ހުކުމް ގޯސްވެ ޖޭއެސްސީއަށް، ބޮޑު ނުބައެއްގެ ފެށުންތަ؟

ޖޫން 20، 2019: ޖޭއެސްސީއިން މީގެ ކުރިން ބެލި މައްސަލައެއްގައި އެ ކޮމިޝަނުގެ ބައެއް މެމްބަރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިދިޔަ އަންގާރަ ދުވަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދައުވާތައް ބާތިލު ކުރަން ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ނިންމެވުމުން ގާޒީގެ ނިންމެވުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ވިދާޅުވީ ގާޒީގެ ނިންމުން ވަރަށް "ހެއްވާ" ކަމަށެވެ. ގާޒީގެ ނިންމުންތަކާ ގުޅޭ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވެ އެގޮތަށް އަމަލު ކުރެއްވި އެވެ. ޕީޖީއިން ފޮނުވި ސިޓީއަކާ ގުޅިގެން ގާޒީގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީއިން މިހާރު ވަނީ ނިންމައިފަ އެވެ.

މިހެން މިކަން ވެފައި އޮއްވާ އިއްޔެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ "އާރުއައިއެކްސް" ކުންފުނީގެ މުވައްޒަފުން ބ. ބޮޑުފިނޮޅުން ނެރުމަށް ބ. ދަރަވަންދޫ ކޯޓުގެ މެޖިސްޓްރޭޓު ނެރުއްވި ވަގުތީ އަމުރާ ގުޅިގެން އެ ކުންފުނިން ވަނީ ދުވަހުން ދުވަހަށް އެ ނިންމުން ނިންމި މެޖިސްޓްރޭޓާ ގުޅޭ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފަ އެވެ.

ބައެއް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ގާޒީ ނިންމަވާ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން ގާޒީގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމަކީ މިހާރު އުފެދެމުންދާ ނުބައި ސަގާފަތެކެވެ.

އޭޕްރީލް 30، 2018: ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރި ހަތަރު ބޭފުޅުން މަގާމުގެ ހުވާކުރުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ނިންމުމާ މެދު ހިތްހަމަނުޖެހެންޏާ އިސްތިއުނާފު ކުރޭ"

ގާނޫނުގައިވާ ގޮތުން ފަނޑިޔާރެއްގެ ނިންމެވުމެއްގައިވާ އިޖުރާއީ މައްސަލައެއް ނުވަތަ ރިއާޔަތް ކުރުމާ ގުޅޭ ގޯހެއް އަދި މާނަކުރުމުގެ ގޯހެއް ޖޭއެސްސީއަކަށް ނުބެލޭނެ އެވެ. އެފަދަ މައްސަލަތަކުގައި ޖެހޭނީ މަތީ ކޯޓެއްގައި އިސްތިއުނާފުކޮށްގެން ހައްލެއް ހޯދަން މަސައަކަތް ކުރާށެވެ. އެފަދަ ކަންކަމުގައި ސުލޫކީ މައްސަލަ ހުށައެއް ނޭޅޭނެ އެވެ. ސުލޫކީ މައްސަލައަކީ ފަނޑިޔާރުގެ ސުލޫކާއި، އަހުލާގާއި އަމަލުތައް ބަހައްޓާ ގޮތާ ބެހޭ ކަންކަމެވެ.

އަދީބުގެ މައްސަލަ ބެއްލެވި ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޕީޖީއިން ޖޭއެސްސީއަށް ހުށަހަޅާފައިވަނިކޮށް، މެމްބަރު ރިޒާގެ ކުންފުންޏާ ދެކޮޅަށް ގޮތް ނިންމެވި ބ. ދަރަވަންދޫ މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައެއް ވެސް އެ ކުންފުނިން ޖޭއެސްސީއަށް ވެއްދުމުން އެކަމާ ގުޅޭ ކަންބޮޑުވުން ބައެއް ވަކީލުން ފާޅު ކުރެއްވި އެވެ.

އެ މީހުންގެ ވާހަކައަކީ ހިތްހަމަ ނުޖެހޭ ގޮތަކަށް ނިންމުމެއް ނިންމާ ކޮންމެ ފަހަރަކު ގާޒީގެ ސުލޫކީ މައްސަލައެއް ހުށަހެޅުމަކީ ގޯހެއް ކަމަށެވެ. އަދި އެފަދަ މައްސަލަތަކަކީ ގާޒީންގެ ނިންމުންތަކާ ބެހޭ މައްސަލަތައް ނަމަ އެ މައްސަލަތައް ޖޭއެސްސީއިން ބެލުމަކީ އަދި އެއަށް ވުރެ ބޮޑު ގޯހެއް ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.

ބާ ކައުންސިލުގެ ރައީސް އަދި ގާނޫނީ ވަކީލު މައުމޫން ހަމީދު އެކަމާ މެދު އޭނާގެ އަމިއްލަ ހައިސިއްޔަތުން ދެކޭ ގޮތް ހާމަކުރައްވަމުން ވިދާޅުވީ، އެފަދަ ސުލޫކީ މައްސަލަތައް ހުށަހަޅަނީ ގާޒީއަކު ނިންމި ނިންމުމަކާ ގުޅިގެން ނަމަ އެއީ ހެދޭ ބޮޑު ގޯހެއް ކަމަށެވެ. ގާޒީންގެ ނިންމުންތައް ޖެހޭނީ އިސްތިއުނާފު ކުރަން ކަމަށާއި ޖޭއެސްސީއަށް ގެންދަން ޖެހޭނީ ގާނޫނުގައި ބަޔާން ކުރާ ފަނޑިޔާރުގެ ސުލޫކާ ހިލާފު ކަމެއް ކޮށްފި ނަމަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ ނިންމެވުމެއް ނަގާފައި އެ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން އިސްތިއުނާފީ މަރުހަލާ އޮއްވާ، އޭގެ އެންމެ އެޕްރޮޕްރިއޭޓު ގޮތަކީ، އެ ނިންމުމުގައި ގާނޫނަށް ރިއާއަތް ނުކުރިޔަސް އިޖުރާއަތާ ހިލާފުވިޔަސް، އެ ހުރިހާ ކަންކަމަކީ އިސްތިއުނާފު މަރުހަލާގެ ތެރެއިން ނިންމަން ޖެހޭ ކަމެއް،" މައުމޫން ހަމީދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"ސުލޫކީ މައްސަލައަކީ މުޅިން އެހެން ކަމެއް. ފަހަކަށް އައިސް މި ފެންނަނީ ވަކި ނިންމުމެއް ނިންމީމައި އެކަމާ މެދު ހިތްހަމަ ނުޖެހިގެން ޖޭއެސްސީއަށް ހުށަހަޅާނަމޭ [ބުނާތަން]،"

ބާ ކައުންސިލުގެ މެމްބަރު އަދި ވަކީލު މުހައްމަދު ފައިސަލް ވެސް ވިދާޅުވީ، ފަނޑިޔާރަކު ނިންމާ ނިންމުމަކާ ގުޅިގެން އެ ފަނޑިޔާރެއްގެ މައްސަލަ ބެލުމަކީ ގާނޫނު ދަންނަ ތަސައްވުރެއް ނޫން ކަމަށެވެ. އަދި އެއީ ގާނޫނުގެ ރޫހެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 56 ވަނަ މާއްދާގައި އިސްތިއުނާފު ކުރުމުގެ ހައްގު ލިބިދީފައި ވަނީވެސް ދަށު ކޯޓުގެ ފަނޑިޔާރަކު ނިންމާ ނިންމުމެއްގައި ގޯހެއް ހެދިފައި އޮތް ކަމަށް ގަބޫލު ކުރެވޭ ނަމަ އެ ނިންމުމެއް ބަދަލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންކަން އޭނާ ފާހަގަކުރެއްވި އެވެ.

"ފަނޑިޔާރުންގެ ނިންމުންތަކަށް އަސަރު ކުރާނެ"

ޖޭއެސްސީގެ ފޯމޭޝަަން އޮތް ގޮތުން ޝަރުއީ ދާއިރާއަށް ސިޔާސީ މީހުން އަތް ބާނަން ފުރުސަތު ލިބި، އިންސާފު ގާއިމް ކުރަން ހުރަސް އެޅޭ ވާހަކަ އަކީ މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން އިދިކޮޅުގައި ތިއްބަވައި، ދައްކަވަމުން ގެންދިޔަ ވާހަކައެކެވެ. ނަމަވެސް، މިހާރު ބާރު ލިބުމުން އެ ވާހަކަތައް އޮބިއްޖެ އެވެ. ސިޔާސީ ނުފޫޒު ޖޭއެސްސީއިން ނެރުމުގެ ވާހަކައެއް މިހާރަކު ނުދައްކަވަ އެވެ.

މިހާރު ޖޭއެސްސީގައި ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ތިއްބަވަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން އެ ކޮމިޝަނަށް އައްޔަންކޮށްފައިވާ މެމްބަރު މަސްތޫރު ހުސްނީ އާއި، އެމަނިކުފާނުގެ ސަރުކާރުގެ ބަންޑާރަނައިބު އިިބްރާހިމް ރިފްއަތުވެސް ޖޭއެސްސީގައި އިންނަވަ އެވެ.

ނޮވެމްބަރ 7، 2019: ހައިކޯޓުގެ އަލަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން ހުވާ ކުރުމަށް ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ސިޔާސީ ބޭފުޅުން ކޮމިޝަނުގައި ތިއްބަވައިގެން ގާޒީންގެ މައްސަލަތައް ބެލުމަކީ ފަނޑިޔާރުންގެ މަސައްކަތަށް ނުސީދާކޮށް ނަމަވެސް އަސަރު ފޯރާނެ ކަމެއްތޯ މިއީ ސުވާލެކެވެ.

އަދީބުގެ މައްސަލައާއި އާރްއައިއެކްސް ކުންފުނީގެ މައްސަލައަކީ ވެސް ސިޔާސީ މީހުންނާ ގުޅޭ ދެ މައްސަލަ އެވެ. އަދީބު ދޭ ބަޔާންތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ބޭނުން ކުރެވޭ މުހިންމު ހެކިތަކަކަށް ވާނެ އެވެ. އެހެންކަމުން، ރައީސް ޔާމިން ޖަލުގައި ބަހައްޓަން އެމަނިކުފާނުގެ ސިޔާސީ ވާދަވެރިންނަށް އަދީބު މުހިންމުވެ އެވެ. އާރްއައިއެކްސް ކުންފުނީގެ ވެރިޔަކީ އެމްޑީޕީގެ މަޖިލިސް މެމްބަރެކެވެ. އެހެންކަމުން، އެއީވެސް ސިޔާސީ ބޭފުޅަކު ހިމެނޭ މައްސަލައެކެވެ. އެމްޑީޕީގެ މަސްލަހަތު އޮތް މައްސަލަ އެކެވެ.

ސިޔާސީ މަސްލަހަތު ހިމެނޭ މި ބާވަތުގެ މައްސަލަތަކުގައި ހުކުމް ކުރާ ގާޒީންގެ ސުލޫކީ މައްސަަތައް، ޖޭއެސްސީގައި ތިއްބެވި ސިޔާސީ ބޭފުޅުން ބައްލަވަން ފެއްޓެވުމަކީ ދެން ތިއްބެވި ގާޒީންގެ ނިންމުންތަކަށް އަސަރު ނުކުރާނެ ކަމެއް ހެއްޔެވެ؟ އެހެން ގާޒީން ބިރު ނުގެންނާނެ ކަމެއް ހެއްޔެވެ؟

މައުމޫން ހަމީދު ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލައެއްގައި ނިންމުމެއް ނިންމާއިރަށް، ގާޒީއާ ދެކޮޅަށް ސުލޫކީ މައްސަލަ ހުށަހަޅައި، އެ މައްސަލަތައް ޖޭއެސްސީިއިން ބަލަން ފަށައިފި ނަމަ އެކަމުގެ އަސަރު ދެން ތިބި ގާޒީންގެ ނިންމުންތަކަށް ކުރާނެ އެވެ.

"އަޅުގަނޑުވެސް ވަރަށް ކަންބޮޑުވާ ކަމެއް. އެގޮތަށް ފެންނާތީވެސް ވަރަށް ކަންބޮޑުވޭ. އަޅުގަނޑަށް ވަރަށް ޔަގީން އަސަރު ކުރާނެ ފަނޑިޔާރުންގެ ނިންމުންތަކަށް،" މައުމޫން ހަމީދު ވިދާޅުވި އެވެ.

ޖޭއެސްސީއިން އެފަދަ މައްސަލަތަކުގައި ގޮތް ނިންމާ ފަނޑިޔާރުންގެ ހުރިހާ މައްސަލައެއް ބަލަން ފަށައިފި ނަމަ އެ އުފެދެނީ ނުބައި ސަގާފަތެކެވެ. އެއީ، މައްސަލައިގައި ކާމިޔާބު ނުލިބޭ ފަރާތުން ގާޒީގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާނެކަމުގެ އިންޒާރު ދިނުމުގެ ސަގާފަތެކެވެ.

ވަކީލު ފައިސަލް ވިދާޅުވި ގޮތުގައި، ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައާ އި ދަރަވަންދޫ މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީއަށް ހުށަހަޅާނަމޭ ބުނުމަކީ ނުފޫޒު ފޯރުވުން ކަމަށް އެއް މާނައަކުން ބުނެވިދާނެ ކަމަށެވެ. އަދި އެއީ ދެންް އޮތް މަރުހަލާގައި މަައްސަލަ ބަލާ ގާޒީންނަށްވެސް ދެވޭ އިންޒާރެއްގެ ގޮތުގައި ބައެއް ހާލަތްތަކުގައި ބެލެވިދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ގާނޫނީ ވަކީލު މުހައްމަދު ފައިސަލް -- ފޮޓޯ/ ސަން

"ކްރިމިނަލް ކޯޓުގެ ފަނޑިޔާރުގެ މައްސަލައިގެ އިތުރުން މެޖިސްޓްރޭޓު ކޯޓުގެ ނިންމުމާ ގުޅިގެން ކުންފުނީގެ ފަރާތުން ޖޭއެސްސީއަށް މައްސަލަ ހުށަހަަޅާނަމޭ ބުނީމަ އަޅުގަނޑަށް މި ކަމުގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމެކޭ ދެންނެވިދާނެ ކަންނޭނގެ އެއް މާނައެއްގެ ތެރެއިން،" ފައިސަލް ވިދާޅުވި އެވެ.

"މިސާލަކަށް ކުރިންވެސް ތިމަންނަމެންގެ މައްސަލަ ބެލި ފަނޑިޔާރުންގެ މައްސަލަތައް ޖޭއެއްސީއަށް މި ހުށަހެޅީއޭ. އިސްތިއުނާފުގެ މަރުހަލާގައި ހިތްހަމަނުޖެހޭ ކަމެއް ދިމާވެއްޖެއްޔާ އެ މީހުން އެ މައްސަލަ ލާނެއޭ ޖޭއެސްސީއަށް. އެހެންވީމަ އިސްތިއުނާފު ކޯޓުގައި ތިއްބެވި ބޭފުޅުންނަށްވެސް އެ ދެވެނީ ކޮންމެވެސް ވަރެއްގެ ނުފޫޒެއް އެ ފޯރުވެނީ. އިންޒާރެއް އެ ދެވެނީ. އަދި ދަށު ކޯޓުގެ ފަނޑިޔާރުންނަށްވެސް އިންޒާާރެއް އޭގެ ޒާތުގައި އެ ދެވެނީ،"

ފައިސަލް ވިދާޅުވީ، ފަނޑިޔާރުން ނިންމާ ނިންމުންތަކާ ހިތްހަމަނުޖެހިގެން އެ މީހުންގެ ސުލޫކީ މައްސަލަ ހުށަހެޅުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމު ދަންނަ ކަމެއް ނޫން ކަމަށެވެ. މިކަމަށް އޮތް ހައްލަކީ އެފަދަ ހާލަތްތަކުގައި ހުށަހެޅޭ ސުލޫކީ މައްސަަލަތައް ބަލައިނުގަންނަން ޖޭއެސްސީއިން ނިންމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގައި އަޅުގަނޑު ހިތުން ހައްލަކީ ޖުޑިޝަލް ސާވިސް ކޮމިޝަނުން މި ކަންތައްތައް އެންޓަޓެއިން ނުކޮށް، މި ބާވަތުގެ މައްސަލަތައް ހުށަހެޅީމަވެސް މިއީކީ އެ ބޭފުޅުން ބައްލަވާނެ މައްސަލަތަކެއް ނޫން ކަމަށް ބަލައި އެ މޭރުމުން ހައްލެއް ދިނުން. އެހެން ނޫނީ ކޮންމެ ފަރާތަކުން ހިތްހަމަނުޖެހޭ ގޮތަށް މައްސަލައެއް ނިމޭ އިރަށް ޖޭއެސްސީއަށް ދާން ވެއްޖެއްޔާ މިކަމަކަށް ހައްލެއް ނާންނާނެ،" ފައިސަލް ވިދާޅުވި އެވެ.

ޕީޖީގެ ބަސް: ހުކުމް ކުރީ އުސޫލުތައް ބޮލާލާ ޖަހާފައި ނަމަ، ޖޭއެސްސީއަށް ދެވޭނެ

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިސަރު އަހުމަދު ޝަފީއު ވިދާޅުވީ، އެ އޮފީހުން ގާޒީ އިސްމާއިލް ރަޝީދުގެ ނިންމުންތަކާ ގުޅިގެން ފޮނުވި ސިޓީގައި، އެ އޮފީހަށް ފާހަގަ ކުރެވޭ މައްސަލަތައް ބަޔާންކޮށްފައިވާނެ ކަމަށެވެ. ޕީޖީ އޮފީހުން ފޮނުވި ސިޓީގައި އެދިފައި ވަނީ އެ ސިޓީގައި ފާހަގަ ކުރި ކަންކަމަކީ ސުލޫކީ މައްސަލައެއް ކަމަށް ޖޭއެސްސީއަށް ފެންނަ ނަމަ އެ މައްސަލަ ބެލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. ޖޭއެސްސީއިން ބުނި ގޮތުގައި އެ ކޮމިޝަނުން އިސްމާއިލް ރަޝީދުއާ ގުޅިގެން ބަލަމުންދާ މައްސަލައަކީ، ޕީޖީ އޮފީހުން ހުށަހެޅުމުން، ބަލަމުންދާ މައްސަލައެއް ކަމަށެވެ.

ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ، ގާޒީ އިސްމާއިލް ރަޝީދާ ގުޅިގެން ޖޭއެސްސީއަށް ހުށަހެޅުއްވީ އޭނާގެ ސުލޫކާ ގުޅޭ މައްސަލައެއް ކަމަށާއި، އޭނާގެ ގަޟާއީ ނިންމުމާ މެދު ހިތްހަމަނުޖެހިގެން މައްސަލަ ހުށަހަނާޅާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސުލޫކީ މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވީ އިސްމާއިލް ރަޝިދު އަމިއްލަފުޅަށް މައުލޫމާތު ހޯއްދަވައިގެން ކަންކަން ނިންމެވުމާއި، އެއްވެސް މީހަކު ޝަރީއަތުގައި ނުދައްކާ ވާހަކައެއްގެ މައްޗަށް ކަންކަން ނިންމުމެވެ. މައްސަލައެއް ނިންމުމުގައި ފަނޑިޔާރު ބަލަން ޖެހޭނީ ޝަރީއަތަށް ހުށަހެޅޭ ކަންކަން ކަމަށް ޝަމީމް ވިދާޅުވި އެވެ.

"[ސުލޫކީ މިންގަނޑުގައި] އޮންނާނެ، ކޯޓުން ނިންމަން ވާނީ ކޯޓަށް ހުށަހެޅޭ ލިޔުންތަކުގެ މައްޗަށޭ. ހުށަނޭޅޭ މައުލޫމާތުގެ މައްޗަށް މައްސަލަ ނިންމުމަކީ ގަޟާއީ ނިންމުމެއް ނޫންތާ. އެއީ ސުލޫކީ މައްސަލައެއް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމްވެސް ގަބޫލު ކުރައްވަނީ، ފަނޑިޔާރަކު މައްސަލައެއް ވަޒަން ކުރި ގޮތާ މެދު މައްސަލައެއް އޮތް ނަމަ އެކަން ޖެހޭނީ އިސްތިއުނާފު މަރުހަލާގެ ތެރެއިން ކުރިއަށްގެންދަން ކަމަށެވެ.

ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި، ފަނޑިޔާރަކު މައްސަލައެއް ނިންމުމުގައި ސުލޫކީ މިންގަނޑާ ވަރަށް ބޮޑަށް ހިލާފުވެއްޖެ ހާލަތެއްގައި ޖޭއެސްސީއަށް މައްސަލައެއް ހުށަހެޅުމަކީ ގޯހެއް ނޫނެވެ. އޭނާ ވިދާޅުވީ، އެގޮތަށް ހުށަހެޅޭ މައްސަލައަކީ ސުލޫކީ މައްސަލައެއް ކަމަށް ޖޭއެސްސީއަށް ނުފެންނަ ނަމަ އެ ކޮމިޝަނުން އެ މައްސަލައެއް ނުބަލަން ނިންމާނެ ކަމަށެވެ.

"ޖޭއެސްސީއަށް މައްސަލަ ހުށަހެޅީމަ ޖޭއެސްސީއިން ސުލޫކީ މައްސަލައެއް ނެތް ކަމަށް ކަނޑައަޅަމުންދާނެތާ މައްސަލައެއް ނެތިއްޔާ،" ޝަމީމް ވިދާޅުވި އެވެ.

އާރްއައިއެކްސް ކުންފުނިން ހުށަހެޅި ސުލޫކީ މައްސަލައަށް ބަލާއިރު، އެ ކުންފުނިން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، ބޮޑުފިނޮޅުން ބިދޭސިން ބޭލުމަށް ދަރަވަންދޫ މެޖިސްޓްރޭޓު ވަގުތީ އަމުރު ނެރުއްވީ ނުފޫޒުގެ ތެރެއިން ކަމަށެވެ. އެ ބަޔާނުގައި ތުހުމަތުކޮށްފައިވަނީ އެ އަމުރަކީ އެ ގާޒީ ވަކިބަޔަކަށް މަންފާވާގޮތަށް، ގާނޫނާ ހިލާފަށް ނެރުނު އަމުރެއްކަމަށެވެ.

އާރްއައިއެކްސް ކުންފުނިން ހުށަހެޅި މައްސަލަ ބަލަން ނިންމި ކަމެއް ނުވަތަ ނުނިންމާ ކަމެއް އަދި ޖޭއެސްސީއިން ހާމައެއް ނުކުރެ އެވެ.

އޭޕްރީލް 30، 2018: ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރި ހަތަރު ބޭފުޅުން މަގާމުގެ ހުވާކުރުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުކުމަކާ މެދު ހިތްހަަމަ ނުޖެހޭ ނަމަ ގާނޫނު ދައްކާ މަގަކީ، މަތީ ކޯޓެއްގައި މައްސަލަ އިސްތިއުނާފުކޮށް ހައްލު ހޯދުމެވެ. ގާނޫނުތަކުގެ އިމުގެ ތެރެއިން ނިޒާމް މަސައްކަތް ނުކުރާ ނަމަ، މުޅި ނިޒާމް އޮޅުން ބޮޅުންވެ ގަނޑުބަޑު ވެދާނެ އެވެ. މަތީ ކޯޓުތަކުގެ ބޭނުމެއް ނެތި، އިސްތިއުނާފަކީ އަގެއް ނެތް އެއްޗަކަށް ވެގެން ހިނގައިދާނެ އެވެ. އިންސާފުވެރިކޮށް ޝަރީއަތް ކުރަން ތިއްބަވާ ގާޒީންގެ ނިންމުންތައް ބިރެއްގެ މަތީގައި ތިއްބަވައިގެން ނިންމަވަން ޖެހިދާނެ އެވެ. ޝަރީއަތްތަކަށް ސިޔާސީ ނުފޫޒު ވަނުމުގެ އާ ދޮރެއް ހުޅުވިދާނެ އެވެ. ޖޭއެސްސީ ކޯޓަކަށް ބަދަލުވެ، ޝަރީއަތް ކުރާ ބަޔަކަށް ވެދާނެ އެވެ. ހުކުމަކާ މެދު ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު އެ ހުކުމް އިއްވި ފަނޑިޔާރުމަނިކުފާނުގެ މައްސަލަ ޖޭއެސްސީއަށް ވެއްދުމަކީ ނުބައި ސަގާފަތެއްގެ ފެށުމަށް ވެދާނެ އެވެ.

އެކަމަކު ފަނޑިޔާރު މަނިކުފާނަކަށް ވެސް ގާނޫނުގެ ޗާޓުން ބޭރުވެ ހިތުހުރި ގޮތަކަށް ހުކުމެއް އިއްވުމުގެ ބާރެއް ނޯންނާނެ އެވެ. ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތައް ތަރުތީބުވެފައި ވަނީ އެއްވެސް ފަރާތަކަށް މުތުލަގު ބާރެއް ލިބިދޭ ގޮތަކަށް ނޫނެވެ. ގާޒީއަކަސް، ޖޭއެސްސީއަކަސް ހުންނަވަން ވާނީ ގާނޫނުގެ އިމުގެ ތެރޭގަ އެވެ. އެއަށް ވުރެ ބޭރަށް ދާ ނަމަ، އެ ހަދަނީ ބޮޑު ގޯހެކެވެ.

comment ކޮމެންޓް