އެއްވުން މަނާކުރާ ގާނޫނު އިސްލާހުކުރުން ލަސްވާތީ އެމްއާރުއެމް އިން މަޖިލީހަށް ފާޑުކިޔައިފި

ކުރީގެ ރައީސް މައުމޫން އިސްވެ އުފެއްދެވި އެމްއާރުއެމް އިން ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންގެ ހުއްދައަކާ ނުލައި މާލޭގައި މުޒާހަރާ ކުރެވޭނީ ހެންވޭރުގައި އޮންނަ ކާނިވާ ސަރަހައްދަށް އެކަނި ކަމަށް ކަނޑައަޅައި، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް މިދިޔަ ސަރުކާރުން ގެނައި އިސްލާހު ބާތިލު ނުކޮށް ލަސްވަމުން ދާތީ، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ރައްޔިތުންގެ މަޖިލީހަށް ފާޑުކިޔައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ އެމްއާރުއެމުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހަކީ އެމްއާރްއެމް އިން ގަބޫލުކުރާ އުސޫލުތަކާ ހިލާފު އަދި ގާނޫނު އަސާސީއާ ތައާރުޒުވާ އިސްލާހެއް ކަމަށެވެ.

އެ ކަމަކީ ގާނޫނު އަސާސީ އިން ދީފައިވާ ހައްގެއް އުނިކުރުމަށް ކޮށްފައިވާ ކަމެއްކަން ފާހަގަކޮށް އެމްއާރުއެމްގެ ބަޔާނުގައި ބުނެފައި ވަނީ އެކަމާ ދެކޮޅަށް އޭރު ވެސް ވާނީ ފާޅުގައި ވަކާލާތު ކޮށްފައި ކަމަށެވެ. އަދި އެކަމާ ދެކޮޅަށް އޭރު ތެދުވި ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރެއްގެ ގޮނޑި ގެއްލިގެން ދިޔަކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ގާނޫނު އަސާސީގެ ރޫޙާ ހިލާފަށް އޭރުގެ ސަރުކާރުން ގެނައި ބަދަލުތައް މުރާޖާކޮށް، ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގާނޫނު އަސާސީއަށް ގެނައިސްފައިވާ ބަދަލުތައް އިސްލާހު ކުރުމަށް މިހާރު ވެރިކަމުގައި ތިބި ފަރާތްތަކުން އެއްބަސްވެފައިވާ ކަމަށް އެމްއާރުއެމުން ވަނީ ބުނެފަ އެވެ.

އެގޮތުން ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހު އުވާލާއި، އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ދިނުމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް އެއްބަސްވެފައިވާ ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެހެން ނަމަވެސް މި ސަރުކާރުގެ ހޯމް މިނިސްޓްރީން ވެސް އެއްވެއުޅުން ހަނި ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް އެމްއާރުއެމުން ވަނީ ބުނެފަ އެވެ.

"މިގޮތަށް މަސައްކަތްތައް ކުރުމުގެ ފުރުސަތު ލިބިގެން މިދަނީ، ގާނޫނުތައް ހެދުމާއި، ގާނޫނުތައް އިސްލާހުކުރުމުގެ ޒިންމާ ހަވާލުކުރެވިފައި ތިއްބެވި ފަރާތްތަކުން ފުރިހަމަ ގޮތުގައި އެޒިންމާ އަދާކުރެވިފައި ނުވާތީ ކަމަށް ރައްޔިތުން މިއަދު ގަބޫލުކުރާނެ،" އެމްއާރުއެމްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރައްޔިތުންނަށް ރައްޔިތުންގެ ބާރު ލިބުނުކަމަށް ވާނީ ރައްޔިތުންނާ ގުޅުންހުރި ގާނޫނުތައް ބަދަލުކުރެވި، ގާނޫނު އަސާސީއާ އެއްގޮތަށް ޢަމަލުކުރެވި، ގާނޫނު އަސާސީ އިން ރައްޔިތުންނަށް އިންސާފު ލިބުމުން ކަމަށް އެމްއާރުއެމުން ވަނީ ބުނެފަ އެވެ.

"އެހެންކަމުން، ރައްޔިތުންނަށް ވެފައިވާ ވަޢުދާ އެއްގޮތަށް ގާނޫނުތައް އިސްލާހުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ގާނޫނުތައް އަވަހަށް އިސްލާހުކޮށްދެއްވުމަށް މަޖިލީހަށް އެމްއާރުއެމް އިން ގޮވާލަން." އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސް، ފުލުހުންނަށް ކުރިން ނޯޓިސް ދިނުމަކާ ނުލައި އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދަށް ކަމަށް ގާނޫނުގައި ލިޔުނީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ޕީޕީއެމްގެ މެޖޯރިޓީގަ އެވެ. އެ އިސްލާހަށް އޭރުގެ އިދިކޮޅު، މިހާރު ސަރުކާރުގައި ތިބި އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތުން ވެސް ވަރަށް ބޮޑަށް ފާޑުކިޔެވެ.

އެ އިސްލާހު އުވާލާނެ ކަމަށް ވެސް އޭރު ވަނީ ވައުދުވެފަ އެވެ.

އެހެން ނަމަވެސް އެ އިސްލާހު އުވާލަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިލު މިދިޔަ އަހަރުގެ އޯގަސްޓު މަހު ހުށަހެޅި ބިލު، ސެޕްޓެމްބަރު މަހު މަޖިލީހަށް ބަލައިގަނެ ކޮމިޓީ މަރުހަލާފައި އޮންނަތާ އަހަރެއް ވާން ވަނީ ކައިރިވެފަ އެވެ. އެ އިސްލާހުގެ މަސައްކަތް ކުރިއަކަށް ނުދެ އެވެ.

އެ އިސްލާހު އުވާލަން ސަރުކާރުން ވައުދުވި ނަމަވެސް، ވެރިކަން ބަދަލުވުމަށް ފަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އެ އިސްލާހު އުވާލައިފި ނަމަ މުޅި ނިޒާމަށް ބުރުއަރާނެ އެތައް ކަމެއް ކުރިމަތިވެދާނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް