ސަފާރީ ކޭހާއި އަލީ ވަހީދުގެ މައްސަލައިގެ މައުލޫމާތު ފުލުހުން ހާމަކުރަނީ

ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް މީގެކުރިން ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

ޖޫންމަހުގެ 26 ވަނަ ދުވަހުގެ ރޭ ފަތިހު ހުޅުމާލޭ ކައިރި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އާއި ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރި އަލީ ވަހީދު މުވައްޒަފުންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ ގުޅިގެން ފުލުހުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ސަފާރީ މައްސަލައަށް ތިން ހަފްތާއަށްވުރެ ގިން ދުވަސްވެފައިވާއިރު މި މައްސަލާގައި ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މައުލޫމާތު ދީފައިވަނީ ބަޔާނެއް މެދުވެރިކޮށެވެ.

ފުލުހުން ބުނީ މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދޭނީ ސަފާރީއެއްގައި ޖިންސީ ގޯނާ ކުރި މައްސަަލައާއި އަދި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލައާ ގުޅޭގޮތުން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ މިއަދު މެންދުރު 1:00 ގަ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދޭނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ އިތުރުން ޗީފް އިންސްޕެންޓަ އޮފް ޕޮލިސް މަރިޔަމް އަޒުމާ ކަމަށް ފުލުހުން ބުންޏެވެ.

ސަފާރީގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ ފިރިކަލުން ހިމެނޭތީ އެމައްސަލަ އޮއްބާލަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އާންމުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި އެކަމާ ދެކޮޅަށް ގިނަ ބަޔަކު އެއްވެ ވަނީ އިހުތިޖާޖުވެސް ކޮށްފަ އެވެ. އެމައްސަލާގައި ފުލުހުން އޭނާ ހައްޔަރެއް ނުކުރެ އެވެ.

ފުލުހުން ބުނެފައިވަނީ ޖޫންމަހުގެ 25 ވަނަ ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދައުވަތަކަށް، މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންނާއެކު އެކަމުގެ ޝިކާރައަކަށްވީ އަންހެން މީހާ ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށާއި އަދި އެ މީހުން، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާކުރި ކަމަށާއި، އެމީހުންގެ އަމަލުތައް ހުރިގޮތުން އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވާން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެންގޮސް ހުޅުމާލެ ޖެޓީއަށް ބޭލީ ކަމަށް އަންހެން މީހާ ބަޔާން ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ޖޫން 26 ވަނަ ދުވަހުގެ ފަތިހު 5:00 ހާއިރު، ހުޅުމާލެ ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެން މީހާ އާއި އިތުރު ދެ ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މައުލޫމާތު އޮޅުންފިލުވުމުން ކަމަށެވެ.

އެދުވަހު ހެނދުނު އަންހެން މީހާ ޑޮކްޓަރަށް ދެއްކި ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް