ރެސިޑެންޓް ވިސާ އިސްލާހުވެއްޖެނަމަ ރާއްޖެ ވާނީ ކުށްވެރިންގެ ސުވަރުގެއަކަށް: މުންދު

7 ޖެނުއަރީ 2018: މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ޕީޕީއެން އިން "ރުމާލް 2" ޖަގަހާގައި ބޭއްވި ޖަލްސާގެ ތެރެިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގޮތަށް ފާސްވެއްޖެ ނަމަ ރާއްޖެވެގެން ދާނީ އެކި ކަހަލަ ކުށްތައް ކުރާ މީހުންގެ "ސޭފް ހެވަން" އަކަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ ގުޅިގެން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ އެ އިސްލާހު ފާސްވެއްޖަނަމަ ރާއްޖެ ވެގެންދާނީ ފާއިތުވި 100 އަހަރު ތެރޭ "ސޭފް ހެވަން"އަށް ވި ގައުމުތަކުގެ ތެރޭގައި ކަމަށެވެ.

"އޭގެ މާނައަކީ ދުނިޔޭގައި އެންމެ ނޭއްގާނީ އެންމެ ތާކުން ތާކު ނުޖެހޭ ކަމެއް ކުރާ ބަޔަކު އަބަދުވެސް ހޯދާނެ އެމީހުން ފިލަން ދާނެ ތަންތަން. އެއީ ޑްރަގް ސްމަގަލަރުން ކަމަށް ވިޔަސް ބޮޑެތި އުދުވާންތައް ހިންގާ ބަޔަކު ކަމުގައިވިޔަސް ޓެރަރިސްޓުން ކަމަށްވިޔަސް އެމީސްމީހުން މީސްމީހުންގެ މައްޗަށް ނުފޫޒު ފޯރާ ގާނޫނުގެ އިމުން ބޭރަށް ފިލައިގެން ދާނެ ސޭފް ހެވަންސް. މިއޮތީ ރާއްޖެ އެކަހަލަ ތަނަކަށް ހަދަން ފުރުސަތު ލިބިފައި. މާދަމާ އެއްލައްކަ ރުފިޔާ ދީފައި ރާއްޖެ އަންނާނީ ދުނިޔޭގެ އެހެން ހިސާބެއްގައި ކިހާވަރެއްގެކަމެއް ެކޮށްފަ އައި މީހެއްކަން އެނގޭނެގޮތެއް ބެލޭނެގެ ގޮތެއް ނޯންނާނެ" މުންދު ވިދާޅުވި އެވެ.

އެގޮތުން ޕަބްލޯ އެސްކޯބާ ފަދަ ބޮޑެތި ޑްރަގް ޑީލަރުންނާއި ޖިންސީ ގޯނާކުރާ މީހުންނާއި ޓެރަރިސްޓުން ފަދަ މީހުން ރާއްޖެއިން ހިމާޔަތް ހޯދިދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން މިހާރުވެސް ރާއްޖެއަކީ ހިއުމަން ޓްރެފިކިން ލިސްްޓުގައި ހިމެނޭ ގައުމަކަށްވާއިރު އެ ލިސްޓުގައި މިހާރު އޮތް "ރޭންކް" އަށް ވުރެ ކުރިއަށް ޖެހިގެންދާނެ ކަމަށާއި އޭރުން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާންޖެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަށްވުރެ ބޮޑަށް އަޑިއަޅާލައިގެން ދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ސަރުކާރު ތަކުރާރުކޮށް ފެއިލްވަމުންދާކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ވޯޓެއް ލައިގެން އެބޭފުޅުން ހޮވޭނެކަމުގެ ޔަގީންކަން ނެތްކަން މިހާރު އެނގިއްޖެ ކަމަށެވެ. އަދި އެގޮތަށް ވިސާ ދޭން އުޅެނީ ވެރިކަމުގައި ދެމިތިބެން ކުރާކަމެއް ކަމަށް މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ފާއިތުވި 18 މަސްދުވަސްތެރޭ ސަރުކާރުން ކުރަމުންދިޔަ ނޭއްގާނީ ކަންތައްތަކުގެ ތެރެއިންވެސް މިވަރުގެ ކަންބޮޑުވާންޖެހޭ ކަމެއް އަދި ނުފެންނަ ކަމަށެވެެ. އަދި އަޅުގަނޑުމެންގެ ސަރަހައްދީ ގައުމުތައް މިނިވަންވެގެން އައި ދުވަސްވަރުވެސް އެކި ނަސްލުތަކުގެ މީހުންނަށް ރަށްވެހިކަން ދީގެން ދިމާވި ކަންތައްތައް ފެންނަން އެބައޮތް ކަމަށާއި ގައުމަކަށް ނުފޫޒު ފޯރުވަން ބޭނުންނަމަ ބިންވެރިކަމަށް ނުފޫޒް ފޯރުވަން މަސައްކަތް ކުރާ ކަމަށެވެެ.

ރެސިޑެންޓް ވިސާގެ އިސްލާހުގެ ދަށުން ދިވެހި ރައްޔިތުންނަކީ ދެވަނަ ދަރަޖައިގެ ބަޔަކަށް ހަދައި ރާއްޖޭގެ ކަންކަމަށް ގޮތް ނިންމުމުގެ ބާރު ބޭރު ރައްޔިތުންނަށް ލިބިގެންދާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަމަގައިމުވެސް ހަތަރު ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ހަރަދުކުރާން ގާބިލްކަން ހުރި ފަރާތެއް ވެއްޖިއްޔާ، މީހަކަށް އެއް ލައްކަ ރުފިޔާގެ މަގުން، ރާއްޖޭގެ ރަައްޔިތުންގެ އާބާދީއަކީ ގާތްގަނަޑކަށް 400،000 ކަަމަށް ވަންޏާ މިދެންނެވި ހިސާބު ހަދާލީމާ ފަސް ބިލިއަން ރުފިޔާއަށް ވާ ވަރަށް މީހުން ރާއްޖޭގެ ޕާމަނަންޓް ރެސިޑެންސީ ހޯދުމުގެ ފުރުސަތު އެބަ ލިބޭ. އޭގެ މާނައަކީ ދިވެހި ރައްޔިތުންނަށްވުރެ އެ ބަޔަކު ގިނަވުމުގެ ފުރުސަތު ފަހިވިޔޭ ލިބެޔޭ މިދެންނެވި އަދަދުގެ އިންވެސްޓްމަންޓެއް ކޮށްފިއްޔާ" މުންދު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް-ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރެސިޑެންޓް ވިސާގެ މައްސަލައަކީ ވަރަށް ނުބައި ރޭވުމެއް ކަމަށާއި ބާރުގަދަ ގައުމުތަކުން އެހެން ގައުމުތައް ހިސާރުކުރުމަށް އެފަދަ އުކުޅުތައް ގެންގުޅޭ ކަމަށެވެ.

"ދިވެހި ރައްޔިތުން މިކަމާ އަޑު އުފުލަން ޖެހޭ. ދިވެހި ރައްޔިތުންގެ ބާރު ރާއްޖެއިން ކެނޑިގެން ދާނެ މިއުޅެނީ. ދިވެހި ރާއްޖެއަށް ދިވެހިރާއްޖެ ކިޔުމުގެ ފުރުސަތު ގެއްލިދާން މިއުޅެނީ. ގައުމުގެ ހައްގުގައި އަޅުގަނޑުމެން ނުކުންނަންވީ ވަގުތު މިއޮތީ ޖެހިފައި" އަބްދުއްރަހީމް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރެސިޑެންޓް ވިސާއާ މެދު މަޖިލީހުގައި ބަހުސް ފެށިގެން ދިއުމަކީ ދިވެހި ރައްޔިތުންގެ އަތުން ދިވެހި ދައުލަތް ބީވެގެން ދިއުމުގެ ސިގްނަލް ފެންނަން ފެށުން ކަމަށެވެ. އަދި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމްގައުމަކަށް ވާތީ އޭގެ ބިރުވެރިކަން ވަރަށް ބޮޑުކަން ވެސް ޝިޔާމް ފާހަގަކުރެއްވި އެވެ.

"މިއީ މިގައުމުގެ އެއްވެސް ރައްޔިތަކުން ބޭނުންވާކަމެއް ނޫން. ބޭރު މީހުންގެ އިންޓްރެސްޓް މީގަ މިއޮތީ. ޔަގީނުންވެސް ދިވެހިންގެ އިންޓްރެސްޓެއް ނެތް. އަޅުގަނޑުމެންގެ ގައުމާއި ދީން ކޮމްޕްރޮމައިޒްވާ ހިސާބަށް މިދިޔައީ އަޅުގަނޑުމެން ގައުމެއްގެ ގޮތުގައި ނިކަމެތިވީ މިންވަރު މީގެން ދޭހަކޮށްދީ" ޝިޔާމް ވިދާޅުވި އެވެ.

comment ކޮމެންޓް