ޖިންސީ ގޯނާއަށް ވުރެ ބޮޑު ކަމެއް ސަފާރީގައި ހިނގާފައިވާ ކަމަށް ބެލެވޭ: ފުލުހުން

މަންނާނު --

މިދިޔަ މަހުގެ 25 ވަނަ ދުވަހުގެރޭ، ހުޅުމާލޭ ފަޅުގައި އޮތް ސަފާރީގައި ޖިންސީ ގޯނާއަށް ވުރެ ބޮޑު ކަމެއް އަންހެން މީހާއާ މެދު ހިންގާފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ކެންޔާ އަންހެނަކަށް ސަފާރީގައި ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ 26 ވަނަ ދުވަހުގެ ފަތިހު 05:00 ހާއިރު، ޕެޓްރޯލް ކުރަން ނުކުމެ އުޅުނު ފުލުހުންނަނށް ހުޅުމާލޭ ލަކުޑި ޖެޓީ މަތީގައި އެ އަންހެން މީހާއާއެކު އިތުރު ދެ މީހަކު ތިއްބާ ފެނިގެން އެތަނަށް ގޮސް ސުވާލު ކުރުމުންނެވެ.

އެގޮތުން މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދައުވަތަކަށް، މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންނާއެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށާއި އަދި އެ މީހުން، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާކުރި ކަމަށާއި، އެމީހުންގެ އަމަލުތައް އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވާން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެންގޮސް ހުޅުމާލެ ޖެޓީއަށް ބޭލީ ކަމަށް އަންހެން މީހާ ބަޔާން ދީފައިވާ ކަމަށް ފުުލުހުން ވަނީ މީގެކުރިން ބުނެފައެވެ.

މި މަހުގެ ފުރަތަމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ އަންހެން މީހާ މޫދަށް ފުންމާލާނީ ބޮޑުކަމެއް ވެގެން ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ ކަމަށާއި، ތަހުގީގު ކުރިއަށް ގެންދަނީ އެ މަގުން ވިސްނައިގެން ކަމަށެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވެސް މަންނާނު ވަނީ އެ ވާހަކަތައް ތަކުރާރު ކުރައްވައިފައެވެ.

މަންނާނު ވިދާޅުވީ، އަންހެނަކު ސަލާމަތަށް މޫދަށް ފުންމާލާނީ ބޮޑު ސަބަބެއް އޮވެގެން ކަމަށް ފުލުހުންނަށް ވެސް ގަބޫލު ކުރެވޭ ކަމަށާއި އަންހެން މީހާއަށް ޖިންސީ ގޯނާގެ އިތުރަށް އެއަށް ވުރެ ބޮޑު ކަމެއް އެތަނުގައި އޭނާއާ މެދު ހިންގި ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވިކްޓިމް ބުނެދީފައި އޮންނަނީ، އޭނައަށް ޖިންސީ ގޯނާގެ އަމަލެއް ފުރަތަމަ ހިންގާފައި ދެވަނަ ފަހަރު ވެސް އޭނާއާ ދިމާލަށް އެފަދަ އަމަލެއް ހިންގަން ބަޔަކު އަންނާތީ ތިމަންނަ އޭގެން ސަލާމަތްވުމަށް ފުންމާލީއޭ. އަޅުގަނޑުމެން ބޭނުން ކުރާ ބަހަކީ ޖިންސީ ގޯނާ އެ ތަނުގައި. އަޅުގަނޑުމެންގެ ނިޔަތަކީ ފަހަރެއްގައި އަޅުގަނޑުމެން ގަބޫލުކުރަމޭ އެއަށްވުރެ ބޮޑު ކަމެއް އެތާ ހިނގާފައި އޮވެދާނޭ. ގޯނާއަށް ވުރެ ބޮޑު ކަމެއް ހިނގާފައި އޮވެދާނޭ. އެހެންވީމަ އަޅުގަނޑުމެންގެ މަގުސަދަކަށް ވާނީ އެކަން ތަހުގީގު ކުރުން. ތަހުގީގު ތެރެއިން އެކަން އިތުރަށް ބަލަމުން ގެންދާނަން،" މަންނާނު ވިދާޅުވިއެވެ.

އެހެން ނަމަވެސް އޭގެ މާނައަކީ ވިކްޓިމް ދައްކާ ވާހަކަ ފުލުހުން ގަބޫލުނުކުރުން ނޫން ކަމަށް ވެސް މަންނާނު ވިދާޅުވިއެވެ.

މަންނާނު ވިދާޅުވީ ވިކްޓިމް އާ ހަވާލާދީ، މެންދުރު އޮންލައިން ކިޔާ ވެބްސައިޓެއްގައި ޝާއިއު ކުރި ރިޕޯޓުގައި ވާ ވާހަކަތަކާއި ވިކްޓިމް ފުލުހުންނަށް ކިޔައިދީފައިވާ ވާހަކަތައް ވަރަށް ބޮޑަށް ތަފާތު ކަމަށެވެ.

އެ ނޫހުގައި ބުނެފައި ވަނީ އަންހެން މީހާ ރޭޕްކޮށް، އޭނާއަށް ބިރުދައްކާފައިވާ ކަމަށެވެ.

މަޖިލީހުގެ ކޮމެޓީގައި މީގެކުރިން މަންނާނު ވިދާޅުވީ އެ މައްސަލަ ހުށަހެޅިފައި ވަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށާއި އަދި ތަހުގީގު ކުރެވެމުން އަންނަނީ ވެސް އެގޮތަށް ކަމަށެވެ. އެހެން ނަމަވެސް "ރޭޕެއް ނުހިނގާ ކަމަކަށް ރޫލް އައުޓް ކުރަނީ" ނޫން ކަމަށެވެ.

comment ކޮމެންޓް