ރެއާލުން 34 ވަނަ ފަހަރަށް ސްޕެނިޝް ލީގު ކާމިޔާބުކޮށްފި

ރެއާލާއި ވިޔަރެއާލް ބައްދަލު ކުރި މެޗުގައި ގޯލު ޖެހުމަށްފަހު ބެންޒީމާ އުފާފާޅު ކުރަނީ --- ފޮޓޯ/އޭޕީ

ސްޕެނިޝް ލީގުގައި މިރޭ ވާދަވެރި ވިޔަރެއާލް ބަލިކޮށް ރެއާލް މެޑްރިޑުން 34 ވަނަ ފަހަރަކަށް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ރެއާލް މެޑްރިޑްގެ އަލްފްރެޑޯ ޑި ސްޓެފެނޯ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުން އެ ޓީމު ވިޔަރެއާލްގެ މައްޗަށް ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ރެއާލަށް ލީގުގެ އެއްވަނަ ކަށަވަރުވެފައި ވަނީ 37 މެޗު ކުޅެގެން 86 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމާއި އެންމެ ގާތުން ވާދަކުރި ބާސެލޯނާ ރޭ އޮސަސޫނާ އަތުން އަމިއްލަ ދަނޑުގައި 1-2 އިން ބަލިވި އިރު އެ ޓީމު ތާވަލުގެ ދެވަނައިގައި އޮތީ 79 ޕޮއިންޓާ އެކު އެވެ.

ކޮވިޑް-19 ގެ ސަބަބުން ތިން މަހުގެ މެދުކެނޑުމަކަށްފަހު ލީގުގެ ކުޅުން ފެށި އިރު ރެއާލް ދެވަނައިގައި އޮތް އިރު އެ ޓީމުން ވަނީ އެއަށްފަހުން ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްފަ އެވެ. އަނެއް ކޮޅުން އޭރު އެއްވަނައިގައި އޮތް ބާސެލޯނާ ގިނަ މެޗުތަކަކުން އެއްވަރުވި އިރު އެ ޓީމު ފަހަކަށް އައިސް ގިނަ މެޗުތަކަކުން ވަނީ ޕޮއިންޓް ގެއްލުވާލައިފަ އެވެ.

ރެއާލްއިން ލީގު ކަށަވަރު ކުރުމަށް ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ދެ ގޯލު ވެސް ޖަހައިދިނީ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒީމާ އެވެ. އެ ދެ ގޯލާ އެކު އޭނާ މި ސީޒަނުގައި ޖެހި ގޯލުގެ އަދަދު 21 އަށް އަރާފައިވާ އިރު މިއީ 20 އަށް ވުރެން ގިނަ ގޯލު އޭނާ ރެއާކަށް ސްޕެނިޝް ލީގުގައި ޖަހައިދިން ހަތަރުވަނަ ފަހަރުވެސްމެ އެވެ. ވިޔަރެއާލުން ރޭގެ މެޗުގައި ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ ވިސެންޓް އިބޯރާ އެވެ.

ޒައިނުއްދީން ޒިދާންގެ ކޯޗު ކަމުގައި ރެއާލް މެޑްރިޑުން ދެވަނަ ފަހަރަށް ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައިވާ އިރު މި ސީޒަނުގެ ކުރީކޮޅު އެ ޓީމުން ދެއްކި ދަށް ކުޅުމުގެ ސަބަބުން ޒިދާން ކޯޗު ކަމުން ދުރު ކުރުމަށް ވަނީ ބައެއް ސަޕޯޓަރުން ގޮވާލައިފަ އެވެ.

ވާދަވެރި ބާސެލޯނާ ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި އޮސަސޫނާ އަތުން ބަލިވި އިރު އެ މެޗުން އެ ޓީމު މޮޅުވި ނަމަވެސް ރެއާލަށް ތަށި ޔަގީންވާނެ އެވެ. އެހެން ކަމުން ބާސެލޯނާގެ ފަރާތުން އެ މެޗުގައި އާދައިގެ ކުޅުމެއް ފެނިގެން ދިޔަ އިރު އެ މެޗުގައި އެ ޓީމުން ޖެހި ހަމަ އެކަނި ގޯލަކީ ހިލޭ ޖެހުމަކުން ކެޕްޓަން ލިއޮނެލް މެސީ ޖަހައިދިން ގޯލެކެވެ.

އޮސަސޫނާއިން އެ މެޗުގައި ޖެހި ދެ ގޯލު އެ ޓީމަށް ޖަހައިދިނީ ހޯސޭ އާރނައިޒްއާއި، ރޮބާޓޯ ޓޮރެސް އެވެ.

comment ކޮމެންޓް