ހަތަރު މަހަށްފަހު އިއްތިހާތުގެ ދަތުރުތުތައް ވީއައިއޭ އަށް

އިއްތިހާދުގެެ ފްލައިޓު ވީއައިއޭގައި -- ފޮޓޯ: އެމްއޭސީއެލް

ކޮވިޑް19 އާއި ގުޅިގެން އިއްތިހާދު އެއާވޭސް އިން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހަތަރު މަސްވަންދެން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ދަތުރުތައް ފަށައިފިއެވެ.

އިއްތިހާދުގެ ފްލައިޓު މިއަދު މެންދުރުފަހު ވީއައިއޭގައި ޖައްސާފައިވާއިރު އިއްތިހާދުން މާލެ އާއި އަބޫދާބީ އާއި ދެމެދު ހަފްތާއަކު ދެ ފްލައިޓު ބާއްވާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އޭ320 މަރުކާގެ ބޯޓެވެ.

ކޮވިޑާ ގުޅިގެން އިއްތިހާދުން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް މެދުކަނޑާލާފައިވަނީ މާޗުމަހުގެ ތެރޭގައެވެ. މީގެ ކުރިން އިއްތިހާދު އެއާވޭސް އިން މާލެ އާއި އަބޫދާބީ އާއި ދެމެދު ދުވާލަކު ދެ ފްލައިޓު ބޭއްވިއެވެ.

މާޗު 27 އިން ފެށިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު މިމަހުގެ 15 ގައި އަލުން ބޯޑަރު ހުޅުވާލާ، ދަތުރުތައް ވަނި ފަށައިފައެވެ. އެގތުން މިމަހުގެ 15 ވަނަ ދުވަހު ގަތަރު އެއާވޭސް އާއި ސްރީލަންކަން އިން ރާއްޖެއަށް ދަތުރު ފެށިއިރު، އެމިރޭޓްސް އިން ވަނީ މިމަހުގެ 16 އިން ފެށިގެން ދަތުރުތައް ފަށައިފައެވެ.

ގަތަރު، އިއްތިހާދު އަދި އެމިރޭޓްސް އަކީވެސް ޔޫރަޕާއި މެދުއިރުމަތިން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އުފުލާ ތިން އެއާލައިނެވެ.

އޮގަސްޓުމަހުގެ ތެރޭ ދަތުރު ފަށަން ތާވަލުކޮށްފައިވާ އެއާލައިންތަކުގެެ ތެރޭގައި ގަލްފް އެއާ، ބްރިޓިޝް އެއާވޭސް، ހޮންކޮންގް އެއާލައިންސް އަދި އިންޑިގޯގެ އިތުރުން ސިލްކް އެއާއާއި ސިންގަޕޯ އެއާލައިންސް ހިމެނެއެވެ.

މިމަހުގެ 23 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 850،000 ފަތުރުވެރިން ގެނައުން ކަމަށެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރި އިރު 300،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެ އެވެ.

comment ކޮމެންޓް