެ ވިދާޅުވީ ސުލައިމާން ނަބީ ކަލޭގެފާނު ޤުދުސްގައި ބިނާ ކުރެއްވެވި މަޝްހޫރު ބައިތުލްމަޤްދިސް އަށް ވުރެ ރިވެތި އަދި މަތިވެރި ފައްޅިޔެއް ބިނާ ކުރެއްވި ވާހަކައެވެ.

އަޔާސޯފްޔާ ފުރަތަމަ ބިނާ ކުރެވުނު އިރު، އެތަނުގެ ތެރޭގައި ތަޞްވީރުތަކެއް ނުބަހައްޓައެވެ. އެއިރު ތަނުގެ ފާރުތަކާއި ތަނބުތައް ޒީނަތްތެރި ކުރުމަށް ޓަކައި ކުރެހުންތަކެއްގެ ގޮތުގައި ހުރި ހަމައެކަނި އެއްޗެއްސަކީ އެކި ކަހަލަ ބައްޓަންތަކާއި، މާމެލާމެއްޔާއި، އެކި ކަހަލަ މޭވާތަކުގެ އިތުރުން، ޞަލީބުގެ ކުރެހުންތަކެވެ. ނަމަވެސް ޖަސްޓިނިޔަންގެ ދައުރަށް ފަހު، ތަނުގެ އެތެރޭގައި ތަޞްވީރުތައް ބެހެއްޓުމުގެ ދައުރެއް ފެށި، ބައިޒެންޓައިން ރޯމުގެ ތަޚުތަށް އިސް ވާ ކޮންމެ ރަސްކަލަކު ވެސް ތަނުގެ އެތެރޭގައި އެ ބެއިފުޅަކަށް ނިސްބަތް ކުރެވޭ "މޮޒެއިކް" ތަޞްވީރެއް ބެހެއްޓެވުން ޢުރުފަކަށް ވެގެން ދިޔައެވެ. މިގޮތުން ބެހެއްޓެނީ ޢީސާ ޢަލައިހިއްސަލާމާއި، އެކަލޭގެފާނުގެ މައިކަމަނާ މަރިޔަމް ޢަލައިހައް ސަލާމް އާއި، އަދި ބައިޒެންޓައިން ރަސްރަސްކަލުން ދީނީ އަޅުކަމުގައި ތިއްބަވާ މަންޒަރުތައް ހިމެނޭ ތަޞްވީރުތަކެވެ. އެ ތަޞްވީރުތަކަކީ މެދުޒަމާނުގެ ފުރަތަމަ ދައުރުގެ ބައިޒެންޓައިން އާޓުގެ ނުހަނު ފުރިހަމަ އަދި ލާމަސީލު ނަމޫނާތަކެއް ކަމުގައި އިއްތިފާގު ވެވިފައި ވެއެވެ.

ކުރީން ވެސް ދެންނެވުނު ފަދައިން، ޖަސްޓިނިޔަންގެ އަޔާސޯފްޔާ ބިނާ ކުރެވުނީ އޮރތޮޑޮކްސް ނަޞާރާ މަޒްހަބުގެ ފައްޅިޔެއްގެ ގޮތުގައެވެ. އެ މަޒުހަބުގެ އެންމެ ބޮޑު ފައްޅީގެ ގޮތުގައެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ނަޞާރާއިން ބެހިގެން ވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ރޯމަން ކެތަލިކް މަޒުހަބުގެ މީހުންނާއި، އިރުމަތީގެ އޮރތޮޑޮކްސް މަޒުހަބުގެ މީހުންނާއި، ޕްރޮޓެސްޓެންޓް މަޒުހަބުގެ މީހުންނެވެ. މީގެ ތެރެއިން ޕްރޮޓެސްޓެންޓް މަޒުހަބު އުފެދުނީ މާ ފަހުން، 1500 މ. ގެ ތެރޭގައެވެ. މުސްކުޅި ދެ މަޒުހަބަކީ ރޯމަން ކެތަލިކް މަޒުހަބާއި އޮރތޮޑޮކްސް މަޒުހަބެވެ. މީގެ ތެރެއިން ރޯމަން ކެތަލިކް މަޒުހަބުގެ މައި މަރުކަޒަކީ ފެށުނީއްސުރެ ވެސް ރޯމެވެ. އާދެ، މިހާރުގެ އިޓަލީ ވިލާތުގެ ވެރިރަށް ރޯމެވެ. ރޯމުގެ ޕޯޕަކީ ރޯމަން ކެތަލިކް މަޒުހަބުގެ ނަޞާރާއިންގެ ބޮޑު އިމާމެވެ. އަނެއްކޮޅުން، އޮރތޮޑޮކްސް މަޒުހަބުގެ މައި މަރުކަޒެކޭ ބުނެވޭނެ އެއް ތަނެއް ނުވެއެވެ. ރޯމަން ކެތަލިކުންގެ ޕޯޕް ފަދައިން، އޮރތޮޑޮކްސް ނަޞާރާއިންގެ އިމާމޭ ބުނެ ދައްކާނެ ވަކި ބެއިފުޅަކު ވެސް ނުހުންނަވައެވެ. އަޔާސޯފްޔާ ބިނާ ކުރެވުނު ދުވަސްވަރު، އިރުމަތީގައި ހުރި އޮރތޮޑޮކްސް ނަޞާރާއިންގެ މައި މަރުކަޒުތަކަކީ މިޞްރުގެ އިސްކަންދަރިއްޔާ އާއި، ޝާމު ކަރައިގެ އިންޠާކިއްޔާ އާއި، ޝާމު ކަރައިގެ ޖެރޫސަލަމް ނުވަތަ ޤުދްސް އާއި، ކޮންސްޓެންޓިނޯޕްލް އެވެ. ކޮންސްޓެންޓިނޯޕްލް ފިޔަވައި ދެން މި ދެންނެވި ޝަހަރުތަކަކީ ކޮންސްޓެންޓިނޯޕްލަށް ވުރެ މާ ބޮޑަށް ވެސް މުސްކުޅި، އަދި އޮރތޮޑޮކްސް ނަޞާރާއިންގެ ތާރީޚާ މާބޮޑަށް ގުޅިފައި ވާ، އަދި ރޫޙާނީ ހައިސިއްޔަތަށް ބަލާއިރު ވެސް ކޮންސްޓެންޓިނޯޕްލަށް ވުރެ މުހިއްމު ތަންތަނެވެ. މިއިން ކޮންމެ ތަނެއްގައި ވެސް އޮރތޮޑޮކްސް ނަޞާރާއިންގެ ޕެޓްރިއާރކެއް ހުންނަވައެވެ. އެއިރުވެސް، އަދި މިހާރުވެސް މެއެވެ. އެ ޕެޓްރިއާރކުންގެ ތެރެއިން، ކޮންސްޓެންޓިނޯޕްލްގެ ޕެޓްރިއާރކަށް "އެއް ދަރަޖައެއްގައި ފުރަތަމަ ފަރާތުގެ" ހައިސިއްޔަތު ލިބުނީ ދެ ސަބަބަކާ ހުރެއެވެ. ފުރަތަމަ ސަބަބަކީ، ކޮންސްޓެންޓިނޯޕްލް އަކީ އޮރތޮޑޮކްސް ކްރިސްޓިޔަން ބައިޒެންޓައިން ދައުލަތުގެ ވެރިރަށް، އަދި އެންމެ ބޮޑު ރަށް ކަމުގައި ވުމެވެ. ދެވަނަ ސަބަބަކީ ކޮންސްޓެންޓިނޯޕްލްގައި ދުނިޔޭގެ އެންމެ ބޮޑު، އެންމެ ރީތި، އެންމެ ފުރިހަމަ ނަޞާރާ ފައްޅި ބިނާ ކުރެވި، އެ ފައްޅިޔަކީ ކޮންސްޓެންޓިނޯޕްލްގެ ޕެޓްރިއާރކްގެ މަރުކަޒު ކަމުގައި ވެގެން ދިޔަދިޔުމެވެ. އެހެންކަމުން، މިއަދާ ހަމަޔަށް ވެސް އޮރތޮޑޮކްސް ނަޞާރާއިންގެ އިސް އިމާމުން ނުވަތަ ޕެޓްރިއާރކުންގެ ތެރެއިން، ފުރަތަމަ ބެއިފުޅެއް ކަމުގައި ވެފައި ވަނީ ކޮންސްޓެންޓިނޯޕްލްގެ ޕެޓްރިއާރކެވެ. އަޔާސޯފްޔާ ބިނާ ކުރެވުނީއްސުރެ، އެއީ ކޮންސްޓެންޓިނޯޕްލްގެ އެކިޔުމެނިކަލް ޕެޓްރިއާރކްގެ ފައްޅިއެވެ. އޭނާގެ މަރުކަޒެވެ. އިރުމަތީ އޮރތޮޑޮކްސް ނަޞާރާއިންގެ އެންމެ ބޮޑު ފައްޅިއެވެ. އެގޮތުގައި އެތަން އެތައް ޒަމާނެއް ވާންދެން އެތަން ހުއްޓެވެ.

ކޮންސްޓެންޓިނޯޕްލް އޮންނަނީ ގާތްގަނޑަކަށް ހަމަ އުތުރު އަނާޠޫލިއްޔާ ފޯލްޓު މަތީގައި ކަމުން، އެ ޝަހަރަކީ ބިންހެލުން ގިނަ ޝަހަރެކެވެ. އަޔާސޯފްޔާގެ ތާރީޚުގައި އެންމެ ބޮޑެތި ގެއްލުންތައް އެ ޢިމާރާތަށް ލިބިފައި ވަނީ ބިންހެލުންތަކުގެ ސަބަބުންނެވެ. 553 މ. އާއި، 557 މ. އާއި، 558 މ. ގައި އައި ބިންހެލުންތަކުގައި ފައްޅިޔަށް އެކި ވަރުވަރުގެ ގެއްލުންތައް ވީ އިރު، 558 މ ގެ ބިންހެލުމުގައި ފައްޅީގެ ގުއްބު މުޅީން ހަލާކު ވެގެން ވެއްޓި، ތަނުގެ އެތެރެޔަށް ވެސް ބޮޑެތި ގެއްލުންތައް ވިއެވެ. މިފަދަ ގެއްލުންތަކާ ގުޅިގެން ފައްޅި މަރާމާތު ކުރެވޭ އިރު ވެސް، ކުދިކުދި އުނިއިތުރުތަކާއި ބަދަލުތައް ފައްޅިޔަށް ގެނެވެމުން ދިޔައެވެ. ބޮޑެތި ގެއްލުންތަކެއް އަނެއްކާވެސް ތަނަށް ލިބުނީ 859 މ. ގައި ހިނގި އަލިފާނުގެ ހާދިސާއެއްގައްޔާއި، 869 މ. ގައި އައި ބިންހެލުމެއްގައެވެ. 989 މ. ގެ ބިންހެލުމުގައި ވެސް ބޮޑުގުއްބު ހަލާކު ވެގެން އަލުން ބިނާ ކުރާން ޖެހުނެވެ. 1204 މ. ގައި، ހުޅަނގު ޔޫރަޕުން އިސްލާމީ ދުނިޔެއާ ދެކޮޅަށް އައި ހަތަރުވަނަ ޞަލީބީ ޙަމަލާގެ ލަޝްކަރުތައް ކޮންސްޓެންޓިނޯޕްލް ހިފައިގަނެ، ތިން ދުވަސް ވާންދެން ޝަހަރުގެ ރައްޔިތުން ކަތިލައި، މުޅި ޝަހަރު ލޫޓުވައި، ފައްޅިތަކުގައި ތިބި އަންހެން ރާހިބާއިން ވެސް ހިމެނޭ ގޮތުން އެތައް ހާސް އަންހެނުން ރޭޕް ކޮށް ހެދި އިރު، އަޔާސޯފްޔާއަށް ވެސް އަމާންކަމެއް ނުދިނެވެ. އެއުރެންގެ އަނިޔާ އެންމެ ބޮޑަށް ލިބުނު އެއް ތަނަކީ އަޔާސޯފްޔާއެވެ. އެމީހުން އެތަނަށް ވަދެ ތަން މުޅީންހެން ވީރާނާ ކޮށްލިއެވެ. ތަން ޒީނަތްތެރި ކުރުމަށް ޓަކައި ފާރުތަކުގައި ބެހެއްޓިފައި ހުރި ތަޞްވީރުތަކުގެ ތެރެއިން އެތައް އެއްޗެއް ސުންނާފަތި ކުރިއެވެ. މުޤައްދަސް ފޮތްތައް ވީދައި ހަލާކު ކުރިއެވެ. ފައްޅީގެ ތެރޭގައި ކޮންސްޓެންޓިނޯޕްލްގެ ޕެޓްރިއާރކް އިށީނދެވަޑައިގަންނަވާ ތަޚްތުގައި، އެއުރެންގެ ތެރެއިން ކަސްބީ އަންހެނަކު އިށީނދެ، ފައްޅީގެ މުޤައްދަސް ތަށިކޮޅުތަކުގެ ތެރެއިން ތަށިކޮޅަކަށް ބަނގުރާ އަޅައިގެން ބޮއި، ޖިންސީ އަދި ވަޙުޝީ ބަހުރުވައިން ހުތުރު އައުގުރާނަ ހިމެނޭ ލަވަތައް ކިޔައި، އެފަދަ ޙަރަކާތްތައް ވެސް ފައްޅީގެ ތެރޭގައި ތަމްސީލު ކޮށް، ޞަލީބީ ހަނގުރާމަވެރީން ފައްޅީގެ ތެރޭގައި ބަނގުރާ ބޮއިގެން މަޖާނަގައި ހެދިމެއެވެ. ފައްޅީގައި ހުރި އަގުބޮޑު އަދި ނާދިރު ޒާތްޒާތުގެ އެތައް އެއްޗަކާއި، ތަނުގައި ހުރި މުޤައްދަސް ބައެއް ޒަޚީރާތައް ވެސް އެމީހުން ފޭރިގަތެވެ. އެ އެއްޗެތީގެ ތެރެއިން ބޮޑު ބަޔެއް ގެންދެވުނީ އިޓަލީގެ ވެނިހަށާއި ފަރަންސޭސި ވިލާތުގެ ބޮޑެތި ޝަހަރުތަކަށެވެ. މުޤައްދަސް ޒަޚީރާތައް ގެންދެވުނީ ހުޅަނގު ޔޫރަޕުގެ އެކިއެކި ފައްޅިތަކަށާއި، ބައެއް ރަސްރަސްކަލުންނާއި އަމީރުން ފަދަ މީސްމީހުންގެ ފަރުދީ ހިޔާޒަތުގެ ދަށަށެވެ. މި ބިރުވެރި ހާދިސާޔަށް ފަހު، ކޮންސްޓެންޓިނޯޕްލްގައި ލެޓިން ކެތަލިކް ރަސްކަމެއް ޤާއިމު ކުރެވި،ވ 1204 މ. އިން ފެށިގެން، 1261 މ. އާ ހަމަޔަށް އަޔވާސޯފްޔާ ވެސް ބޭނުން ކުރެވުނީ ކެތަލިކް ފައްޅިޔެއްގެ ގޮތުގައެވެ. 1261 މ. ގައި ބައިޒެންޓައިން ރޯމަނުން އަލުން އެ ޝަހަރު ފަތަޙަ ކޮށް، ލެޓިން ޞަލީބީން ޝަހަރުން ބޭރު ކޮށް، އަޔާސޯފްޔާ އަނެއްކާވެސް އޮރތޮޑޮކްސް ނަޞާރާއިންގެ ބޮޑުފައްޅީގެ ގޮތުގައި ބޭނުން ކުރާން ފެށީއެވެ. އެއިގެ ފަހުން 1344 މ. ގައި އައި ބިންހެލުމުގައްޔާއި، 1346 މ. ގައި އައި ބިންހެލުމުގައި އަޔާސޯފްޔާ ހަލާކު ވިލެއް ބޮޑުކަމުން، މަރާމާތަށް ޓަކައި ތަން ބަންދު ކުރެވުނެވެ. ބޮޑެތި މަރާމާތުތަކަކަށް ފަހު، އަލުން ތަން ހުޅުވީ 1354 މ. ގައެވެ.

އެއިގެ ޤަރުނެއްހައި ދުވަސް ފަހުން، 1453 މ. ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި، އެއިރު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އަދި އެންމެ ބޮޑު އިސްލާމީ ވެރިކަން ކަމުގައި ވާ ޢުޘްމާނީ ދައުލަތުގެ ސުލްޠާން މުޙައްމަދު ދެވަނަ އެމަނިކުފާނުގެ ގަދަފަދަ ލަޝްކަރު ކޮންސްޓެންޓިނޯޕްލްގެ ރަށްބޭރުގައި ރުކުރުވައިލެއްވިއެވެ. އެއިރު އެމަނިކުފާނުގެ ޢުމުރުފުޅަކީ އެންމެ 21 އަހަރެވެ. އެއީ އެމަނިކުފާނު ޢުޘްމާނީންގެ ތަޚްތުގައި އިށީދެވަޑައިގެންނެވިތާ ދެ އަހަރު ފުރި ތިންވަނަ އަހަރަށް އެޅުނު ދުވަސްކޮޅެވެ. ރަސްކަމުގެ ފުރަތަމަ ދެ އަހަރު އެމަނިކުފާނު ހޭދަ ކުރެއްވީ ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރެއްވުމަށް އެކި ގޮތްގޮތުން ތައްޔާރު ވެވަޑައިގަތުމުގައެވެ. ލަޝްކަރު ތައްޔާރު ކުރެއްވުމާއި، ޚާއްޞަ ގޮތެއްގައި އެމަނިކުފާނުގެ ލަޝްކަރުގެ ކަނޑުގެ ފައުޖުތައް ވަރުގަދަ ކުރެއްވުމާއި، އިސްތިރާޖީ ފިޔަވަޅުތައް އެޅުއްވުމާއި، ޢުޘްމާނީ ދަރުބާރާއި ބޮޑުންގެ ތެރޭގައި ހުރި ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރެއްވުމުގެ ހަނގުރާމަޔަކާ ދެކޮޅުވެރި އަދި އިޢުތިރާޟީ ޚިޔާލުތައް ބަދަލު ކުރެއްވުން ފަދަ ގޮތްގޮތުންނެވެ. ރަނގަޅަށް ތައްޔާރު ވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ޝަހަރަށް ޙަމަލަ ދެއްވީ ފަންސާސް ހާހާއި އައްޑިހަ ހާހާ ދެމެދުގެ ޢަދަދެއްގެ މުސްލިމް ސިފައިންނާއިގެންނެވެ. އެއްގަމުގެ ފައުޖެއްގެ އިތުރުން، ވަރުގަދަ ކަނޑުގެ ލަޝްކަރެއް ވެސް ބޭނުން ކުރައްވައިގެންނެވެ. ދުނިޔެ އެއިގެ ކުރީން ނުދެކޭ ވަރުގެ ވަރުގަދަ ޙިޞާރީ ހަނގުރާމަޔަކަށް ފަހު، އެއިރު ދުނިޔޭގައި އޮތް އެންމެ ގަދަފަދަ ޝަހަރުގެ، ފޫ ވައްޓައިނުލެވޭނެ ކަމަށް މުޅި ދުނިޔެ އިއްތިފާޤު ވެފައި ވީ ފާރުތައް ފޫ ދުއްވައިލައްވައި، ސުލްޠާން މުޙައްމަދުގެ ލަޝްކަރު ކޮންސްޓެންޓިނޯޕްލަށް ވަނީ 29 މެއި 1453 ވީ އާދީއްތަ ދުވަހުއެވެ. އެއީ މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަ ސައްލަމަ ދެއްވައިފައި އޮންނަ ބަޝާރާތުގެ ބަސްފުޅެއް ޙަޤީޤަތަކަށް ވުމެވެ. އިތުރު އެކަލޭގެފާނުގެ ބަސްފުޅުގައި ވަނީ – لَتُفتَحَنَّ القُسْطَنْطينيَّةُ ، فنِعْمَ الأميرُ أميرُها، ونِعْمُ الجيشُ ذلكَ الجيشُ – މިފަދައިންނެވެ. މާނައީ "ޤުސްޠަންޠީނިއްޔާ ފަތަޙަ ކުރެވޭނެއެވެ. އެ ޝަހަރު ފަތަޙަ ކުރާ އަމީރަކީ ކޮންފަދަ ހެޔޮ އަމީރެއް ހެއްޔެވެ! އަދި އެ ޝަހަރު ފަތަޙަ ކުރާ ލަޝްކަރަކީ ކޮންފަދަ ހެޔޮ ލަޝްކަރެއް ހެއްޔެވެ!" މިއެވެ.

ސުލްޠާން މުޙައްމަދު ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރެއްވީ އަންބަރާޠޫރު ޖަސްޓިނިޔަން އެއްވަނަގެ އަޔާސޯފްޔާ ފައްޅި އިފްތިތާޙު ކުރެވުނުތާ 915 އަހަރު ފުރުނު ފަހުންނެވެ. މިސްކިތެއްގެ ގޮތުގައި އަޔާސޯފްޔާ ބޭނުން ކުރާން ފެށުނީ ސުލްޠާން މުޙައްމަދު ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރެއްވުމަށް ފަހު އައި ފުރަތަމަ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެންނެވެ.

މަތިވެރި ފަތަޙަ

ޢީސާއީ މީލާދުން 1453 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ސުލްޠާން މުޙައްމަދުގެ ލަޝްކަރު ކޮންސްޓެންޓިނޯޕްލް ޙިޞާރު ކުރުމަށް ފަހު، 53 ދުވަސް ވެގެން ދިޔައީ، ޝަހަރުގެ ދިފާޢު ފޫ ވައްޓައިލުމުގައި މުސްލިމުންނަށް ކާމިޔާބު ނުލިބިއެވެ. ޝަހަރުގެ ފާރުތައް ތޮރުފައިލުމަށް ޓަކައި ފަރުމާ ކުރެވުނު ޚާއްޞަ ބޮޑުބަޑިތަކުގެ ޙަމަލަތަކުން ވެސް އެދެވޭ ނަތީޖާއެއް ނުނުކުމެއެވެ.

ޙިޞާރުގެ 54 ވަނަ ދުވަހުގެ – 29 މެއި 1453 ވީ އާދީއްތަ ދުވަހުގެ – ފަތިސް ނަމާދު ޝަހަރުގެ ރަށްބޭރުގައި އެމަނިކުފާނުގެ މުޅި ލަޝްކަރާއިގެން އިމާމު ވެވަޑައިގެން ކުރެއްވުމަށް ފަހު، ސުލްޠާން މުޙައްމަދު އަމުރުފުޅު ކުރެއްވީ އިރު އެރުމުގެ ކުރީން ދޭތިން އެކައްޗަށް ވަރުގަދަ ޙަމަލާތަކެއް ފެށުމަށެވެ. ދެން އިސްލާމީ ލަޝްކަރުގެ މަޝްހޫރު މެހްތެރާން އަސްކަރީ ބޭންޑުން ހަނގުރާމައިގެ މޫސީގީ ބޭން އިއްވާން ފެށުމާ އެކު، ބޮޑުބަޑީގެ އެތައް ޙަމަލާތަކެއް ކޮންސްޓެންޓިނޯޕްލްގެ ބިޔަ، އުސް، ބޯ، އަދި ވަރުގަދަ ފާރުތަކަށް އަމާޒު ކުރެވުނެވެ. މި ޙަމަލާތަކުގެ ސަބަބުން އެ ފާރުތަކުގައި ހެދުނު ބާގަނޑުތަކުން ޝަހަރުގެ އެތެރެޔަށް ވަދެ ފައިތިލަ ސާބިތު ކޮށްލެވޭތޯ މުސްލިމް ހަނގުރާމަވެރީންގެ ފައުޖުތައް ދެ ފަހަރެއްގެ މަތީން މަސައްކަތް ކުރިއެވެ. ނަމަވެސް ބައިޒެންޓައިން ދިފާޢީ ފައުޖުތަކުގެ ވަރުގަދަ ރައްދުގެ ސަބަބުން، މުސްލިމުންނަކަށް އެކަން ކުރެވޭ ގޮތެއް ނުވިއެވެ. ޝަހަރުގެ ތެރެޔަށް ވަން މުސްލިމުންގެ ޔުނިޓުތަކަށް ވެސް މަޖުބޫރު ވީ، އެތައް ފުރާނައެއް ޤުރުބާން ވެގެން ދިޔުމަށް ފަހު، ފަހަތަށް ޖެހޭށެވެ. ކަންތައް ވަމުން ދިޔަ ގޮތް ދެކެވަޑައިގެން، ސުލްޠާން މުޙައްމަދު އެމަނިކުފާނުގެ ޝާހީ ޔަނިސަރީ ފައުޖުގެ ކުޅަދާނަ ކޮމާންޑަރު، އަދި އެމަނިކުފާނު އެންމެ އިތުބާރު ކުރެއްވި ރަޙްމަތްތެރީންގެ ތެރެއިން ބެއިފުޅެއް ކަމުގައި ވާ އުލުބަތުލީ ޙަސަނަށް އަމުރުފުޅު ކުރެއްވީ ޔަނިސަރީންގެ ޖަމާޢަތަކާއިގެން ޝަހަރަށް ވަދެވަޑައިގަތުމަށެވެ. ޢުމުރުފުޅުން 25 އަހަރުގެ ކޮމާންޑަރ އުލުބަތުލީ ޙަސަން ތިންހާސް ޔަނިސަރީންގެ ފައުޖަކާއިގެން ދިމާ ކުރެއްވީ ސެއިންޓް ރޮމާނޫސް ދޮރޯށްޓާ ދިމާއިން ފާރު ފޫ ވައްޓައިލެވިފައި ހުރި ތަނަކާއެވެ. ހުއްޓިވަޑައިގަތުމެއް ނެތި، ބައިޒެންޓައިން ހަނގުރާމަވެރީން އޮއްސަމުން ދިޔަ ތީރާއި އުކަމުން ގެންދިޔަ ހިލައިގެ ވާރެޔާއި، އެމީހުންގެ ކަނޑިތަކާއި ލޮންސިތަކުގެ ތެރެއިން ޖާގަ ހައްދަވަމުން، މަގު ހޯއްދަވަމުން އުލުބަތުލީ ޙަސަން ކުރިޔަށް ވަޑައިގެން ފާރުން އެތެރެޔަށް ވަޑައިގަތީ އޭނާގެ ފަސްހަނގުރާމަ ބަލަހައްޓަމުން ދިޔަ ތިރީހަކަށް އެކުވެރީންނާއިގެންނެވެ. އޭނާގެ އަތްޕުޅުގައި އޮތީ ތުރުކީ ކަނޑިޔަކާއި، ކުޑަވަރެއްގެ އައްޑަނަޔަކާއި، ޔަނިސަރީންގެ ފައުޖުގެ ބިޔަ ދިދައެވެ. ކުރިފުޅުމައްޗަށް އައި ކޮންމެ ދުޝްމަނަކު ޤަތުލު ކުރައްވަމުން ނުވަތަ ފޭ ކުރައްވަމުން، އޭނާ ސެއިންޓް ރޮމާނޫސް ދޮރޯށީގެ ބޮޑު ބުރުޒަށް އަރައިވަޑައިގެން، އެ ބުރުޒުގެ މަތީގައި ހުންނަ ބައިޒެންޓައިން ދިދަ ވައްޓަވައިލެއްވުމަށް ފަހު އެތަނުގައި އިސްލާމީ ދިދަ ޖެއްސެވިއެވެ. އެޔަށްފަހު، އޭނާގެ އަރިޔަހުގައި ޝަހަރުގެ ތެރެޔަށް ވަން އެކުވެރީންގެ ތެރެއިން ވިއްސަކަށް މީހުން ޝަހީދު ވެ، ބާކީ ތިބި ބާރަ ވަރަކަށް މީހުން އައިސް އެ ބުރުޒުގައި މުސްލިމުންގެ ފައިތިލަ ސާބިތު ކޮށްލާންދެން، ދިދަ ޙިމާޔަތް ކުރެއްވިއެވެ. ދެން ދިދައިގެ ބުޑަށް ވެއްޓިވަޑައިގަތީ ފުރާނަފުޅު ހިނގައި ޝަހީދެއްގެ ގޮތުގައެވެ. އެއިރު ކަނޑިޔާއި ލޮންސީގެ އެތިފަހަރުތަކުގެ އެތައް ޒަޚަމެއްގެ އިތުރުން، ހަށިކޮޅުގެ އެތަންމިތަނަށް ފުންކޮށް ހެރިފައި ހަތާވީސް ތީރު ހުއްޓެވެ. މުސްލިމުންގެ ރަތް ދިދަ އެއިރު ހުރީ ސެއިންޓް ރޮމާނޫސް ދޮރޯށީގެ ބޮޑުބުރުޒުގައި ވަޔާ ވިހުރިލަވިހުރިލައެވެ. އުލުބަތުލީ ޙަސަންގެ ހަށިކޮޅުގައި ހުރި ޒަޚަމްތަކުން އޮހެމުން ދިޔަ ލޭފޮދު އެ ދިދައިގެ ދަނޑީގެ ބުޑަށް އެޅެމުން ދިޔައެވެ. ދުނިޔެ ގަނޑު ވެފައި އެ މަންޒަރު ބަލަހައްޓައިގެން އޮތެވެ.

ކޮންސްޓެންޓިނޯޕްލް ފަތަޙަ ވީއެވެ.

ސުލްޠާން މުޙައްމަދުގެ ނަންފުޅުގެ ފަހަތަށް "ފާތިޙް" އިތުރު ވީއެވެ.

އިސްލާމީ އުއްމަތުގެ ފަޚުރަކަށް އެމަނިކުފާނު ވެވަޑައިގަތީއެވެ.

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަޝާރާތުގެ ބަސްފުޅު ޙަޤީޤަތަކަށް ވެގެން ދިޔައީއެވެ. އެކަމުގެ ވަސީލަތަކަށް ސުލްޠާން މުޙައްމަދުލް ފާތިޙް ވެވަޑައިގަތީއެވެ.

ޝަހަރު ހިއްޕެވުމަށް ފަހު، ސުލްޠާން މުޙައްމަދުލް ފާތިޙް އެންމެ ފުރަތަމަ ވަޑައިގަތީ އަޔާސޯފްޔާއަށެވެ. އެމަނިކުފާނު ފައްޅިޔަށް ވަދެވަޑައިގަތް ވަގުތު، މުސްލިމް ސިފައިންގެ މީހަކު "މިއީ ކާފަރުންގެ ޝިރުކުގެ ފައްޅިޔެކޭ" ބުނެ އޭނާގެ ހަތިޔާރުން ފައްޅީގެ ފާރުގައި ޖެހި މަންޒަރު ފެނިވަޑައިގަތުމުން، ވަގުތުން އެކަން މަނާ ކުރައްވައި ފައްޅިޔަށް އެއްވެސް ގެއްލުމެއް ނުދިނުމަށް އަމުރުފުޅު ކުރެއްވިއެވެ. ފައްޅީގެ އެތެރެޔަށް ފައިންޕުޅު އެޅުއްވުމަށް ފަހު އެމަނިކުފާނު ތަޅުންމަތީގައި ދެކަކޫފުޅު ޖައްސަވައި، ދެ އަތްޕުޅު މައްޗަށް އުފުއްލަވައި، ﷲ އަށް ޝުކުރު ކުރައްވައި ޙަމްދު ކުރެއްވިއެވެ. އެޔަށްފަހު ފައްޅީގެ އެތެރޭގައި ދެ ރަކުޢަތް ނަމާދުފުޅެއް ކުރެއްވިއެވެ. ދެން ފައްޅި މިސްކިތަކަށް ބަދަލު ކުރެއްވުމަށް ގަސްދު ކުރައްވާކަން ހާމަ ކުރެއްވިއެވެ. ކުރީން ވެސް ދެންނެވުނު ފަދައިން، އެ ދުވަހަކީ އާދީއްތަ ދުވަހެވެ. ޖެހިގެން އައި ހުކުރު ދުވަހު – 3 ޖޫން 1453 – އެމަނިކުފާނު ހުކުރު ނަމާދު ކުރެއްވީ އަޔާސޯފްޔާގައެވެ. ހުކުރު ނަމާދާ އެކު، އަޔާސޯފްޔާ ޤަވާޢިދުން މިސްކިތެއްގެ ގޮތުގައި ބޭނުން ކުރާން ފެށުނެވެ.

ސުލްޠާން މުޙައްމަދު ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރެއްވުމަށް ފަހު، ޝަހަރުގެ ނަޞާރާއިންނަށް މިނިވަންކަމާ އެކު އެމީހުންގެ ދީނަށް އުޅުމުގެ ހުރިހައި ޙައްޤެއް ލިބިގެން ވާކަން އިޢުލާން ކުރެއްވިއެވެ. އިހެކޭ އެއްފަދައިން، އެމީހުންގެ ވަޒަނުގައި، އެމީހުންގެ ގެދޮރުތަކުގައި، ޢުޘްމާނީ ދައުލަތުގެ ޝަރަފުވެރި ރައްޔިތުންގެ ގޮތުގައި އުޅުމުގެ ހުރިހައި ޙައްޤުތަކެއް ލިބިގެންވާކަން އެންގެވިއެވެ. އެބައިމީހުންނާ އެއްވެސް ސުވާލެއް ނުކުރެވޭނެކަން އިޢުލާން ކުރެއްވިއެވެ. އެމަނިކުފާނު ޝަހަރު ފަތަޙަ ކުރެއްވުމުގެ ކުރީން މުސްލިމުން ދެކެ ބިރުން ޝަހަރު ދޫކޮށްލި އެންމެހައި ނަޞާރާ ރައްޔިތުންގެ ގެދޮރު ވެސް، އެމީހުން އެނބުރި އައިސް އެ ތަންތަނާ ޙަވާލު ވުމަށް ޓަކައި އެމީހުންގެ މުދަލުގެ ގޮތުގައި ހުންނާނެކަން އިޢުލާން ކުރެއްވިއެވެ. ކޮންމެ މީހަކަށް ވެސް، އެ މީހެއްގެ ނަސަބާއި، ޙަސަބާއި، ދީނާއި، ފަންތިޔާ ގުޅިގެން އިހުއްސުރެ ލިބިއޮތް ކޮންމެ ޙައްޤެއް، އެ އޮތް ގޮތުގައި އޮންނާނެކަން ވެސް އެންގެވިއެވެ. މި ގޮތުގެ މަތީން ސުލްޠާން މުޙައްމަދު ކުރެއްވެވި އިޢުލާނުގެ ވާހަކަ މި ތަނުގައި މި ދެންނެވީ މުސްލިމް މުއައްރިޚެއްގެ ރިކޯޑަށް ބަލައިގެންނެއް ނޫނެވެ. މި ދެންނެވީ އެއްވެސް އުނިއިތުރު ކުރުމެއް ނެތި، އެއިރު ބައިޒެންޓައިން ތަޚްތުގައި އިންނެވި ކޮންސްޓޭންޓިން އެގާރަވަނަ ޕެލައެލޮގޫސް ގެ ކާތިބުއްސިއްރު، އަދި އޭނާގެ އަރިސް ރަޙްމަތްތެރިޔާ، އަދި މަޝްހޫރު ބައިޒެންޓައިން ރާދަވަޅި ލިޔުންތެރިޔާ ޖޯރޖް ސްޕްރޭންޓޒެސް ލިޔުއްވި ބައެއް ޢިބާރާތްތަކުގެ ތަރުޖަމާއެވެ.

ކޮންސްޓެންޓިނޯޕްލްގެ އޮރތޮޑޮކްސް ނަޞާރާ ޕެޓްރިއާރކް ވެސް އެ ޝަހަރުގައި ހުންނަވައި، ކުރިޔެކޭ އެއްފަދައިން އޮރތޮޑޮކްސް ނަޞާރާއިންގެ އެންމެ އިސް އެއް އިމާމުގެ ގޮތުގައި އޭނާގެ މަސްއޫލިއްޔަތާއި ބާރުތައް ބޭނުންފުޅު ކުރައްވަމުން ގެންދެވުމުގެ ފުރުޞަތު ސުލްޠާން މުޙައްމަދު ދެއްވިއެވެ. އެންމެ އިތުބާރު ހުރި ރިކޯޑުތައް ބުނާ ގޮތުން، ސުލްޠާން މުޙައްމަދު ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރެއްވި އިރު، ޝަހަރުގެ އޮރތޮޑޮކްސް ޕެޓްރިއާރކްގެ މަޤާމު އޮތީ ހުސްކޮށެވެ. އެއިރު ދީނީ ކަންކަމުގެ އިރުޝާދުތައް ކޮންސްޓެންޓިނޯޕްލްގެ ފައްޅިތަކަށް ވެސް ފޮނުވަމުން ގެންދިޔައީ ރޯމުންނެވެ. ނަމަވެސް އެކަމުގެ ނާޖާއިޒު ފައިދާ ނަންގަވައި، ޝަހަރުގެ އޮރތޮޑޮކްސް ތުރާޘް ނެއްތަވައިލައްވާކަށް ސުލްޠާން މުޙައްމަދު ނުއުޅުއްވައެވެ. އޮރތޮޑޮކްސް ނަޞާރާއިންގެ ލޯތްބާއި ރުހުން ލިބިވަޑައިގެން ހުންނެވި، އަދި އެމީހުންގެ އެންމެ އިސް އެއް ދީނީ ޢިލްމުވެރިޔާ އަދި ފާދިރީ ގެނާޑިޔުސް ސްކޮލޭރިޔުސް ކޮންސްޓެންޓިނޯޕްލްގެ ޕެޓްރިއާރކްގެ މަޤާމަށް ޢައްޔަން ކުރައްވައި، 1 ޖޫން 1453 ގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ޚުދު ސުލްޠާންގެ އަތްޕުޅުން ސްކޮލޭރިޔުސް އަށް ޕެޓްރިއާރކީ ރަމްޒު ކޮށްދޭ ޞަލީބު ޖެހި އަސާކޮޅާއި މަންތާލަކޮޅު ދެއްވިއެވެ. އަދި ޒަމާނުއްސުރެ ނަޞާރާއިންގެ ޢުރުފު އޮންނަ ގޮތުގެ މަތީން، ޕެޓްރިއާރކް މަޤާމަށް ޢައްޔަން ކުރުމުގެ މުނާސަބަތުގައި ޢިއްޒަތުގެ ބޮޑު ޖުލޫސެއްގައި ޝަހަރުގެ ބޮޑެތި މަގުތަކުގައި ދަތުރު ކުރެއްވުމުގެ ހުއްދަ ވެސް ދެއްވިއެވެ.

އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރެއްވުމާ ގުޅިގެން، ޕެޓްރިއާރކް ގެނާޑިޔުސް ސްކޮލޭރިޔުސް އޭނާގެ މައި މަރުކަޒެއް ކަމުގައި – އަދި ކޮންސްޓެންޓިނޯޕްލްގެ އޮރތޮޑޮކްސް ޕެޓްރިއާރކީގެ މައި މަރުކަޒެއް ކަމުގައި – އިޚްތިޔާރު ކުރެއްވެވީ ކޮންސްޓެންޓިނޯޕްލްގައި ހުރި ނަޞާރާއިންގެ އެންމެ މުޤައްދަސް ފައްޅި ކަމުގައި ވާ ޗާރޗް އޮފް ދަ ހޯލީ އެޕޯސްލްސް އެވެ. އެއީ ވެސް ކޮންސްޓަންޓީން ދަ ގްރޭޓް ބިނާ ކުރެއްވި، އަދި އަޔާސޯފްޔާއަށް ވުރެ ތަންކޮޅެއް ދުވަސް ވީ ފައްޅިއެކެވެ. އަޔާސޯފްޔާ ފިޔަވައި ޝަހަރުގައި ހުރި އެންމެ ބޮޑު ފައްޅިޔަކީ ވެސް އެއީއެވެ. އަދި އަޔާސޯފްޔާއާ ޚިލާފަށް، ޢީސާ ޢަލައިހިއް ސަލާމްގެ ޙަވާރީން ކަމުގައި ހިމެނިވަޑައިގަތް ސެއިންޓް އެންޑްރޫވ އާއި، ސެއިންޓް ލޫކް އާއި، ސެއިންޓް ޓިމޮތީގެ މުޤައްދަސް އާސާރުތަކާއި ޒަޚީރާތައް ވެސް ބެހެއްޓިފައި ހުރީ އެ ފައްޅީގައެވެ. މި ތިން ބެއިފުޅުންގެ ތެރެއިން، ސެއިންޓް އެންޑްރޫވ އަކީ އޮރތޮޑޮކްސް ނަޞާރާ މަޒުހަބުގެ ރޫޙާނީ ލީޑަރެވެ. ރޫޙާނީ މުއައްސިސެވެ.

ދެން، ސުލްޠާން މުޙައްމަދުގެ މި މަތިވެރި ފަތަޙަ ތާރީޚުގެ ސިޔާޤަށް ފައްތައިލެވޭތޯ ބަލަމާ ހިންގަވާށެވެ!

އިސްލާމީ ތާރީޚުގެ އަހުލުވެރީންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަމިއްލަފުޅު ވަޒަން ކަމުގައި ވި މައްކާ ދޫ ކުރައްވައި، 622 މ. ގެ ޖޫން މަހުގެ ދުވަހެއްގައި މަދީނާގެ މުޤައްދަސް ބިމަށް ހިޖުރަ ކުރައްވައި، އެ ޝަހަރުގައި އިސްލާމީ ދައުލަތުގެ ބިންގާ އެޅުއްވިއެވެ. އެއިރު ދުނިޔޭގައި އޮތީ ބޮޑު ދެ ބާރެވެ. އީރާނުގެ ފާރިސީ އަންބަރާޠޫރިއްޔާ އާއި، ބައިޒެންޓައިން ރޯމަން އަންބަރާޠޫރިއްޔާ އެވެ. ވެރިކަމުގެ ސަރަޙައްދުގެ ބިޔަކަމަށް ބެލިޔަސް، ދައުލަތުގެ ޢުމުރާއި ވެރިކަމުގެ ދިގު ތާރީޚަށް ބެލިޔަސް، ޢަސްކަރީ އަދި އިޤްތިޞާދީ ކެރިފޯރުންތެރިކަމަށް ބެލިޔަސް، އެއީ އެއިރުގެ ދުނިޔޭގެ ދެ ސުޕަރޕަވަރެވެ. ކީރިތި ނަބިއްޔާ މިއިން އެއްވެސް ދައުލަތަކާ ދެކޮޅަށް އެއްވެސް ކަހަލަ ޢުދުވާނީ ޢަމަލެއް ނުހިންގަވައެވެ. ޚާއްޞަކޮށް، ބައިޒެންޓައިން ރޯމަނުންނާ މެދު އެކަލޭގެފާނު އަބަދުވެސް ބެއްލެވީ އަޚުވަންތަކަމުގެ ނަޒަރުފުޅަކުންނެވެ. މަދީނާގެ ދައުލަތް ފުރިހަމަ ވެގެން ދިޔަ މަރުޙަލާގައި، މި ދެ ދައުލަތުގެ ވެރީންނަށް ވެސް، އިތުރު އެކަލޭގެފާނު އިސްލާމް ދީނުގެ ދަޢުވަތު ދެއްވައި، ފަތްކޮޅުތަކެއް ފޮނުއްވިއެވެ. އެކަލޭގެފާނުގެ ފަތްކޮޅު ލިބިވަޑައިގަތުމުން، ފާރިސީ އަންބަރާޠޫރު ޚުސްރޫ ޕަރުވޭޒް ކަންތައް ކުރެއްވީ ވަރަށް ހުތުރުކޮށެވެ. އެ ފަތްކޮޅު ވީއްދަވައިލައްވައި، ފަތްކޮޅާއިގެން ވަޑައިގަތް ޤާސިދަށް ވެސް ވަރަށް ހުތުރު ބަހުން މުޚާޠަބު ކުރައްވައި، އިންޒާރު ދެއްވައި ހެއްދެވިއެވެ. ޢަރަބީންނަކީ ޒަމާނުއްސުރެ ފާރިސީންގެ އަޅުންކަން ހަނދާން ކޮށްދެއްވިއެވެ. އަދި އަބަދުވެސް ތިބޭނީ އެގޮތުގައި ކަމަށް ވިދާޅުވިއެވެ. ނަމަވެސް ރަސޫލާގެ ފަތްކޮޅާއިގެން ވަޑައިގަތް ޤާސިދާ މެދުގައި، ރޯމަން އަންބަރާޠޫރު ފްލޭވިއޯސް އިރަކްލިޔޯސް ނުވަތަ ހިރަޤުލް އަޢުޡަމް ބޭރުފުށުން ޢަމަލު ކުރެއްވީ ސަފާރިއްޔަތާއި، އެއް ޤައުމުގެ ވެރީން އަނެއް ޤައުމުގެ ވެރީންނަށް އިޙުތިރާމު ކުރުމުގެ ރިވެތި އަދަބުތަކާއި އަޚްލާޤާ އެއްގޮތަށެވެ.

ނަމަވެސް، އަޑިއަޑީން ބައިޒެންޓައިން ރޫމުގައި ވެސް ރޭވިގެން ދިޔައީ އިސްލާމީ ދައުލަތް ހަމަ އިސްކޮޅަށް ތެދު ވުމުގެ ކުރީން އިނދަ ޖައްސައި ކަށްވަޅަށް ފޮނުވައިލުމުގެ ރޭވުންތަކެކެވެ. މި ރޭވުންތައް ތަންފީޛު ކުރުމުގެ ޢަމަލީ މަސައްކަތް އެންމެ ފުރަތަމަ ކޮންސްޓެންޓިނޯޕްލްގެ ދަރުބާރުން ޙަވާލު ކުރެވުނީ، ޝާމުކަރައިގެ ބައެއް ސަރަޙައްދުތަކުގައި އުޅެމުން ދިޔަ ޢަރަބި ޤަބީލާތަކާއެވެ. ބައިޒެންޓައިން ދައުލަތުގެ ދަށުގައި، އެ ދައުލަތުގެ ރައްޔިތުންގެ ގޮތުގައި ތިބި ޢަރަބި ނަޞާރާއިންނާއެވެ. މި ރޭވުންތަކުގެ ދަށުން، ބައިޒެންޓައިން ދައުލަތުގެ ދަށުގައި އޮތް ޝާމު ކަރައިގެ ޢަރަބި ޝަހަރެއް ކަމުގައި ވާ ބުޞްރާގެ ވެރިޔާގެ އަރިޔަހަށް ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްލާމީ ދަޢުވަތުގެ ފަތްކޮޅާއިގެން ދަތުރުފުޅު ކުރެއްވި ޤާޞިދު އަލްޙާރިޘް ބިން ޢުމައިރުލް އަޒްދީ ޝަހީދު ކޮށްލެވުނެވެ. އެކަލޭގެފާނު ގިނިކަންޏާ ދަތުރުފުޅު ކުރައްވަނިކޮށް، މަގުމަތީން އެކަލޭގެފާނު އަތުލައިގަނެ، އެކަލޭގެފާނަކީ ކޮން ބޭނުމަކު ކޮން ތަނަކަށް ދަތުރުފުޅު ކުރައްވާ ކޮން ބެއިފުޅެއްކަން އޮޅުން ފިލުވުމަށް ފަހު، ވާތަކުން އަތްފައިންޕުޅު ބަނދެ އަނިޔާ ކޮށް، އިސްތަށިފުޅު ކަނޑައިލައިގެން ޝަހީދު ކުރީ ޣައްސާނު ވަންހައިގެ އަމީރު ޝުރަޙަބީލް ބިން ޢަމްރުލް ޣައްސާނީ އާއި އޭނާގެ ހަނގުރާމަވެރީންނެވެ. ޝުރަޙަބީލަކީ ބައިޒެންޓައިން ދައުލަތުގެ ގަވަރުނަރެއްގެ ހައިސިއްޔަތުގައި ހުރި މީހެކެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، އެއިރުވެސް، އަދި މިހާރުވެސް، ބައިނަލްއަޤްވާމީ ގުޅުންތަކުގެ ޢުރުފާއި ޤާނޫނުތަކާއި އުޞޫލުތައް ޤަބޫލު ކުރާ ގޮތުން، އެއް ޤައުމަކުން އަނެއް ޤައުމަކަށް ފޮނުވާ ސަފީރުންނާއި ޤާސިދުން ޤަތުލު ކުރުމަކީ ހަނގުރާމަ އިޢުލާން ކުރުމުގެ އެންމެ ސީރިޔަސް އެއް ޢަމަލެވެ. ބައެއް ރިކޯޑުތަކުގައި ވާގޮތުން، މިގޮތުގެ މަތީން ބައިޒެންޓައިން ރޯމަނުންގެ އިރުޝާދުގެ ދަށުން، ޝާމު ކަރައިގެ ޢަރަބި ނަބާރާއިން ޝަހީދު ކުރި، ކީރިތި ނަބިއްޔާގެ ހަމައެކަނި ސަފީރަކީ ވެސް ޙާރިޘް ބިން ޢުމައިރެއް ނޫނެވެ. ބަނޫ ސުލައިމްގެ މީހުންގެ ގާތަށް އިތުރު ނަބިއްޔާ ފޮނުއްވެވި ދެ ސަފީރުން ވެސް، ބައިޒެންޓައިން ދައުލަތުގެ ސަރަޙައްދުގެ ތެރެއިން ދަތުރު ކުރައްވަނިކޮށް، މި ގޮތަށް ޝަހީދު ކޮށްލެވުނެވެ. މި ގޮތުގެ މަތީން ބައިޒެންޓައިން ރޯމުން އިސްލާމީ ދައުލަތާ ދެކޮޅަށް "ވަރަށް ނާތަހުޒީބު ގޮތެއްގައި" ހަނގުރާމަ އިޢުލާން ކުރުމުން، ކީރިތި ނަބިއްޔާ އެ އިޢުލާނަށް ޖަވާބު ދެއްވަވައި، ޝާމު ކަރައިގެ ސަރަޙައްދަށް ތިންހާސް މުޖާހިދުންގެ ލަޝްކަރެއް ފޮނުއްވެވިއެވެ. އެ ލަޝްކަރާ ކުރިމަތި ލުމަށް ޓަކައި އައީ ބައިޒެންޓައިން ހަނގުރާމަވެރީންނާއި ޣައްސާނީ ޢަރަބީންގެ ލަޝްކަރެކެވެ. ދެ ލަޝްކަރުގެ ދެމެދުގައި ހިނގީ މަޝްހޫރު މުއުތާގެ ހަނގުރާމައެވެ.

މި ދެންނެވީ ބައިޒެންޓައިން ރޯމަނުންނާއި އިސްލާމީ ދައުލަތާ ދެމެދުގައި ހަނގުރާމަ ފެށުނު ގޮތުގެ ވާހަކައެވެ.

މި ގޮތުން ފެށުނު ހަނގުރާމަ އެތައް ޤަރުނަކަށް ދެމިގެން ދިޔައެވެ. ޚުލަފާއުއްރާޝިދޫންގެ ދައުރުގައި، މުސްލިމުން ބައިޒެންޓައިން ރޯމަނުންގެ އަތްދަށުން މުޅި ޝާމުކަރަޔާއި، މިޞްރު ފަތަޙަ ކުރިއެވެ. އެއިގެ ފަހުން ވެސް މުސްލިމުންގެ އެކިއެކި ދައުލަތްތަކުން ބައިޒެންޓިޔަނުންގެ ބިންތައް ދޭތެރެދޭތެރެއިން ފަތަޙަ ކުރަމުން ގެންދިޔައެވެ. ބައިޒެންޓައިން ލަޝްކަރުތައް ވެސް މުސްލިމުންގެ ބިންތަކަށް ޙަމަލަ ދީ، ތަންތަން އަތުލައި ހަދަމުން ގެންދިޔައެވެ. މީލާދީން 1453 ވަނަ އަހަރާ ހަމަޔަށް ދިޔަ އިރު، ބައިޒެންޓައިން ދައުލަތް އޮތީ ވަރަށް ބޮޑަށް ބަލިކަށި ވެފައެވެ. އޭޝިޔާގެ އިތުރުން، ޔޫރަޕުގައި ވެސް އޮތް އެ ދައުލަތުގެ ހުރިހައި ބިންތަކެއް ވަނީ ގެއްލިގެން ގޮސްފައެވެ. މުޅި އަނާޠޫލިއްޔާ އޮތީ މުސްލިމް ޢުޘްމާނީންގެ އަތްދަށުގައެވެ. ހަމައެހެންމެ، ގްރީސްގެ ބޮޑު ބަޔަކާއި ބަލްކަންގެ ބޮޑު ބަޔަކާ އެކު، އިރުމަތީ ޔޫރަޕުގައި ކުރީން ބައިޒެންޓައިން ރޯމަން ބިންތަކުގެ ގޮތުގައި އޮތް ބިންތައް ވެސް މުޅީންހެން އޮތީ ޢުޘްމާނީ މުސްލިމުންގެ ރަސްކަމުގެ ބިންތަކުގެ ގޮތުގައެވެ. އެއިރު ބައިޒެންޓައިން ރޯމަނުންގެ ވެރިކަން އޮތީ ހަމައެކަނި ކޮންސްޓެންޓިނޯޕްލްގެ ހުޅަނގު ފަޅީގަޔާއި، ގްރީކުގެ ޕެލޮޕޮނީޒް ޕެނިންސޫލާއެވެ ކިޔޭ ބިޔަ ޖަޒީރާގައި އެކަންޏެވެ. ސުލްޠާން މުޙައްމަދުލް ފާތިޙް އެމަނިކުފާނުގެ ލަޝްކަރާއިގެން ވަޑައިގެން ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރެއްވީ މި ޙާލަތަށް ގޮސްފައި އޮއްވައެވެ. އެމަނިކުފާނުގެ މަޝްހޫރު ފަތަޙަޔަށް ފަހު، ބައިޒެންޓައިން ރޯމަނުންގެ ތަޚްތުގައި އެއިރު އިންނެވި އަންބަރާޠޫރު ކޮންސްޓަންޓީން އެގާރަވަނަ ޕެލައެލޮގޫސަށް ވީ ގޮތަކާ މެދު އޮތް އެންމެ މުޢުތަބަރު ބަހަކީ އޭނާ އަމިއްލަފުޅަށް ދަން ޖެހިވަޑައިގެން އަވަހާރަ ވީ ކަމަށް ބުނެވޭ ބުނުމެވެ. އެއާއެކު، އެއްހާސް އަހަރަށް ވުރެ އުމުރު ދިގު ބައިޒެންޓައިން ރޯމަން ދައުލަތުގައި ނިމުމުގެ ސިއްކަ ޖެހުނީއެވެ.

ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރުމަށް ފަހު މުސްލިމުން އެ ޝަހަރަށް ޢާއްމުކޮށް ކިޔާން ފެށި ނަމަކީ އިސްތާންބުލްއެވެ. ނަމަވެސް "ކޮންސްތާންތީނިޔޭ" އަދި "ޤުސްޠަންޠީނިއްޔާ" މި ނަންތައް ވެސް ބޭނުން ކުރެވެމުން ދިޔައެވެ. ޝަހަރުގެ ނަން އިސްތާންބުލް" އަށް ރަސްމީކޮށް ބަދަލު ކުރެވުނީ، މުސްޠަފާ ކަމާލްގެ ވެރިކަމުގައި ތުރުކީ ވިލާތުގެ ޖުމްހޫރިއްޔާ އިޢުލާން ކުރެވުނު ފަހުންނެވެ. 1930 މ. ގައެވެ.

ކުރީންވެސް ދެންނެވުނު ފަދައިން، އަޔާސޯފްޔާގެ މަޤާމުގައި އެންމެ ފުރަތަމަ ބިނާ ކުރެވުނު ނަޞާރާ ފައްޅީގެ ނަމަކީ މެގްނާ އެކްލީސިޔާ ނުވަތަ މެގާލޭ އެކްލީސިޔާ އެވެ. މި ނަމުގެ މާނަޔަކީ "ބޮޑު ފައްޅި" މިއެވެ. ފައްޅިޔަށް ކިޔާ އެހެން ނަމެއްގެ ގޮތުގައި ބައިޒެންޓައިން ކޯނޭ ގްރީކް ނަމެއް ކަމުގައި ވާ "އަގިޔާ ސޮފިޔާ" މި ނަން ތަޢާރަފު ވެގެން އައީ، ފައްޅި ބިނާ ކުރެވުނުތާ ހަތްދިހަ ވަރަކަށް އަހަރު ފާއިތު ވި ފަހުން، ގާތްގަނޑަކަށް 430 މ. ގައެވެ. އަންބަރާޠޫރު ޖަސްޓިނިޔަން ފައްޅި އަލުން ބިނާ ކުރެއްވުމަށް ފަހު، މެގްނާ އެކްލީސިޔާ އާއި މެގާލޭ އެކްލީސިޔާ މި ނަންތައް ބޭނުން ކުރުން މުޅީން ހުއްޓި، ފައްޅީގެ ރަސްމީ އަދި ޢާއްމު ނަމަކީ "އަގިޔާ ސޮފިޔާ" (Αγία Σοφία) ކަމުގައި ވިއެވެ. މި ނަން ގްރީކް ބަހުން ކިޔާ އިރު، ގާފު ކިޔަނީ ވަރަށް ލުއިކޮށެވެ. ދިވެހި ކަންފަތަށް އިވޭނީ ގާފެއް ކަމަށް ނުބެލެވޭހައި ލުއި، ޔާއަކާއި ޣައިނަކާ ދެމެދުގެ އަޑެކެވެ. ގްރީކް ބަހުން "އަގިޔާ ސޮފިޔާ" ގެ މާނަޔަކީ "މުޤައްދަސް ޙިކުމަތް" މިއެވެ. ޢުޘްމާނީ ތުރުކީން ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރުމަށް ފަހު، ގްރީކް ނަން ތުރުކީ ބަހުގެ އަޑުމަޚްރަޖަޔަށް ފައްތައިގެން "އަޔާސޯފްޔާ" މި ގޮތަށް ކިޔާން ފެށިއެވެ. މިހާރުގެ ތުރުކީ ބަހުން ލިޔުމުގައި، ނަން ލިޔާ ގޮތަކީ (Ayasofya) މިއެވެ. ޢަރަބި ބަހުން ކިޔާ ގޮތަކީ "އަޔާ ޞޫފިޔާ" އެވެ. ކެތޮލިކް ނަޞާރާއިންގެ ރަސްމީ ބަހެއްގެ ގޮތުގައި އޮތް ލެޓިން ބަހުން އަޔާސޯފްޔާއަށް ކިޔުނު ނަމަކީ ސާންކްތާ ސޯފިޔާ (Sancta Sophia) މިއެވެ. ފަހުން، އިނގިރޭސި ބަހުން ކިޔުނު ނަމަކީ ހާޔާ ސޯފިޔާ ނުވަތަ ހާގިޔާ ސޮފާޔާ ނުވަތަ އާޔާ ސޯފިޔާ މިއެވެ. އިނގިރޭސިން ލިޔެފައި އޮންނަނީ (Hagia Sophia) މިގޮތަށެވެ. އިނގިރޭސި ބަހުން ކިޔާ އިތުރު ނަންތަކުގެ ތެރޭގައި (Church of Holy Wisdom) ވެސް ހިމެނެއެވެ.

ނޯޓް: މިއީ އިސްތަންބޫލްގެ އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރިކުރުމާ ބެހޭގޮތުން ލިޔެވޭ ސިލްސިލާ މަޒުމޫނެކެވެ. މި މަޒުމޫނުގެ ހަތަރު ބައި ގެނެސްދިނުމަށް ވިސްނިފައި ވެއެވެ. މިއީ ފުރަތަމަ ބައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް