ދިރާސާ: ފުރަބަންދަށް ލުއިދޭން 67 ޕަސެންޓް މީހުން ބޭނުންވި

މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމަށް އިއުލާނުކުރި ފުރަބަންދަށް ލުއި ދިނުމަށް 67 ޕަސެންޓް ރައްޔިތުން ބޭނުންވިކަމަށް ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ ދިރާސާއަކުން ދައްކައިފި އެވެ.

ކޮވިޑް-19އާ ގުޅިގެން އިޖުތިމާއީ އަދި އިގްތިސާދީގޮތުން ކޮށްފައިވާ އަސަރުތައް ދެނެގަތުމަށް އެމްއެންޔޫއާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދަނީ ދިރާސާތަކެއް ހަދަމުންނެވެ. އެގޮތުން އެ ދިރާސާގެ ދެވަނަ ބުރުގައި 2،517 މީހަކު ބައިވެރިވެފައިވެ އެވެ.

އެ ދިރާސާގައި ބައިވެރިވި މީހުންގެ 67 ޕަސެންޓް މީހުން ބޭނުންވީ ފުރަބަންދަށް ލުއި ދިނުމަށެވެ. އެގޮތުން 50 ޕަސެންޓް މީހުން ބޭނުންވީ އެކި މަރުހަލާތަކަށް ބަހާލައިގެން ގައިޑްލައިންތަކާއެކު ފުރަބަންދަށް ލުއި ދިނުމަށެވެ. އަދި 15 ޕަސެންޓް މީހުން ބޭނުންވީ އެއްކޮށް ފުރަބަންދަށް ލުއި ދިނުމަށެވެ. އެހެންނަމަވެސް އެ 15 ޕަސެންޓް މީހުންވެސް ބޭނުންވީ ގައިޑްލައިންތަކާއެކުގައި ފުރަބަންދަށް ލުއި ދިނުމަށެވެ.

އެއްވެސް ކަހަލަ ގައިޑްލައިނެއް ނެތި އެއްކޮށް ފުރަބަންދަށް ލުއި ދިނުމަށް ދެ ޕަސެންޓު މީހުން ބޭނުވި ކަމަށް ދިރާސާއިން ދައްކައެވެ. އަދި 33 ޕަަސެންޓް މީހުން ބުނަނީ ފުރަބަންދަށް ލުއި ދިނުމަށް ބޭނުން ނުވާ ކަމަށެވެ.

ދިރާސާއިން ދައްކާގޮތުގައި ކޮވިޑް-19 ރިސްޕޮންޑެންޓްތަކުގެ ތެރެއިން ކޮންމެ ފަސް ރިސްޕޮންޑެންޓުން އެކަކު ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވެ އެވެ.

އެ ޓެސްޓުތަކުން ދައްކާގޮތުގައި 85 ޕަސެންޓް މީހުން ނެގެޓިވް އެވެ. އަދި 12 ޕަސެންޓް މީހެއްގެ ނަތީޖާ އަދި ނުލިބި ހުރި އިރު ތިން ޕަސެންޓް މީހުން ވަނީ ވައިރަސް އަށް ޕޮޒިޓިވް ވެފައި ކަމަށްވެސް ދިރާސާއިން ދައްކަ އެވެ.

comment ކޮމެންޓް