ސީވީއެފްގެ 'ތީމެޓިކް އެމްބެސެޑަރު' ކަމަށް މަޖިލިސް ރައީސް އައްޔަންކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ---- ފޮޓޯ/ މަޖިލިސް

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވެފައިވާ 48 ގައުމު ހިމެނޭގޮތަށް އުފައްދާފައިވާ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ "ތީމެޓިކް އެމްބެސެޑަރު" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޔަންކުރައްވައިފިއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ބަނީ ތީމެޓިކް އެމްބެސެޑަރުގެ މަގާމަށް މަޖިލިސް ރައީސް އައްޔަންކުރެއްވިކަން އަންގާފައި ވަނީ ސީވީއެފްގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓަވާ ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޑރ. އޭކޭ އަބްދުލްމޯމެން، މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި ކަމަށެވެ.

ސީވީއެފްގެ މަސައްކަތް ކުރިއަރުވައި، ގުޅުން ވަރުގަދަކުރުމުގެ ގޮތުން، ކަނޑައަޅާފައިވާ ހަ ދާއިރާއިން އެމްބެސެޑަރުން ކަނޑައަޅާފައިވެއެވެ. އެ ދާއިރާތަކުގެ ތެރޭގައި އެމްބިޝަން، ކަލްޗަރ، ފައިނޭންސް، ޕާލިމަންޓްސް އަދި އިޔާދަކުރަނިވި ހަކަތައާއި ވަލްނަރަބިލިޓީ ހިމެނެއެވެ.

މަޖިލީހުން ބުނީ މަޖިލީހުގެ ރައީސަށް އަރުވާފައި ވަނީ 'ތީމެޓިކް އެމްބެސެޑަރ އޮފް ސީވީއެފް ފޯ ދަ ތީމެޓިކް ޑޮމެއިން އޮފް އެމްބިޝަން' އެވެ.

އަދި އެމަނިކުފާނު އެ މަގާމަށް އައްޔަންކޮށްފައި ވަނީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާ ދެކޮޅަަށް ކުރައްވާފައިވާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

އެގޮތުން ރާއްޖޭގެ ރައީސް ކަމުގެ މަގާމުގައި ހުންނެވިއިރު ކުރެއްވި ބައެއް މަސައްކަތްތައް ސިޓީގައި ފާހަގަކުރައްވާފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

މަޖިލީހުން ބުނީ އެމަނިކުފާނުގެ މަގާމުގެ މަސްއޫލިއްޔަތަކީ އަމިއްލަފުޅު ހައިސިއްޔަތުން ހިލޭ ސާބަހަށް އަދާކުރައްވާނެ މަސްއޫލިއްޔަތެއް ކަމަށެވެ.

ސީވީއެފްގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2009 ވަނަ އަހަރުގެ ރާއްޖޭގައެވެ. އެ ފޯރަމްގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ގައުމުތައް އަހުލުވެރިކޮށް، ތިމާވެށްޓާ ރަހްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް، މެމްބަރު ގައުމުތަކުން ބޭނުންކުރާ ހަކަތައަކީ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތް ކުރުމެވެ.

comment ކޮމެންޓް