ޝާލޭ އެންމެ 29 އަހަރުގައި ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ޖަރުމަނުގެ މިޑްފީލްޑަރު އަންޑްރޭ ޝާލޭ --- ފޮޓޯ//ލައިވްސްކޯ

ޖަރުމަނުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި އިރު ފައިނަލުގައި ޖެހި ހަމައެކަނި ގޯލު ޖެހުމަށް އެސިސްޓް ހަދައިދިން އަންޑްރޭ ޝާލޭ ފުޓުބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

ޝާލޭ 29، ފުޓުބޯޅަ ކުޅުން ހުއްޓާލަން ގަސްތުކޮށްފައިވާ ކަން ހާމަ ކުރީ އޭނަގެ އިންސްޓްގުރާމުގައި ވޯލްޑްކަޕުގެ ތަށްޓާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރަމުންނެވ. އޭނާ އެ ޕޯސްޓުގައި ބުނީ އުމުރުން އެންމެ 29 އަހަރުގައި އޭނާ ފުޓުބޯޅައާއި ދުރަށް ދާން ނިންމާފައިވާ ކަމަށެވެ.

"ވޭތުވެ ދިޔަ އަހަރުތަކުގައި އަހަރެންނަށް ސަޕޯޓްކޮށް، އަހަރެން ކުޅުނު މެޗުތައް ބެލި ހުރިހާ އެންމެނަށް އަހަރެންނާއި، އަހަރެންގެ އާއިލާގެ ނަމުގައި ޝުކުރު ދަންނަވަން،" ޝާލޭގެ އިންސްޓަގުރާމް ޕޯސްޓުގައި އޭނާ ބުނެފައިވެ އެވެ.

އޭނާ ބުނީ، ފުޓުބޯޅަ ކުޅުން ހުއްޓާލުމަށްފަހު ދިރިއުޅުމުގައި ދެން ހުރި ކަންކަމަށާއި، ކުރިއަަށް އަންނަން އޮތް ފުރުސަތުތަކުގެ ބޭނުން ހިފަން އޭނާ ތައްޔާރު ކަމަށެވެ.

ޝާލޭ ފުޓުބޯޅަ ކުޅެން ހުއްޓާލި އިރު މިދިޔަ ހަފުތާގެ ތެރޭގައި ޖަރުމަނުގެ ބްރޯޝިއާ ޑޯޓްމަންޑާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން ބާކީ އަހަރެއް އޮއްވާ ވަނީ އުވާލައިފަ އެވެ. ފޯމުގެއްލުމާއި، އަނިޔާގެ ސަބަބުން ފަހަކަށް އައިސް ޝާލޭގެ ނަން ޔޫރޮޕުގެ ފުޓުބޯޅައިން ފަނޑުވެފައިވާ އިރު، ޑޯޓްމަންޑަށް 33 މެޗު ލީގުގައި އޭނާ ވަނީ ކުޅެދީފަ އެވެ. އެއަށްފަހު ލޯން އެއްބަސްވުމެއްގެ ދަށުން ވޭތުވެ ދިޔަ ދެ ސީޒަނެއްގައި އޭނާ ފެނުނީ، ފުލްހަމްއާއި ސްޕާޓެކް މޮސްކޯއިންނެވެ.

ޝާލޭ އެންމެ މަޝްހޫރުވެފައިވަނީ 2014 ވަނަ އަހަރުގެ ފައިނަލުގައި އާޖެންޓީނާ ކޮޅަށް މެޗު އިތުރު ވަގުތުގައި މާރިއޯ ގޮޓްޒޭ ޖެހި ގޯލު ޖެހުމަށް ކޮށްދިން މޮޅު އެސިސްޓަކުންނެވެ. ޝާލޭ ވަނީ ޖަރުމަނަށް ޖުމުލަ 56 މެޗު ކުޅެދީ 22 ގޯލު ޖަހައިދީފަ އެވެ.

comment ކޮމެންޓް